English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ ހަމަޔާއި އުސޫލުން ނެއްޓިފައިވާ ކަމަށާއި، ކަން އޮތް ގޮތް ވިދާޅުވެގެން ޕާޓީން ވަކި ކުރިޔަސް ހެޔޮ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމް، ޕީއެންސީ އާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާއިރު އަލީ ވަހީދުވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެކަމާއި ދެކޮޅަށް ވާހަކަދައްކާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނިންމެވުމަށް ފާޑުވިދާޅުވެފައެވެ.

މި ގޮތުން ރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަލީ ވަހީދު ވިދާޅުވީ މިހާރު ކުނޫޒުގައި ވެސް އެންމެ ގިނައިން އުޅުއްވަނީ އަބުދުއްރަހީމް ކަމަށާއި ކަނޑުފޭރޭ ބަޔަކު ޖުމްހޫރީ ޕާޓީ ފޭރިގެންފިކަމަށެވެ. މީގެ އިތުރަށް އަލީ ވަހީދު ވިދާޅުވީ ކޮންމެވެސް އުސޫލެއް ހިފަހައްޓާ ބަޔަކު ކޮންމެ ޕާޓީއެއްގައި ވެސް ހިފަހައްޓަންޖެހޭ ކަމަށާއި އިސްލާހީ މި މަސައްކަތުގައި ޕާޓީން ކަނޑާލިއަސް ވަރިހަމަކަމަށެވެ. އަދި އެއްވެސް އުސޫލެއް ނެތިއްޖެނަމަ ލިބޭނެ އެއްޗެއްވެސް އަދި ގެއްލޭނެ އެއްޗެއްވެސް ނޯއޮއްނާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އަލީ ވަހީދު ވަނީ ރޭގެ ޖަލްސާގައި އެމްޑީޕީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.