English Edition
Dhivehi Edition

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު އުވާލުމަށް މުޅި މަޖިލީހުގެ އިއްތިފާޤުވެއްޖެއެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް (ހ)އަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގައެވެ. އެ އިސްލާހު އުވާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މިއަދު ޖަލްސާގައި އެ އިސްލާހު އުވާލަން ޖަލްސާގައި ބައިވެރިވި 64 މެމްބަރުން ވަނީ ވޯޓު ދީފައެވެ. ބިން މިލްކުރެވޭ އިޞްލާޙު ފާސްކުރުމާއި ދެކޮޅަށް ވޯޓް ދެއްވާފައިވަނީ 14 މެންބަރުންނެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިޞްލާޙުގެނެސް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި 22 ވަނަ ދުވަހެވެ. ޤާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކުއެވެ. އެ އިސްލާހު ފާސްކުރީ 70 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއީ ޕީޕީއެމްގެ 44 މެންބަރުންނާއި އެމްޑީޕީގެ 10 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުން އަދި އެމްޑީއޭގެ ފަސް މެންބަރުންގެ ވޯޓުންނެވެ.

ޕީޕީއެމްގެ ބޮޑު ތާޢީދާއެކު ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފަދަ ފަރާތަކަށް ބިމެއްގެ “މިލްކުވެރިކަމުގެ ހައްގުތައް” ދިނުމަކީ އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތާއި ބާރު ގެއްލި، އެސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެ އިސްލާހުގައިވެއެވެ.

މި އިޞްލާޙު އުވާލުމަށް ހުށައަޅަފައިވަނީވެސް ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އޭނާގެ ތާޢީދާއެކު ކުރިން ފާސްކުރި އިޞްލާޙު އުވާލުމަށް ހުށައެޅުއްވި ސަބަބެއްކަމަށް ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ހާލަތެއްގައި ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ އިޞްލާޙު އުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.