ޗީޒަކީ ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ލިއްބައިދޭ އެއްޗެކެވެ. އެހެންކަމުން އެއީ ހަށިގަނޑަށް ބޭނުންތެރި އެއްޗަކަށްވާނެއެވެ. އެހެންނަމަވެސް މާބަނޑު ދުވަސްވަރު ބައެއް ވައްތަރުގެ ޗީޒް ކެއުން އެހާ ރަނގަޅު ނޫންކަމަށްވެއެވެ. ބައެއް ވައްތަރުގެ ޗީޒް ކެއުމުން ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށްވެސް ވެއެވެ.
ސޮފްޓް މޯލްޑް ރައިޕެންޑް ޗީޒް ތެރޭގައިހިމެނޭ ބާވަތްތައް ކަމުގައިވާ ކެމެމްބަރޓް، ޝެވްރެ އަދި ބްރައި ފަދަ ޗީޒާއި ސޮފްޓް ބްލޫ ވެއިންޑް ޗީޒް ތެރޭގައި ހިމެނޭ ޑޭނިޝް ބްލޫ ފަދަ ޗީޒަކީ އެ ކެއުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ލިބައްދޭ އެއްޗެހި ކަމަށް ބައެއްވެއެވެ. މި ފަދަ ޗީޒް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ލިސްޓެރިއާ ފަދަ ބެކްޓީރިއާތައް އުފެދުމަށް މަގުފަހިވެއެވެ. އަދި އެ ބެކްޓީރިއާގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް އޭގެ ގެއްލުން ވެއެވެ. ނަމަވެސް ހާޑް ބްލޫ ވެއިންޑް ޗީޒް ތެރޭގައި ހިމެނޭ ސްޓިލްޓަން ޗީޒް ގައި ލިސްޓެރިއާ ހިމެނޭ މިންވަރު ސޮފްޓް މޯލްޑް ރައިޕެން ޗީޒަށް ވުރެ މަދެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު އެފަދަ ޗީޒް ކެވިދާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވެއެވެ.
މިކަމާ ގުޅިގެން، ދުނިޔޭގެ މަޝްހޫރު ޑައިޓްރިޝަނެއް ކަމަށްވާ ސާޝާ ވަޓްކިންސް ބުނެފައިވަނީ ލިސްޓެރިއާ ހިމެނޭ މިންވަރު ކިތަންމެދަށް ނަމަވެސް ރައްކާތެރިގޮތަކީ އެފަދަ ޗީޒް ކައިރު ރަނގަޅަށް ކައްކައިގެން ކެއުމެވެ. އޭނާ ބުނެފައިވާ ގޮތުގައި މާބަނޑު އަންހެނާގެ ހަށިގަނޑުގައި ލިސްޓެރިއާ ޖަރާސީމު އުފެދިއްޖެ ކަމުގައިވާނަމަ އެމީހަކަށް ލިސްޓެރިއޯސިސް ކިޔާ ބައްޔެއް ޖެހޭ ކަމަށެވެ.
މިބައްޔަކީ މާބަނޑު އަންހެނާއަށް ގިނަފަހަރަށް އޭގެ ސަބަބުން މާ ބޮޑު އުނދަގޫ ތަކެއް ކުރިމަތި ކުރުވާ ބައްޔެއް ކަމަށް ނުވެއެވެ. އެހެން ނަމަވެސް މި ބައްޔަކީ ބަނޑުގައި އުފެދެމުންދާ ދަރިފުޅަށް އޭގެ ސަބަބުން ނުރައްކާ ކުރިމަތި ކުރުވާ ބައްޔެކެވެ. އޭގެ ސަބަބުން ބަނޑުގައިވާ ދަރިފުޅު ބައިގެން ދިޔުމަށް މަގު ފަހިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސާޝާ ބުނެފައިވަނީ ހާޑް ޗީޒްގެ ބާވަތްތައް ކަމުގައިވާ ޗެއްޑާ ޗީޒް،ޝެޝިއަރ، ޑަރބީ، ޑަބަލް ގްލޯސެސްޓާ، ޖަރލްސްބަރގް ފަދަ ޗީޒް ތަކާއި ޔޯގަޓް، އަދި މޮޒެރެއްލާ ޗީޒް ފަދަ ޗީޒްތައް މާބަނޑު ދުވަސްވަރު ކެއުމަކުން ގެއްލުމެއްނެތް ކަމަށެވެ. އެހެން ނަމަވެސް މޯލްޑް ރައިޕެން ސޮފްޓް ޗީޒްގެ ބާވަތްތަކާއި ބްލޫ ވެއިންޑް ޗީޒްގެ ބާވަތްތަކަކީ، މާބަނޑު އަންހެނުން ބޭނުން ކުރުން ރަނގަޅު ޗީޒް ތަކެއް ނޫނެވެ.
ދުޅަހެޔޮ ސިއްހަތަކީ ތިމާއާއި ތިމާގެ ބަނޑުގައިވާ ދަރިފުޅަށް ކޮންމެހެން ބޭނުންވާ ކަމަކެވެ. އެހެންކަމުން ޑޮކްޓަރުންނާއި ޑައިޓީޝަނުންގެ އިރުޝާދުތައް އަޑުއައްސަވާށެވެ.