English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަތުމަށް އެމަނިކުފާނުގެ ޝައުގުވެރި ކަމެއް ނެތް ކަަމަށެވެ. މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ގާބިލް ބޭފުޅުން އެމްޑީޕީގައި ތިއްބެވި ކަމަށް ވިދާޅުވެ އަސްލަމްގެ ނަން ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ވަންނަން ބޭނުންވީ ރިޔާސަތުގެ ދަހިވެތިކަމުގައި ނޫން ކަމަށާއި ބޭނުންފުޅުވަނީ މަޖިލިސް ތަޅުމުގައި ހުންނަވައިގެން ގައުމަށް ހިދުމަތް ކޮށްދެއްވުމަށާއި މަޖިލިސް ހިންގެވުމުގައި ކުރިޔަށް ވަޑައިގަންނަވަން ކަމުގައެވެ.

މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރެއްވި މުހައްމަދު އަސްލަމް އަކީ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޤާބިލް ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމާމެދު ގޮތެއް ނިންމަވާނީ އެމްޑީޕީގެ މެމްބަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 64 ގޮނޑި ކާމިޔާބު ކުރުމަކީ އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީއެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ކެމްޕޭންގައި ވި ވައުދާ އެއްގޮތަށް އެޖެންޑާ 19 ގެ މަސައްކަތްތައް މަޖިލީހުގައި ފަށާނެ ކަމަށެވެ. އަލަށް ފަށާ ރައްޔިތުންގެ މަޖިލީހަކީ މާބޮޑަށް ވެސް ތަފާތު މަޖިލީހެއް ކަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ހެދި ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ ޖުމްހޫރީ ޕާޓީއަށް ކަނޑައެޅިފައިވާ މަގާމެކެވެ. ދައުރު ހަމަވާ މަޖިލީހުގެ ރައީސް ކަމުގައި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް މިހާރު ހުންނެވީވެސް އެ އެއްބަސްވުމުގެ ދަށުންނެވެ.