English Edition
Dhivehi Edition

ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްޤީން ޙާޞިލް ކުރެވޭނެ އެއްޗެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އިސްލާމީ ޔުނިވާސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީ ކުރުންކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ،ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ހޯދައި ދިނުމަށްކަމަށާއި ރައްޔިތުންނަށް ކޮށްދޭ ހެޔޮ ވެރިކަމެއްގައި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ހިލޭ އޮންނަންވާނެ ކަމަށް ރައީސްވަނީ ފާހަނގަކުރައްވާފައެވެ

މީގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ތަޢުލީމީ ދާއިރާއަށް ޚާއްޞަކުރީ ވެސް ޤައުމު ތަރައްޤީކުރެވެން އޮތީ ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށް ވާތީކަމަށެވެ. އަދި މިއީ މި ރާއްޖޭގެ ތާރީޚުގައި ވެސް ބަޖެޓުގެ މިހާ މަތީ އަދަދެއް ތަޢުލީމަށް ޚާއްޞަކުރި ފުރަތަމަ ފަހަރުކަމަށް ރައީސް ވަނީ ފާހަނގަކުރައްވާފައެވެ.

އިސްލާމިކް ޔުނިވާސިޓީން ދަސްވެނިވި ދަރިވަރުންނަށް އިޝާރާތްކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެ ދަރިވަރުންނަކީވެސް، މި ގައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް ކަމަށެވެ. އަދި ގައުމުގެ ތަރައްގީ ބިނާވެގެންދާނީ، އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.