ކެމްޕެއިން ޖަގަހަތައް، ޒުވާނުންގެ ބަދިގެއަށް
7 މަސް ކުރިން
އޭއޯ ނިއުސް

މަޖިލީސް އިންތިހާބު ކުޑަތަން ވެގެން އަންނައިރު ކޮންމެ މީހަކުވެސް ދައްކާލާހިތް ވާނީ ކެމްޕެއިންގެ ވާހަކަ އެވެ. އެމީހެއްގެ ކެމްޕެއިން ކުރިއަށް ދާ ގޮތުގެ ވާހަކައެވެ. އެމީހަކަށް ތާއީދު އޮތް މިންވަރުގެ ވާހަކައެވެ. ކެމްޕެއިން އޮފީސް ދޮށުގައި އަބަދުވެސް މީހުން ތިބޭ ވާހަކަ އެވެ. އެއްވުމެއް ނުވަތަ ކަންމަތީ ބައްދައްލުވުމެއް ބާއްވައިފިނަމަ ގިނަ ބަޔަކު ދާ ވާހަކައެވެ. ނަމަވެސް އެންމެފަހުން އިންތިހާބުގެ ނަތީދާ ނުކުންނަ އިރު ވާގޮތެއް ނޭނގޭއެވެ. މަދު ވޯޓް ކޮޅެއް ނޫނީ ލިބިފައި ނޯވެއެވެ. މިވަނީ ކީއްހެއްޔެވެ؟

ރާއްޖޭގެ އެހެން ރަށްތަކުގައި މިކަން ހިނގާގޮތެއް ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް އައްޑޫގެ ވާހަކަ ހިއްސާކޮށްލާނަމަވެ. މީގެ ކުރިން ކެމްޕެއިން ޖަހަގަތަކުގައި އަބަދުވެސް މީހުންތިބުމާއި، އެސަރަހައްދު ވަކި ގަޑިތަކަށް ހަލަބޮލި ވެފައި އޮންނަތަން ފެނުމުން އަޅުގަނޑުގެ ހިތަށްވެސް އަރައެވެ. މި ކެންޑިޑޭޓަށް ހާދަހާ މީހުން ތާއީދު ކުރައެވެ.

Advt

Advertisement

އެހެންނަމަވެސް މިކަން މިހިނގަނީ ކިހިނެތްތޯ ބެލުމަށް މިހާރު މިހިނގަމުންދާ ކެމްޕެއިންގައި އަޅުގަނޑު ކުޑަކޮށް މަސައްކަތް ކޮށްލީމެވެ. އޮފީސް ދޮށުގައި ޒުވާނުން ހޭލަ މޭލާ މިޔުޅޭ ސަބަބު ދެނެގަތުމަށެވެ. އެމީހުން އެތާގައި މިކުރާ ކަމެއް ހޯދާ ބެލުމަށެވެ. އިސާހިތަކު  މިވާގޮތް ވަަރަށް ސާފުކޮށް އަޅުގަނޑަށް އެނގިޖެއެވެ. އަތުން ހިފި އަޖުމަވެސް ބެލުނީއެވެ. ނަމަވެސް އެކަމަށް ދޭނެ ލަފްޒެއް ނޭނގުނެވެ. ކުރުކޮށް ބުނާނަމަ އަޅުގަނޑަށް ފެނިގެން ދިޔައީ ކެމްޕެއިންގެ ބޯޑްގައި ހުރި ޒުވާނުންގެ ބަދިގެތަކެކެވެ.

