English Edition
Dhivehi Edition

.14 އެޕްރީލް 2019 ވަނަ ދުވަހު ހެދުނު ރައީސުލް ޖުމްޙޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ގްރޭސް އަކެލޯ އަށް ސަފީރުކަމުގެ ފަތްކޮޅު ރައީސް އަރުވައިފިއެވެ.
މިރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު އެކަމަނާއަށް ތަހުނިޔާ ވިދާޅުވެ ރައީސްވަނީ ޔުގަންޑާގެ ރައީސަށް ހެޔޮއެދުންތައް އަރިސްކުރެއްވާފައެވެ.
ރާއްޖެއާއި ޔުގަންޑާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ޔުގަންޑާގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ދެބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖެއާއި ޔުގަންޑާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ޔުގަންޑާގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައި އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ.