English Edition
Dhivehi Edition

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ލެޑް ލައިޓްތައް ގޭބީސީތަކަށް ބެެހުމަށް ފެނަކައާއި ހަވާލުކޮށްފި އެވެ.

އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް)އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200000 ލެޑް ބޮކިތަކުގެ ތެރެއިން ކޮންމެ ގޭބިސީއަކަށް ލެޑް ބޮކި ހަދިޔާ ކުރަން ނިންމާފައިވާއިރު އެ ލެޑް ބޮކީގެ ތެރެއިން ފުރަތަމަ 5000 ލެޑް ބޮކި ގޭބިސީތަކަށް ދިނުމަށް މިނިސްޓްރީން ވަނީ މިއަދު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލައިޓްތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަނެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ލައިޓްތަކާ ހަވާލުވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް އަދި އެންމެ 5000 ލެޑް ލައިޓް ހަވާލުކޮށްފައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއާއިވެސް ލެޑް ލައިޓް ހަވާލުކޮށް ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ގެޔަކަށް ލައިޓް ބެހުމަށް ވަނީ ހަމަޖައްސާފަ އެވެ.

ފެނަކައާއި މިއަދު ހަވާލުކޮށްފައިވާ 5000 ލެޑް ލައިޓަކީ ހަކަތަ ސަމާކާރު ކުރުން ނުވަތަ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންރަމަންޓާއި އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސަސް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ލައްކަ ލެޑް ލައިޓްގެ ތެރެއިން ލިބިފައިވާ ލައިޓްތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަމަންޓް މިނިސްޓަރު ވިދާޅުވީ ފެނަކައާއި ހަވާލުކުރި ލެޑް ބޮކިތަކަކީ ތިމާވެއްޓާ ރަހުމަތްތެރި، ކަރަންޓު ހަރަދު ކުޑަ ލެޑް ބޮކިތަކެއް ކަމަށާއި އަދި އެ 200,000 ބޮކިން ދުވާލަކަށް 9،600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށެވެ.

މި ލެޑް ލައިޓްތަކުގެ ތެރެއިން މަގުތައް އަލިކުރުމަށް ހަދިޔާކޮށްފައިވާ މަގު ބައްތިތައް ބޭނުން ކުރުމުގެ ޕްރޮގްރާމުވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ އިފްތިތާހުކޮށްފަ އެވެ. އެގޮތުން މާޗު 31 ވަނަ ދުވަހު މާލޭގެ އިއްޒުއްދީން މަގުގައި ހުރި ލެޑް ލައިޓްތައް ބަދަލުކުރަން ވަނީ ފަށާފަ އެވެ.