English Edition
Dhivehi Edition

ގިނަބަޔަކު މަޖިލިސް ރައީސްކަމަށް އައުމަށް ޝަޢުޤުވެރިކަން ހުރި ކަމަށްވާނަމަ ޕީޖީ މެންބަރުންގެ މެދުގައި ނަގަންޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވެވި ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މެމްބަރުންގެ މެދުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި  އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުވެސް ހޮވަނީ ޕީޖީ ގްރޫޕުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. އެހެންކަމުން ގިނަބަޔަކު މަޖިލިސް ރައީސްކަމަށް އައުމަށް ޝަޢުޤުވެރިކަން ހުރި ކަމަށްވާނަމަ ޕީޖީ މެންބަރުންގެ މެދުގައި ނަގަންޖެހޭނީ ސިއްރު ވޯޓެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޤައުމުގެ މަތީ މަޤާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރުކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެހުރެ، ވޯޓުލުމުގެ ފުރުޞަތު ދިނުމަށް ކަމަށެވެ. އަދި ހޮވޭ މީހާއަށް ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުޞަތު ނުދިނުމަކީވެސް ސިއްރުކޮށް ވޯޓުލާ ސަބަބެއް ކަމަށެވެ.

ނަމަވެސް އެމްޑީޕީން މަޖިލިހަށް ހޮވިވަޑައިގެންނެވި ބައެއް މެމްބަރުން ރޮޒޭގެ މި ވާހަކަތަކާ ވަނީ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ގަލޮޅު އިތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް އަދި ނާއިބު ރައީސްކަމަށް ހުށަހަޅުއްވާ ނަންފުޅަށް އެމްޑީޕީގެ ޕީޖީގައި ވޯޓަށް އަހަންވާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އީވާ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި އެކަމަނާ ހުންނަވާތީ 10 އަހަރު ދުވަސްވެފައިވާ ކަމަށާއި މަޖިލިހުގައި ކަމެއް ފާސް ކުރުމުގެ ކުރިން އެމްޑީޕީ ތެރޭގައި ސިއްރު ވޯޓެއް ދުވަހަކު ވެސް ނުނަގާ ކަމަށެވެ.

އުނގޫފާރު ދާއިރާއަށް މިހާރު އިންތިޚާބުވެވަޑައިގެންފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެވެސް މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ ނަޒާޙާތްތެރި މަޖިލީހެއް އުފެއްދުމަށް ސިއްރު ވޯޓެއް ނުދެއްވާނެ ކަމަށެވެ. މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ނަމެއް ކަނޑައެޅުމަށް ޕީޖީގައި ސިއްރު ވޯޓެއް ނެގުމަކީ މިހާތަނަށް އެމްޑީޕީން ކުރި ކަމެއް ނޫން ކަމަށެވެ. ސިއްރު ވޯޓު ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި އެމްޑީޕީގެ ޕީޖީގައި އެކަމަށް ޖާގަ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވައިގެން ނުވާނެ ކަމަށް އިމްތިޔާޒުވަނީ ވިދާޅުވެފައެވެ.

މަޖިލިސް ރައީސްކަމަށް މިހާތަނަށް އެމްޑީޕީގެ ފަރާތުން ގިނަ ބޭފުޅުންތަކެއް ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާއިރު އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޖިލިސް ރައީސްކަމަށް އެޕާޓީން ހުށަހަޅާނެ ނަމަކަށް ވޯޓަށް އަހާނީ ސިއްރުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއްނުވެއެވެ.

މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މެމްބަރުންގެ ތެރޭގައި އެންމެ ގިނައީ އައްޑޫސިޓީގެ ދާއިރާތަކުން މަޖިލިހުގެ ގޮނޑި ކާމިޔާބު ކުރެއްވެވި މެމްބަރުންނެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވަނީ މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ސޯޝަލް މީޑިއާގައި އެކަން ހާމަކުރައްވަވާފައެވެ.