English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

ނޯޓް: މިއީ ޑޮކްޓަރ އަލީ އަލް އަމްރީ ގެ އަރަބިކް ސްޓޯރީއެއްގެ މައްޗަށް ބަލައިގެން ލިޔެފައިވާ ހަގީގީ ވާހަކައެއް.

ސަޢީދުއް ނައުރަސީއަކީ ޢުޘްމާނީ ޚިލާފަތުގެ ދުވަސްރު މިލާދީން އަށާރަސަތޭކައިގެ ފަހުކޮޅު އުފެދުނު މަޝްހޫރު ދީނީ މުފައްކިރެކެވެ. އެންމެ ތުއްޕުޅު އުމުރުގައިވެސް މިކަލޭގަފާނަކީ ޢިލްމަށާއި ޙިކްމަތްތެރިކަމަށް އަރައި ހުނެވި ބޭކަލެކެވެ.

ސަޢީދުއް ނައުރަސީ ޕްރައިމަރީ ތަޢުލީމު އުނގެނިވަޑައިގަތީ އިޞްޠަންބޫލުގެ މަދަރުސާއަކުންނެވެ. ޢިލްމު އުނގަންވައިދެއްވި އުސްތާޛުންނަށް މިކަލޭގެ ފާނުގެ ކިބައިން އެންމެފާހަނަގަ ކުރެވުނު ޞިފައަކީ މިކަލޭގެފާނުގެ ހިތް އަލިކަމާއި ހިތުދަސްކުރުމުގެ ކުޅަދާނަކަމެވެ. ތުއްޕުޅު ޢުމުރުގައި ވަނީ ބޮޑެތި ޢިލްމީ ފޮތްތަށް ހިތުންދަސްކުރައްވާފައިވެއެވެ.

ސަޢީދު އާއިމެދު ކިޔަވައިދެއްވި އުސްތާޛުން އެންމެ ހައިރާންކުރުވި ޙާދިޘާއަކީ މަދަރުސާގެ އިންޓަވަލްގަޑީގައި ކުދިންނާއި އެކު ކުޅިވަރު ކުޅެނިކޮށް ކުދީންގެ މެދުގައި ހިނގި ޒުވާބެއް މަސަލަސްކުރަން އުސްތާޛަކު ކައިރުވުމުން އެއުސްތާޛަށް އިޝާރާތް ކުރައްވައި ސަޢީދު ދެންނެވި ” މިއީ އަހަރެމެންގެ އެތެރޭގެ މައްސަލައެކެވެ. މިކަން އަހަރަމެން ވާހަކަ ދައްކައި ޙައްލު އެބަ ކުރަމެވެ. ” ޢުމުރުން އެންމެ ހަތް އަހަރުގެ ކުއްޖެއްގެ ވާހަކަ އެމޭރުމުން ހުރުމުން އުސްތާޛަށް ލިބުނު ހައިރާންކަން އިތުރުވެގެން ދިޔައެވެ.

ސަޢީދަށް ކިޔަވައިދެއްވާ މުޢައްލިމުން ސަޢީދުގެ ތޫނުފިލިކަމާއި ވިސްނުން ތޫނުކަމާއި އަޚްލާޤުގެ ރަނގަޅުވާހަކަ މުޢައްލިމުންގެ މަޖްލީހެއްގައި އެއްދަވަހަކު ދެއްކިއެވެ. މިވާހަކަ ދެކެވުނު މަޖްލީހުގައި ސަޢީދުގެ އުސްތާޛަކު ހުންނަވާފައި ވިދާޅުވި . ހަމަ ޔަޤީނުންވެސް ސަޢީދުއާއި އެހެން ދަރިވަރުންނާއި ދެމެދުގައި މިހައި ބޮޑެ ތަފާތުތަކެއް ހުރުމުން އެނގި ބަޔާންވެގެން ދަނީ ސަޢީދުގެ މައިންބަފައިން މިކުއްޖާ ތަރުބިއްޔަތުކުރުމުގެ ގެންގުޅޭ އުސްލޫބުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަކަމެވެ . އަހަރެން މާދަން ސަޢީދުގެ މައިންބަފައިންނާ ބައްދަލުކޮށް މިކުއްޖާއަށް ތަރުބިއްޔަތު ދިނުމުގައި އެމީހުން އެގެންގުޅޭ ޚާއްޞަ އުސްލޫބަކީ ކޮބައިކަން ހޯދައި ބަލާނަމެވެ.

