English Edition
Dhivehi Edition
ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޑެވެލީގެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްޑީޕީ

ކުރީގެ ސަރުކާރުން ޗައިނާއަށް ރާއްޖެ ވަނީ ދަރުވާލާފައި ކަމަށާއި އޭގެ ސަބަބުން މިއަދު ރައީސް ސޯލިހަށް ކުރައްވަން ޖެހިވަޑައިގެން އެއުޅުއްވާ މަސައްކަތްޕުޅަކީ ޗައިނާ އަތުން ރާއްޖެ ގަތުމުގެ މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ހެންވޭރު ދާއިރާތަކުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭ، ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އިންތިހާބެއް ވަގަށް ނަންގަވައިގެން ކަމަށާއި، އެއަށް ފަހު ރާއްޖޭގެ ރައްޔިތުން މުޅިން އެއްކޮށް ދަރުވާލާފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް އިންތިހާ އަށް ހިންގައި ”ރޯމާ ދުވާލު” ޔާމީން ގެންދެވީ ވައްކަން ކުރަމުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

“ވީ ގޮތަކީ ހޮސްޕިޓަލް އަޅަން ކަމަށް ވިދާޅުވެ 50 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް 200 އެތައް މިލިއަން ޑޮލަރަކަށް އަރުވާ އޭގެން ވެސް ނާޖާއިޒް ފައިދާ ނެގީ. 70 މިލިއަން ޑޮލަރަށް އެޅެން އޮތް ބްރިޖެއް 200، 300 މިލިއަނަށް އެ ގެންގޮސް އަޅުގަނޑުމެން ދަރުވާލި. ވީ ގޮތަކީ ދިވެހިރާއްޖެ ޗައިނާއަށް ދަރުވާލި. ދަރީންގެ ދަރީންނަށް ދަންދެން އަޅުގަނޑުމެންނަށް ދެން ހަދާނެ އެއްޗެއް ނެތުނީ. އަޅުގަނޑު މެންގެ އިސްތިގުލާލު ގެއްލި ދަނީ. އަޅުގަނޑުނެންގެ މިނިވަން ކަން ގެއްލި ދަނީ” ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނައިން ލޯނު ނަގާފައި ވަނީ ޗައިނާ އިންކަމަށާއި ކުރީގެ ސަރުކާރުން ޗައިނާއިން 1.4 ބިލިއަން ޑޮލަރު ދަރަންޏާއި ގެރެންޓީ ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރީން ބުނެފައެވެ.