English Edition
Dhivehi Edition

އައްޑޫ ސިޓީގެ ތަރައްގީ ގުޅިފައިވަނީ ގެސްޓްހައުސް ވިޔަފާރިންކަން ގަބޫލު ކުރެވޭތީ އެކަމަށް ތައްޔާރު ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިމެނޭ ޓީމަކުން އައްޑޫގައި ގެސްހަޓްއުސް ވިޔަފާރި ކުރިއަށް ގެންދެވޭނެ ސަރަހައްދުތައް ބައްލަވަމުން އެބަ ގެންދަވައެވެ.

“އައްޑޫ އޮންލައިން” އަށް މައުލޫމާތު ދެއްވަމުން ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާހިދު (ޝާޑް) ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި އައްޑޫގައި މިހާރު ތަރައްގީވާން ޖެހޭކަމަށެވެ. މިކަމަކީ އައްޑޫގެ ގިނަ ޒުވާނުންގެ އިތުރުން ވިޔަފާރިވެންވެސް ނިހާޔަތަށް އެދޭ ކަމަކަށްވާތީ ގެސްޓްހައުސް ވިޔަފާރި ވަރަށް އަވަހަށް އައްޑޫގައި ތަރައްގީ ކުރެވިގެން ދިއުމަކީ މިހާރުގެ އެންމެ މުހިއްމު ކަން ކަމަށެވެ.

“މިއަދު އައްޑޫ އަށް މިކުރި ދަތުރަކީ ގެސްޓްހައުސް ތަރައްގީ ކުރެވިދާނެ ސަރަހައްދު ބެލުމަށް ކުރި ދަތުރެއ. މިދަތުރުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރުވެސް ބައިވެރިވޭ. މިހާރު މިބަލަނީ ހުރިހާ ރަށަކުންވެސް ސަރަހައްދު ކަނޑައަޅާ ވީހާވެސް އަވަހަށް އިއުލާންކޮށް ފަށާއި ގަންނަން. ސަރަހައްދު ފާހަގަކޮށް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށް މިބަލަނީ” ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ އައްޑޫގެ އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތައް މިހާރު އެއޮތީ ފަށާގަނެވިފައި ކަމަށާއި މިއަހަރުތެރޭ އައްޑޫގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ މަރުހަލާގައި 5000 އަކަފޫޓުގެ 20 ބިމެއް ކޮންމެ ރަށަކުންވެސް ގެސްޓްހައުސް ހެދުމަށް ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ޝާޑު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާޑު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުދޭކަމަށާއި އެމީހުންގެ އެއްބާރުލުން ލިބޭނަމަ ކަންކަން ކުރުމަށް މިހާރަށްވުރެ ފަސޭހެ ތަކެއް ލިބިގެން ދާނެ ކަމަށެވެ. “އަޅުގަނޑަށްވެސް އެނގޭ ކައުންސިލްގެ މެންޑޭޓްގައި ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތެއް އެއްވެސް ދުވަސްވަރެއްގައި ނޯންނަކަން. އެހެނަސް ގުޅިގެން މަސައްކަތެއް ކުރެވެން އެބަޖެހޭ. މިއީ އައްޑޫގެ ތަރައްގީ. މީގެއިން ލިބޭ މަންފާ ލިބޭނީ އެންމެނަށް.” ޝާޑް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު (ސޯބެ) އަށް ގުޅާލުމުން ފޯނު ބިޒީ ކޮށްލައްވާފަ ފޮނިވި މެސެޖްގައި އޮތީ މިވަގު ހުންނެވީ ބިޒީކޮށް ކަމަށާއި ފަހުން ގުޅުމަށެވެ. އެހެން ކަމުން ޑިޕިއުޓީ މޭޔާ އަބުދު ﷲ ތޮއްޔިބު (ޓޮމް) އަށް ގުޅާލުމުން ވިދާޅުވީ، ކައުންސިލުން އެއްބާރުލުން ދޭން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

“ކައުންސިލަކީ މިކަމުގެ މާބޮޑު ރޯލެއް އޮތް ބައެއް ނޫން. ކައުންސިލުގެ ދަށުގަ ބިމެއްނެތް އަދި ޚާއްސަކޮށް ޓޫރިޒަމް ތަރައްގީ ކުރުމަކީ ކައުންސިލްގެ މެންޑޭޓްގައި އޮތްކަމެއް ނޫން. އެހެންކަމުން އެއްބާރުލުން ދީގެން ކައުންސިލުން ކުރެވޭނެ މާބޮޑު ކަމެއްނެތް.” ޓޮމް ވިދާޅުވިއެވެ.

