English Edition
Dhivehi Edition

މިނިސްޓްރި އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީކަމަށް އަބްދުﷲ ފަޔާޒް އައްޔަނު ކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ، ޕަރމަނަންޓް ސެކްރެޓަރީކަމަށް ފަޔާޒް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.މި ރަސްމިއްޔާތުގައި ޓްރާންސްޕޯރޓް މިނިސްޓްރީ ގެ ޑިޕިއުޓީ މިނިސްޓަރުވެސް ބައިވެރިވެ ވަނޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒު ކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރި ކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށް ވެސް ކޮމިޝަނުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.
އަބްދުﷲ ފަޔާޒްވ 6 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައި ޚިދުމަތް ކުރައްވާފައިވާއިރު ހިންގުމުގެ ދާއިރާގައި 11 އަހަރަށްވުރެ ގިނަ ދުވަހު ތަފާތު މަޤާމުތަކުގައި ވަނީ ޚިދުމަތް ކޮށްދެއްވާފައެވެ.
ޢަބްދުﷲ ފަޔާޟް ވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން “ބެޗްލަރ އޮފް އިންޖިނިއަރިންގ” ފުރިހަމަކުރައްވާފައެވެ.