English Edition
Dhivehi Edition

ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދީ އަންހެނުން ބާރުވެރިކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ގްލޯބަސް ޕްރޮޖެކްޓްގެ 5 ވަނަ ބުރުރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.

ގްލޯބަސް ޕްރޮޖެކްޓަކީ 6 ގައުމަކާއެކު ޕާޓްނަރޝިޕް ވެގެން ޔޫރަޕިއަން ޔޫނިއަންގެ އިރަސްމުސް ޕްލަސް ޕްރޮގްރާމުގެ ދަށުން ފަންޑްކޮށްދީގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. ރާއްޖޭގެ ފަރާތުން އެ ޕްރޮގްރާމުގައި ބައިވެރިވީ އައްޑޫ ވިމެންސް އެސޯސިއޭޝަނުންނެވެ.

ރާއްޖޭގެ އިތުރުން ފަސް ގައުމެއްގައި މި ޕރޮގްރާމް ކުރިއަށް ގެންދެއެވެ. އެއީ ވިއެޓްނާމް، ފިލިޕީންސް، ސިންގަޕޯރ، ސްލޮވީނިއަރ އަދި ބްރެޒިލްއެވެ. ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި މި ޕްރޮގްރާމް ހިންގުމަށް ފަހު އެންމެ ފަހު ގައުމެއްގެ ގޮތުގައި ޕްރޮގްރާމުގައި ބައިވެރިވާނީ ބްރެޒިލުންނެވެ.

އެޕްރީލް 13 އިން އެއްހަފްތާގެ މުއްދަތަށް ރާއްޖޭ ގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ 5 ވަނަ ހަރަކާތެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ސިންގަޕޫރުގައެވެ. ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަނީ 2 އަހަރުގެ ތެރޭގައި އެކި ދުވަސްތަކަކަށް ބަހާލައިގެން ގްލޯބަސް ޕްރޮޖެކްޓްގައި ބައިވެރިވާ އެހެން ހުރިހާ ގައުމުތަކެއްގައި ޕްރޮގްރާމު ހިންގުމަށް ޝެޑިއުލް ކޮށްފައެވެ.

ގްލޯބަސް ޕްރޮޖެކްޓްގައި އިގްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމުގައި ޕްރޮޖެކްޓްތައް ރާވާ ހިންގުމަށްޓަކައި ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން އެހީ ހޯދާނެ ގޮތްގޮތާއި އެކަންކަން ކުރުމަށް މަގުފަހިކޮށް އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުން ހިމެނެއެވެ. އަދި ހަމަ އެއާއެކު ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރި ކުރުމަށާއި އަދި ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ހުރި ގޮންޖެހުންތައް ހިމެނޭ ތަފާތު ވޯކްޝޮޕްތައް ކުރިއަށް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ރައީސާ އަދި ކުރީގެ ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާ ވިދާޅުވީ އެ ޕްރޮގްރާމް ނިމިގެންދާއިރު ވިޔަފާރިއެއް ކުރިއެރުވުމަށްޓަކައި ފައިސާ ހޯދާނެ ގޮތާއި ވިޔަފާރިތައް ކުރިއަރުވާނެ ގޮތްތައް އެނގިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ނެގީ ރުކުގެ ބާވަތްތަކުން އުފެއްދޭނެ ބާވަތްތަކުގެ ވިޔަފާރިއެވެ. މިއީ ދެ އަހަރު ދުވަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ތަފާތު އެކި ރޮނގުރޮނގުން ރާއްޖޭގެ އަންހެނުންނަށް މިފަދަ ގިނަ ފުރުސަތުތަކެއް ހޯއްދަވައި ދިނުމުގެ މަގްޞަދުގައި މަސައްކަތް ކުރަމުން އަންނަ އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ މި ފަދަ ގިނަ ޕްރޮގްރާމުތަކުގައި ބައިވެރިވެ ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ޖަމިއްޔާގެ މެމްބަރުންނަށް ހުޅުވާލާފައެވެ.