English Edition
Dhivehi Edition

ދިރާގު އަދި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބާއްވާ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވަރކްޝޮޕް- ލީން ސްޓާރޓްއަޕް މެޝިން ފެށިއްޖެއެވެ.

އިއްޔެ ފެށި  މި ވޯކްޝޮޕް ކުރިއަށް ދާނީ 3 ދުވަހުގެ މުއްދަތަށެވެ.

“ލީން ސްޓާޓްއަޕް މެޝިން” އަކީ ސްޓާޓްއަޕް ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަޙައްދެއްގައި ކާމިޔާބުކަމއެކު ބާއްވަމުން އަންނަ 3 ދުވަހުގެ ވަރކްޝޮޕެކެވެ. މި­­އީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ލީން ސްޓާޓަޕް މެޝިން ޕްރޮގްރާމް އެވެ. އައު އީޖާދެއް ނުވަތަ އައު ޚިޔާލެއް ތަރައްޤީ ކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެވޭނެގޮތަށް ލީން މެތެޑޮލޮޖީ މެދުވެރިކޮށް ކަސްޓަމަރ ވެލިޑޭޝަން، ޕްރޮޑަކްޓް އަދި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކް ތައް މި ވަރކްޝޮޕް ތެރޭގައި ކިޔަވައިދެވޭނެއެވެ.

މި ވޯކްޝޮޕްގެ މުހިންމު ކަމަކީ ބައިވެރިންނަށް އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ޚިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ދެނެގަތުމެވެ. އަދި ވިޔަފާރިއާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަސްކޮށްދިނުމެވެ.. އަދި މި ވަރކްޝޮޕްގެ ބައިވެރިންނަށް ވިޔަފާރީގެ އެކި ޚިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ބައިވެރިވެވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި ދިރާގުގެ ސީ. އީ. އޯ. އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު، ދިރާގުގެ މެނޭޖްމަންޓް، އަދި ސްޕާކްހަބްގެ ސީ. އީ. އޯ. ހުސެއިން ޖިނާން އަދި މެނޭޖްމަންޓް ބައިވެރިވެވަޑައިގަތެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ކުރިއަށް ދާނީ ލީން ސެޓިފައިޑް ފެސިލިޓޭޓަރުން މެދުވެރިކޮށެވެ. މިގޮތުން ލީން ސްޓާޓްއަޕް މެޝިންގެ ރީޖަނަލް ޕާޓްނަރ ކޯޑް އާމީ، މެލޭޝިއާގެ ސީ. އީ. އޯ. ޒަފަރުލްއަޒްހަރު ބިން ނޫރައްދީން އަދި ސީ. އޯ. އޯ.  އަލީޒާ އެލިޒަބަތް އަދި ލީން ޕްރެޓްޓިޝަނަރ ދާނިޝް އާތިފް ޙަރަކާތްތެރިވާނެއެވެ.
ދިރާގާއި ސްޕާރކްހަބުން އަންގާ ގޮތުގައި ލީން ސްޓާޓްއަޕް މެޝިން ވެގެންދާނީ އޭގެ ބައިވެރިންނަށް ވަރަށް މުހިންމު އަދި ބޭނުންތެރި ވަރކްޝޮޕަކަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރިތައް މެނޭޖްކުރުމުގައި ވިސްނަންވީ މުހިންމު ކަންކަން ބުނެދޭނެއެވެ. އޭގެ އިތުރުން، އަލަށް ފަށާ ވިޔަފާރިއަކަށް ކަސްޓަމަރުންގެ ބޭނުމަށް ވިޔަފާރި ބައްޓަންކުރާނެ އުކުޅުތައްވެސް ކިޔައިދޭނެއެވެ. އަދި މި ވަރކްޝޮޕްގެ މަގްސަދަކީ ވަރކްޝޮޕްގެ ތެރެއިން ތަމްރީނުވާ ބައިވެރިން އެކި ތަފާތު ވިޔަފާރި އުފެއްދުމަށް ލީން މެތެޑޮލޮޖީ ބޭނުންކޮށް ތަފާތު ޚިޔާލުތަކުގެ ތަފާތު ވިޔަފާރި އުފެއްދުމެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ކަމަށް ވާ “އޭންޖަލް ހެކް”  އަދި “ސްޓާޓް އަޕް ގްރައިންޑް އެކްސް” ފަދަ ހަރަކާތްތައް ވަނީ މީގެ ކުރިން ބާއްވާފައިވެއެވެ.