English Edition
Dhivehi Edition

ހިއުމަން ޓްރެފިކިންގގެ މައްސަލަތައް ފަސޭހަކަމާއެކު ފުލުހުންނަށް ހުށަހެޅުމަށްޓަކައި ވެބް ޕޯރޓަލްއެއް ތަޢާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.

މި ޕޯޓަލްއަކީ އިންޓަރނެޓްގެ ޒަރީއާއިން ވެބްސައިޓް މެދުވެރިކޮށް ހިއުމަން ޓްރެފިކިންގ މައްސަލަ ހުށަހެޅުމަށްޓަކައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ވެބް ޕޯޓަލްއެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން ބޭނުންކުރަން ފަށާފައިވާ މި ޕޯޓަލްއަކީ މާލެ އާއި އަތޮޅު ތެރެއަށް ހުށަހަޅޭ ހިއުމަން ޓްރެފިކިންގ މައްސަލަތަކުގެ ތަޙުޤީޤު އަދި އަނިޔާ ލިބިފައިހުރި ފަރާތް ނުވަތަ ފަރާތްތަކަށް ޤާނޫނުުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި ކަނޑައަޅައި، އެންމެމަތީ ދަރަޖައިގައި ތަޙުޤީޤު ފުރިހަމަކޮށް ނިންމުމާއި މަސައްކަތުގެ ފެންވަރު އިތުރުކުރުމާއި ކޮންމެ މުވައްޒަފަކީވެސް މިބާވަތުގެ މައްސަލަތަކަށް އޭގެ އެންމެ މަތީ ދަރަޖަގައި އަހުލުވެރިވެ، ޤާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ޤާއިމްކުރި ޕޯޓަލްއެކެވެ.

އަދި މިފަދަ މައްސަލަތައް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރުމާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް މިޤާނޫނުން ލާޒިމްކުރާ ކަންކަން ހަރުދަނާކަމާއެކުގައި ފުރިހަމަކުރެވޭނެ ގޮތްތަކެއް ތަރުތީބުކޮށްދިނުމާއި ރާއްޖޭގެ ހުރި އެންމެހާ އެމްބަސީތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީވެސް މި ޕޯޓަލްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިވެބް ޕޯރޓަލްގެ ޒަރީޔާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ކޮންސިއުލޭޓްތަކަށް މިބާވަތުގެ މައްސަލަ ހުށަހެޅުމުގައި އޮންނަ ލޭންގްއޭޖް ބެރިއަރ އަށް ބޮޑު ހައްލެއް ލިބިގެންދިއުމާއި އަނިޔާލިބިފައިވާ މީހުން ހޯދުމަށް ފަސޭހަވުމުގެ އިތުރުން ތަހުޤީޤުކުރާ ފަރާތައް މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ލުއިފަސޭހަތަކެއް ވެގެންދާނެއެވެ.

އަދި ހިއުމަން ޓްރެފިކިންގ މައްސަލަތަކަކީ ޚާއްޞަ ޤާނޫނެއްގެ ދަށުން އަދި މަޤާނޫނުގެ ދަށުން ހެދިފައިވާ ޚާއްޞަ އުޞޫލުގެ ދަށުން ތަޙުޤީޤުކުރުމަށް ހަމަޖެހިފައިވާ މައްސަލަތަކެއްކަމަށްވުމާއެކު، މިފަދަ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތަކީ ހަޤީޤަތުގައިވެސް އަނިޔާ ލިބިފައިވާ ފަރާތެއްކަން ކަނޑައެޅުމުގެ އެންމެހާ މަސްޢޫލިއްޔަތެއް މަތިކޮށްފައިވަނީ ފުލުހުންނަށްކަމަށްވުމާއެކު، މި ބާވަތުގެ މައްސަލަތަކަކީ ރާއްޖެއިން ބޭރުމުގެ ފަރާތްތަކާއި ވަރަށް ގިނައިން މުޢާމަލާތް ކުރަންޖެހޭ ބާވަތުގެ މައްސަލަތަކަކަށްވުމާއެކު މި ޕޯޓްލްގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހިއުމަން ޓްރެފިކިންގ ވެބް ޕޯޓަލްގެ އެޑްރެހަކީ www.helpvot.gov.mv އެވެ.

މިޕޯރޓަލް ބޭނުންކުރަން ފަށާފައިވާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލަމުންދިއުމާއި އެކަމާގުޅޭގޮތުން ޕޯޓަލް މެދުވެރިކޮށް ކުރަމުންދާ މުޢާމަލާތްތަކަށް ބަލައި ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިތުރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.