English Edition
Dhivehi Edition

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި ދައުލަތުން މަހަކު 35،000 ރުފިޔާ ދޭން ރައްޔަތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތް ދިނުމަށް އެދި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.މި ބިލް ފާސްކުރުމަށް ފެންނަކަމަށް 32 މެމްބަރުން ވޯޓު ދީފައިވާއިރު މި ބިލާއި ދެކޮޅަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ.

ބިލު ދިރާސާ ކުރުމަށް ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމުން މި ބިލަށް ކޮމިޓީއިން ބަދަލު ގެނެސްފައިވާއިރު ކޮމިޓީން އެ ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ނައިބު ރައީސްކަން ކޮށްފައިވާ މީހަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރަމުންދާ ނަމަ އިނާޔަތު ފައިސާ ނުލިބޭ ގޮތަށް ވަނީ ހިމަނާފަ އެވެ.

ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދައުލަތުގެ ފައިސާއިން އިނާޔަތާއި ރައްކާތެރިކަން މިހާރު ވެސްދެމުން އަންނައިރު ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000ރ. އަދި ދިރިއުޅޭ ތަނަށް 10،000ރ. ދައުލަތުގެ ބަޖެޓުން ދެއެވެ.

މީގެ އިތުރުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އޮފީސް ޚަރަދުގެ ގޮތުގައި މަހަކު 87،000ރ. ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެއެވެ.