English Edition
Dhivehi Edition

“ގޭގައި ހުއްޓާ އެމްބިއުލަންސްގެ ސައިރަންގެ އަޑު ކަންފަތުގައި ޖެހޭއިރަށް ދެފައި ތުރުތުރުއަޅާ. މޭގަނޑު ފިނިވެގެންދޭ. ދެން އިވޭނީ ކޮންފަދަ ބިރުވެރި ޚަބަރެއްގެ އަޑު ކަމެއްވެސް ނޭނގޭ” މިއީ އައްޑޫގެ ގިނަ ބަޔަކު އަބަދުވެސް ބުނާ ވާހަކައެވެ. ވަކިން ޚާއްޞަކޮށް ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނެވެ.

“އެމްބިއުލަންސްގެ އަޑު އިވުމުން އެންމެ ފުރަތަމަ ވެސް ބަލާލެވެނީ ގޭގައި ތިބޭ އެންމެން ހަމަތޯ. ގޭގައި ހުރި ސައިކަލެއް ވިއްޔާ ފެންނަ ފަށުގައި ހުރިތޯ. ގެއިން އެކަކުވެސް މަދުވެއްޖެއްޔާ ދެން ތިބެވެނީ އެމީހެއްގެ ސަލާމަތަށް ހިތާހިތާ ދުއާކޮށްލަ ކޮށްލާ” މިއީވެސް އެއްބަޔެއްގެ ވާހަކައެވެ.

އައްޑޫގެ މީހުންނަށް އެމްބިޔުލަންސްގެ އަޑު އެހާ ބިރުވެރިވާން ޖެހޭ ސަބަަބަކީ ކޮބައިހެއްޔެވެ؟

މަގުތައް ރަނގަޅު ފެންވަރަކަށް ހެދި ދުއްވާތަކެތި އިތުރުވެ މިފަދަ މިފަދަ ކަންތައް ތަކަކީ ތަރައްގީވުން ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. ފައިސާ ލިބޭނަމަ ބޭނުންވަރަކަށް ދުއްވާ ތަކެތިވެސް ގަންނަންވީއެވެ. ލަގްޒަރީ އަރާމު ދިރިއުޅުމަކަށް އެންމެންވެސް ބޭނުންވެއެވެ. ހަމަ މިއާއެކު މި ތަކެތި ދުއްވާނެ ފަސޭހަ މަގެއްވެސް ބޭނުންވެއެވެ. ރޫސް ލާފައި ދުއްވާލެވޭނެ މަގެކެވެ. ނަމަވެސް މަގުމަތީގެ ގަވާއިދުތަކަށް ބޯ ނުލެނބުމުގެ ސަބަބުން ނުވަތަ މި ނޫންވެސް މިފަދަ ކަންތައްތަކުގެ ސަބަބުން މި ހިތްފަސޭހަކަން ދިރިއުޅުމުގެ ” ބިރަކަށް” ބަދަލުވާކަށް މާގިނަ ދުވަހެއް ނުނަގައެވެ. ނަތީޖާ އަކީ އައްޑޫ ލިންކްރޯޑު ހެދިތާ މާ ގިނަ ދުވަހެއް ނުވެ ދުނިޔޭގެ ނިސްބަތުން ނުރައްކާތެރި މަގެއްގެ ގޮތުގައި އެމަގު ވެގެން ދިއުމެވެ. ޑަބްލިޔު އެޗް އޯގެ މިންގަނޑުތަކުން މިންކުރާނަމަ އައްޑޫގެ އާބާދީއާއި އެކްސިޑެންޓްތަކުގެ ސަބަބުން އެ މަގުގައި މަރުވެފައިވާ މީހުންނާ އަޅާ ބަލާއިރު އެއީ ހަމަ ނުރައްކާތެރި މަގެކެވެ.

އައްޑޫގެ މަގުމަތިން ބާރު ސްޕީޑްގައި އެމްބިއުލަންސް ދުއްވާާފައދާ އަޑު އިވިއްޖެނަމަ ދެން އިވޭނީ ނުރައްކާތެރި އެކްސިޑެންޓެއްގެ ހިނގި ކަމުގެ ޚަބަރެވެ. ޒުވާނަކު ނުވަތަ އުމުރުން ދުވަސްވީ މީހަކު ނުވަތަ ކުޑަކުއްޖަކު ނާޒުކު ހާލަތުގައި އޮތްވާހަކައެވެ. ފެނިގެންދާނީ މުޅި އާއިލާގެ މެމްބަރު ހިތާމައާއެކު ހޮސްޕިޓަލު އިމާރާތުގައި ތޮއްޖެހިގެން ކަރުނައަޅައަޅާ ތިބޭ މަންޒަރެވެ. ޑޮކްޓަރުންނާއި ނަރުހުން އަވަދިނެތި އެމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް އަވަސް ފަރުވާ ދެމުންދާ ތަނެވެ. ހަމަ އެއާއެކު ފުލުހުން އެކަންތައްތައް ތަހުގީގު ކުރަމުންދާ މަންޒަރެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެކިއެކި މުއައްސަސާތައް ކުށްވެރިކޮށް ލިޔަމުންދާ ޕޯސްޓްތަކެވެ. މިކަމުގައި ޒިންމާ ނަގާނެ ފަރާތެއް ނެތް ކަހަލައެވެ.

އައްޑޫގައި މިހާތަނަށް ހިނގާފައި ހުރި ހުރިހާ އެކްސިޑެންޓެއް ހެން ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވައިގެންގޮހެވެ. މީހުން އެންމެ ގިނައިން ދުއްވާ ހިތަދޫ ބޮޑުމަގުންވެސް ޒުވާން ކުދިން ސައިކަލުގައި ވޫސް ލާފައި ދުއްވަނީ ބިރެއް ނެތިއެވެ. ތިމާގެ ސައިކަލުގެ އަޑަށް އެންމެން ބިރުން ފެއަށް ޖެހޭތަން ފެނުމުން މަތިހަށިނަގައިގެން ތިބެއެވެ. ނަމަވެސް އާޚިރު ނަތީޖާއަކީ ކޮންމެވެސް ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަކަށް ތިމާ ވުމެވެ. ކޮންމެ ދުވަހަކު މަދުވެގެން 2 ނުވަތަ 3 މީހުން އެކްސިޑެންޓް ގައި ލިބޭ އަނިޔާއަށް ފަރުވާ ހޯދުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ނުދާ ދުވަހެއް ނުވެއެވެ.

އައްޑޫގެ ތާރުއެޅި މަގުތަކުގެ ފެންވަރު ދަށް ވާހަކައަކީވެސް ގިނަ ބަޔަކު ދައްކާވާހަކަތަކެވެ. މަގުތައް މަރާމާތު ނުކުރާކަމަށާއި އެކްސިޑެންޓްތައް ހިނގާ އެއްސަބަބަކީ މިއީކަމަށް ބުނެ ކަމާބެހޭ މުއައްސަސާތަކަށް އިނގިލި ދިއްކުރާ މީހުންވެސް މަދެއް ނޫނެވެ.

“ރަނގަޅު ފެންވަރަކަށް ހަދާފައިވާ ލިންކްރޯޑު ހަލާކުވެ ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނައިރު އެކަންކަން ރަނގަޅު ނުކުރެވޭ. ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުން އޭގެ ނުރައްކަލަށް މަގުން ދަތުރުކުރާ އެންމެން މިވަނީ ހުށަހެޅިފައި. ބާރު ސްޕީޑްގައި ދުއްވާ މީހާ އަށާއި ގަވާއިދާއި އެއްގޮތަށް ދުއްވާ މީހާ ވެސް މެ. މިފަދަ ނުރައްކާތެރި ގިނަ ހާދިސާތައް ކުރިމަތިވަނީ މަގުތައް ގަވާއިދުން މަރާމާތުކޮށް ނުބެލެހެއްޓޭތީ. ” އައްޑޫސިޓީ ކައުންސިލުގެ ވާހަކައަކީ މިއީއެވެ.

އެކަކު އަނެކަކަށް އިނގިލިދިއްކޮށް ތިމާ ފިޔަވައި އަނެކާގެ މައްސަލައެއް ކަމަށް ނުދެކި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ބުއްދިވެރިންގެ ގޮތެވެ. މިއީ އަހަރެމެންގެ އައްޑޫސިޓީއެވެ. މި ސިޓީގެ ކޮންމެ ކަމަކާ މެދު ވިސްނަން ތިބީ އައްޑޫގެ ރައްޔިތުންނެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ވިސްނުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ.

މަގުމަތީގައި ބާރު ސްޕީޑްގައި ދުއްވަމުންދާއިރު ތިމާދެކެ ލޯބިވާ ބަޔަކު ތިބިކަން ހަނދާން ކުރަން ޖެހެއެވެ. ތިމާއަށް ދެރަގޮތެއް ވެއްޖެ ނަމަ ކަރުނަ އަޅާނެ ބަޔަކު ތިބޭނެކަން ދަންނަން ޖެހެއެވެ. ތިމާއަށްޓަކައި ކަންބޮޑުވާނެ މީހުންވެސް ތިބޭނެކަން ދަނެގެން އެހެންމީހުންގެ ރައްކާތެރިކަމަށްވެސް ވިސްނައިގެން މަގުގެ ބޭނުންކުރުން މުހިއްމެވެ!