ކޮންމެއަކަސް މިއުސްތާޛު ޖެހިގެން އައިދުވަހު ސަޢީދުގައި މައިންބަފައިންނާއި ބައްދަލުކުރިއެވެ. އެގޮތުން އެންމެފުރަތަމަ އަމިއްލައަށް ތަޢާރަފުވެ ސަޢީދުގެ އުސްތާޛެއްގެ ޙައިސިއްޔަތުން އެކުއްޖާގެ އަޚްލާޤާއި ވިސްނުން ތޫނުކަމުގެ ވާހަކަ ސަޢީދުގެ މަންމަގެ ގާތުގައި ދެއްކުމަށްފަހު ސުވާލު ކުރި ” މިކުއްޖާއަށް މިޞިފަތަށް މިލްކުވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ.” އެހިނދު އެމަންމަ ޖަވާބު ދިން “އަހަރެންގެ މި ދަރިފުޅަށް ބަލިވެއިން ދުވަހުން ފެށިގެން ދަރިފުޅު ވިހަންދެން އަބަދުވެސް ވުޟޫގެ މަތީގައި ހުރެވޭތޯ މަސައްކަތް ކުރީމެވެ.” އެހިނދު އުސްތާޛަށް ފުރަތަމަ ސިއްރު އެނގި ބަޔާންވެގެން ދިޔައެވެ. އެއީ ސަޢީދުގެ މަންމައަކީ އަޅުވެރި ޞާލިޙު އަންހެނެއްކަމާއި އަދި ބަލިވެ އިނީއްސުރެ އޭނާގެ އުއްމީދަކީ ޞާލިޙު ރަނގަޅު ދަރިއަކު ދެއްވުކަން އެނގި ހާމަވުމެވެ.

ސަޢީދުގެ ބައްޕައާއި ބައްދަލުކުރަން އުސްތާޛު ދިޔައިރު ބައްޕަ ހުރީ ތުން ބަދެފައިވާ ގެރި ބަކަރިތަކެއްގެ ކައިރީގައެވެ. މިގެރި ބަކަރީގެ ތުންބަދެފައިވަނީ ކީއްވެގެންތޯ ބައްޕަގެ ގާތުގައި އެހުމުން ޖަވާބުދިން ” މިޖަނަވާރުތަކަށް ކާންދޭން ގެންދާމަގުމަތީގައި އެހެންމީހުންގެ ބަގީޗާތަކާއި ދަނޑުތަކުން ކައިހަދާތީ މިކަން ހުއްޓުވުމަށް އަޅުގަނޑު ކޮށްފައިވާ ކަމެކެވެ.” ސަޢީދުގެ ބައްޕަގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދަމުން ބުނި ” ޙަރާމް ގޮތުގައި ހޯދާ އެއްޗެއް އަހަރެންގެ ނަފްސަށާއި އަނބިދަރީންނަށް އަހަރެން ހޭދައެއް ނުކުރަމެވެ. އަދި ނުބައިގޮތުގައި ހޯދާ އެއްޗަކުން އަހަރެންގެ ދަރިފުޅުގެ ހަށިގަނޑު ހެދިބޮޑުވުމަށް އަހަރެން ނޭދެމެވެ.

މިޖަވާބު އަޑު އިވުމުން ސަޢީދުގެ އުސްތާޛަށް ސަޢީދުގެ މަންމައާއި ބައްޕަ ޞާލިޙު ސަޢީދު ތަރުބިއްޔަތުކުރުމުގައި ގެންގުޅުނު ސިއްރަކީ ކޮބައިކަން ހާމަވެ ބަޔާންވެގެން ދިޔައެވެ.

ނިމުނީ.