English Edition
Dhivehi Edition
ރައީސުލް ޖުމުހޫރިއްޔާ އައްޑޫގެ ވިޔަފާރިވެރިންނާ ކުރެއްވެވި ބައްދަލުވުމުގެ ތެރެއިން

ލިޔުނ: އާމިނަތު ޒީނާ/

އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ނަށް މިއަދުން ފެށިގެން އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓުން އެތެރެ ވެވޭނެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

ރާއްޖެއަށް އަލަށް ވަޒީފާއަށް ގެންނަ ބިދޭސީ މީގެ ކުރިން އެތެރެވަނީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުންނެވެ. ވާރކް ވިސާ ލިބިފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ އިންތިޒާމް މީގެ ކުރިން ހަމަޖެހިފައިވީ ކަމުގައި ވީނަމަވެސް ، މިއީ ރާއްޖެއަށް އަލަށް ވަޒީފާއަށް އަންނަ ބިދޭސީން އެހެން އެއަރޕޯރޓަކުން އެތެރެ ކުރެވޭ ފުރަތަމަ ފަހަރެވެ.

މިކަމުގެ ސަބަބުން އައްޑޫގެ ވިޔަފާރިވެރިންނާއި ދެކުނުގެ އަތޮޅުތަކުގެ ވިޔާފާރިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. މިއަދު މިގެނައި ބަދަލާއި ގުޅިގެން ޓިކެޓް ޚަރަދާއި،މާލޭ މަޑުކުރަން ޖެހިއްޖެނަމަ ދައްކަންޖެހޭ ކޮޓަރި ކުއްޔާއި،ކެއުމަށް ހިނގާ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށާއި އަދިވެސް އެތައްފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އައްޑޫގެ ވިޔަފާރިވެރިން ވިދާޅުވެއެވެ.

ފޭދޫ ދާއިރާއިން، މަޖްލީސް 2019 އަށް ކުރިމަތި ލައްވާ އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ނިހާދުގެ ކެމްޕެއިން ޙަރަކާތެއްގައި ބައިވެރިވެ ލެއްވުމަށް، 27 މާރިޗް 2019 ގައި ރައީސުލްޖުމްހޫރިއްޔާ މިސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފޭދޫސްކޫލްގައި މި އަވަށުގެ ގިނަ ވިޔަފާރިވެރިން ތަކަކާއި ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާ އަދި އެދިލެއްވި ކަންތައްތައް ޙައްލުކޮށް ދެއްވާނެކަމަށް ވިދާޅުވެފައެވެ. މިއަދު ޙައްލުވެގެން ދިޔަ މިކަމަކީ، ވިޔަފާރިވެރިން، ކަންބޮޑުވުން ފާޅުކުރި ކަންތައް ތަކުތެރެއިން އެއް ކަމެވެ.

އިމިގްރޭޝަނުން ދެވޭ ޚިދުމަތްތައް ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ގެނައުމާއި އަދި ލުއި ފަސޭހަ ގޮތަކަށް ޚިދުމަތްތައް ދެވޭނެ ގޮތް ހެދުމަކީ އިމްގްރޭޝަނުގެ މަޤޮޞަދު ކަމުގައި އެތަނުން ހާމަކުރެއެވެ.އަދި ކުރިއަށް އޮތްތާގައި ވެސް ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ލިބޭނެ ކަންކަން ތަޢާރަފްކޮށް ޚިދުމަތްތައް ފުޅާ ކުރާނެ ކަމަށް ވެސް އިމްގްރޭޝަން އިން މިއަދު ހާމަކޮށްފައިވެއެވެ.