English Edition
Dhivehi Edition

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނީތު މަލްއުތުރާ ޑައިރެކްޓްކުރާ “ސްޓޫޑަންޓް އޮފް ދި އިޔާ 2” ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބޮލީވުޑަށް އަލަށް ތައާރަފްވާ އާ ދެ ބަތަލާއިންގެ ގޮތުގައި އާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ ފެނިގެންދާއިރު، ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ޓައިގާ ޝްރޮފް އެވެ. “ސްޓޫޑަންޓް އޮފް ދި އިޔާ 2” ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.މިދިޔަ އަހަރު ޝޫޓިން ފެށި މި ފިލްމަކީ ތިނެސްކަން ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި މިއީ 2012 ވަނަ އަހަރު ކަރަން އުފެއްދި ‘ސްޓޫޑަންޓް އޮފް ދި އިޔާ’އެކޭ އެއްފަދައިން ކޮލެޖްގައި ހިނގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

އާލިއާ ބަޓާއި ވަރުން ދަވަން އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފްވެގެން ދިޔަ ‘ސްޓޫޑަންޓް އޮފް ދި އިޔާ’އެކޭ އެއްފަދައިން މި ފިލްމަކީވެސް އަލަށް ތައާރަފްވާ ބަތަލާއިންނަށް ކުރިއަށް ދިއުމަށް ހުޅުވިގެންދިޔަ ދޮރެއްކަމުގައި އެ ތަރިންވަނީ ބުނެފައެވެ. މި ފިލްމުގައި ކުރީގެ ފިލްމުގެ ތަރިންނަށް ހާއްސަކޮށް އެ ފިލްމަށް ބިނާކޮށް އުފައްދާފައިވާ ލަވައެއް ހިމެނޭ އިރު ފިލްމުގައި 1972 ވަނަ އަހަރު މަޝްހޫރު ފިލްމު ‘ޖަވާނީ ދީވާނީ’ގެ ‘ ޔޭ ޖަވާނީ ހޭ ދީވާނީ’ ލަވައިގެ ރިމިކްސްއެއް ހިމެނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ފިލްމަށް ހާއްސަކޮށް އާލިއާ އާއި ޓައިގާ ޝްރޮފް ފެނިގެންދާ ލަވައެއްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މީޑީއާ ރިޕޯޓްތައްވަނީ ބުނެފައެވެ. މިއީ މި ދެތަރިން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.