English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

18 އެޕްރީލް 2019 ވީ ބުދަ ދުވަހު ޝަމްސުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުންގެ ‘ފްލައި އަޕް’ އަދި ލިޓިލްމެއިޑް ދަރިވަރުންގެ ‘ގޯލްޑަން ބާރ ސެރެމަނީ’ އެ ސްކޫލުގައި ވަރަށް ކުލަ ގަދަކޮށް ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ ބުދަދުވަހުގެ ހަވީރުގެ ވަގުތުގައެވެ.

ސްޓާރސް ދަރިވަރުންގެ ތެރެއިން 11 ދަރިވަރަކަށް ‘ފްލައިއަޕް’ ބެޖު ވަނީ ލިބިފައެވެ. މިދަރިވަރުންނަކީ ސްޓާރސްގައި ކުރިއަށް ގެންދިޔަ ބައިތައް ނިމިގެން މިއަހަރު ލިޓިލްމެއިޑާއި ގުޅޭނެ ދަރިވަރުންނެވެ. އަދި ސްޓާރސް ކުދިންގެ ތެރެއިން އެހެނިހެން ބެޖް ހާސިލުކުރި ކުދިންނަށް އެބެޖްތައްވެސް ވަނީ ހަވާލުކޮށްފައެވެ.

ލިޓިލްމެއިޑް ދަރިވަރުންގެ ‘ގޯލްޑަން ބާރ’ ބެޖު ހާސިލު ކުރި ކުދިންނަށް މި ބެޖު ދިނުންވެސް އޮތީ މިރަސްމިއްޔާތުގައެވެ. ގޯލްޑަން ބާރ ބެޖަކީ ދަރިވަރުން ނިންމަންޖެހޭ ވަކި ހާއްސަ ކަންތައްތަކެއް ނިންމުމާއި ގުޅިގެން އެދަރިވަރުންނަށް ދެވޭ ބެޖެކެވެ.

ޕްރިންސިޕަލް ސުލްތާން ރާމިޒުގެ ވާހަކަފުޅުގައި ޔުނިފޯރމް ހަރަކާތަކީ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާ އިތުރުހަރަކާތެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލުގައި ހިންގާ ޔުނިފޯރމް ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް ބައިނަލް އަގުވާމީ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދާދި ފަހުން ޝަމްސުއްދީންގެ ކަބުސްކައުޓް ދަރިވަރަކު ސްރީލަންކާގައި ބޭއްވި ކަބޯރީއެއްގައި ބައިވެރިވެފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތަށް ލިބޭ ފުރުސަތުތަކުގައި ވީހާވެސް ގިނަ ދަރިވަރުން ބައިވެރިވުމަކީ ސްކޫލްގެ އެދުމެއްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.