English Edition
Dhivehi Edition

ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީގައި އަދާލަތު ޕާޓީގެ ހިއްސާ އޮންނާނެ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ލިބުމަކީ ސިޔާސީ ގޮތުން ކުރިއަރައިދިޔުމަށް މުހިންމު ކަމެއް ކަމަށެވެ. ޝިދާތާ މި ގޮތަށް ވިދާޅުވެފައިވާއިރު 19 ވަނަ މަޖިލިސް އިންތިޚާބުގައި އަދާލާތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ލިބޭގޮތް ވަނީ ނުވެފައެވެ. 18 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް އަދާލަތު ޕާޓީއަށް ކާމިޔާބު ކުރެވުނީ އަނާރާ ނައީމް އިންތިޚާބުވި މަކުނުދޫ ދާއިރާގެ ގޮނޑި އެކަންޏެވެ.

ރިޔާސި އިންތިޚާބުގައި އަދާލަތު ޕާޓީން ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. އަދި ޕާޓީ މިހާރު އޮތް ހިސާބަށް އާދެވުނީވެސް ކުރި ބުރަ މަސައްކަތުން ކަމަށާއި މިއަދާ ހަމައަށް ޕާޓީ ދެމިއޮތީ ޕާޓީގެ ފިކުރުގެ ސަބަބުން ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.