ޓޮމް އިތުރަށް ވިދާޅުވީ، މީގެ ކުރިން 2012 ވަނަ އަހަރުގެ ތެރޭ އައްޑޫގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް މަސައްކަތްތައް ކުރެވުނު ކަމަށާއި ނަމަވެސް އެކަން ނުވެދިޔައީ މިހާރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން ކަމަށެވެ. ކައުންސިލް މެންޑޭޓްގައި ގެސްޓްހައުސް ވިޔަފާރި ނެތުމުން އެފަހަރު މަސައްކަތް ކުރީ ބޮޑެތި ވިޔަފާރި ނަމުގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ކަމަށް ޓޮމް ވިދާޅުވިއެވެ.

މިމަސައްކަތް ކާމިޔާބު ކުރުމަށް ގިނަމަސައްކަތް ކުރެވުނުކަމަށް ޓޮމް ވިދާޅުވިއެވެ. އެގޮތުން މާލެގޮސް އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން ޓޮމްވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އައްޑޫގައި ގެސްޓްހައުސް ބަޔަކު ތަރައްގީ ކުރަން އެބައުޅޭތޯ ޓޮމް ސުވާލު ކުރެއްވިއެވެ. އަދި ދުވަހަކުވެސް އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަމެއްކުރިކަމަށް އެނގޭ އެއްވެސް މީހަކު ހުރިތޯ ސުވާލު އުފެއްދެވިއެވެ. ޓޮމް މިސުވާލު އަމާޒު ކޮށްލެއްވީ ހުޅުދޫގެ އިއްޒަތްތެރި މެމްބަރު ޝާޑުއަށް ކަމަށް ފާހަގަ ވިއެވެ.

ޝާޑު ވިދާޅުވީ، ކުރެވޭ ކަންކަމާއި އަދި ކުރިއަށް ރޭވިގެން ވަކި ހަމަތަކެއްގެ މަތިން ކުރެވޭ ކަންކަމުގެ މައުލޫމާތު ނެތްނަމަ އެއީ ޒިއްމާދާރު ކަންކުޑަކަމެއް ކަމުގައި ދެކޭ ކަމަށެވެ. ކޮންމެ ކަމެއް ކުރާއިރުވެސް އެކަށީގެންވާ ފީޒިބިލިޓީއެއް ހެދި އަދި އެކަމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމުގައި ނުބަލާ ކަންކުރަން އުޅުމުން އެކަމެއް ވުމަށް ވުރެން ގާތީ ނުވުން ކަމަށެވެ.

“ކައުންސިލްގެ އެއްބާރުލުން ނުލިބުނު ކަމުގައި ވީނަމަވެސް މިފަހަރު ގެސްޓްހައުސް ތަރައްގީ ކުރުމަށް މިހިރީ ނިކުމެ ކަމަށާއި އިރާދަ ކުރެއްވިއްޔާ މި ޝާޑް ދެން ދޫކޮށްލާނީ އައްޑޫ ޒުވާނުންނަށް މިފުރުސަތު ހޯދާދިނުމަށްފަހު” ކަމަށް ޝާޑް ވިދާޅުވިއެވެ.

ކައުސިންލް މެންޑޭޓްގައި ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމުގެ އެއްވެސް ބައެއް މީގެ ކުރިންވެސް ނެތެވެ. އެހެންނަމަވެސް ކައުންސިލުން އަބަދުވެސް މިވާހަކަ ދައްކަވައެވެ. މިފަހަރު އެއްބާރުލުން ނުދިނީ މެންޑޭޓްގައި އެކަން ކުރުމަށް ޖާގަ ނުލިބޭތީ ކަމަށް ވިދާޅުވެ އެކަން ފާހަގަ ކުރައްވާއިރު މީގެ ކުރިން އެމަސައްކަތް ކުރައްވަން އުޅުނު ވާހަކަވެސް އެބަ ވިދާޅުވެއެވެ.