ކިތަންމެހާވެސް ރަނގަޅެވެ. އެތައް ޒުވާނުންތަކަކަށް ކާންދީ ބޯންދީ، އެމީހުންގެ ގެދޮރުގެ އިހްސާސްކޮށްދޭ ފަދަ ތަންތަނެވެ. އަޅުގަނޑު މިދެންނެވި ގޮތަށް ކެމްޕެއިން ޖަގަހަތަކުގައި މިހިނގާކަން ކަން ބެލުމަށް އުޅުނު އިރު ގެ ތަޖުރިބާ ހިއްސާކޮށްލާނަމެވެ. ދުވަސް ފެށިގެންދަނީ މެންދުރު އަނބުރާ ދޭއް ޖަހާ ކަންހާއިރެވެ. ކެމްޕެއިން އޮފީސް ދޮށުންނެވެ. އުމުރުފުރައިގެ ގިނަ ކުދިން އެތަނަށް އާދެއެވެ. އެތަނުން އަބަދުވެސް ލުއި ކާނާ ލިބެން ހުރެއެވެ. ހަވީރު ވަގުތު ޖެހޭއިރަށް ސައިފޮދު ތައްޔާރުވެއެވެ. ބަނޑުފުރާ ސައިބޯލިއަސް އަނގައިން ބުނެލާނެ އެކަކުވެސް ނުވެއެވެ. އެއަށްފަހު ދެން ތައްޔާރުވާނީ ރޭގަނޑުގެ އެއްވުމަށް އޮންނަ ސަރަހައްދު ތައްޔާރު ކުރުމަށެވެ. އެތަނުގައި ބާއްވާ ބައްދަލުވުން ވެސް ނިމިގެން ދާނީ އެހާމެ ފުރިހަމަ ސުފުރާއަކުންނެވެ. ބޮނޑިބަތް ނެތިއްޔާ ބާބެކިއު ނުވަތަ ދިވެހިންގެ އާއްމު ކެއުމަކުންނެވެ. ދަންވަރު ވަންނަވަރަކަށް ޖަގަހަ ބަދަލުވެގެންދާނީ ކުޅިވަޅު ފެންޑާމަކަށެވެ. ހަމަ އެއާއި އެކު ތަފާތު ލުއި ބުއިންތައް އަބަދުވެސް ކުރިމަތީގައި އަތުރާލައިފައި ހުރެއެވެ. ނިދުމަށް އެނބުރިލާނީ މެންދަމު އަނބުރާ ދޭއް ނުވަތަ ތިނެއް ޖަހާކަންހާއިރެވެ. އަނެއްކާ އާދުވަހެއް ކުރިއެކޭ އެއްގޮތަށް ފެށެއެވެ.

ޖަގަހައިގައި އުޅެމުންދިޔަ ބައެއް ކުދިންނާއި ވާހަކަ ދައްކާލުމުން އެމީހުން ތިބެނީ ވަރަށް ހެވިފައެވެ. އަދި ކޮންމެ މަހަކު އިންތިހާބެއް އޮންނަމައޭ އެމީހުން ބުނެއެވެ. ކެއުމަށް ހަރަދު ކުރާކަށް ނުޖެހެއެވެ. ފައިސާއަކަށް ބޭނުން ޖެހޭއިރަށް އެވެސް ލިބެއެވެ. ދެންވެސް ހުރިކަމަކަށް ދަތިވެއްޖެނަމަ އެދިލެއްވުމާއި އެކު އޮންނަނީ ހަމަޖެހިފައެވެ. ގޭގައި އުޅުމަށްވުރެ ހިތްގައިމެވެ.

ތެދެކެވެ. އަޅުގަނޑުގެ ތަޖުރިބާވެސް ހަމަ މިދެންނެވި ގޮތެވެ. ނަމަވެސް ހިތާހިތާ ސުވާލުކޮށްލަން ޖެހެއެވެ. މިއީ މިކަން އޮންނަން ޖެހޭ ގޮތް ހެއްޔެވެ. މަހެއް ދެމަސް ވާއިރު ކޮންމެ އިރެއްގެ ކެއުން ޖަގަހައިން އޮންނަ އޮތުމަކީ ދިވެހިން ބޭނުންވާ ގޮތްހެއްޔެވެ. މިއީ ބަޔަކު އަޅުވެތި ކޮށްގެން ގެންގުޅުމުގެ ސިފައެއް ނޫން ބާވައެވެ. ވޯޓްގެ ދަހިވެތިކަމުގައި ބަޔަކަށް ދެވޭ އިނާޔަތްތަކެކެވެ. މިއީ މިކިޔާ ‘ކޮރަޕްޝަން’ އަށް ވާނެހެއްޔެވެ.

ކޮންމެއަކަށް އެތައް ޒުވާނުންނަށް ފައިދާތަކެއް ލިބިއްޖެއެވެ. އެތައް ބަޔަކަށް ކެންޑިޑޭޓުންގެ ދީލަތިކަން ފޯރައިފިއެވެ. މިއީ އެފަރާތެއް ހެޔޮ ހިތުން ކޮށްދޭ ކަމަކަށް ވާނަމަ ހަމަ އައްސަރިބަހާއި ސާބަހެވެ. ފަހަތުގައި ފޮރުވިފައިވާ ކަމެއް ނެތްނަމަ ތިޔަދެއްވާ ދީލަތިކަމަށް ހެޔޮ ބަދަލު ދެއްވާށިއެވެ. އަދި އިންތިހާބު ނިމުމުންވެސް ތިގޮތުގައި ދަމަހައްޓާށެވެ. ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވާށެވެ.

އިންތިހާބަށްޓަކައި މިގޮތަށް ހަރަދުކޮށް އެދުވަސްވަރު ރައްޔިތުންގެ ލޯބި ހޯދުމަށް އުޅޭނަމަ އެހެދެނީ ގޯހެކެވެ. އޭގެ ބަދަލުގައި ދާއިމީ ގޮތަކަށް މިކަން ކުރުން ކީއްތޯއެވެ. ތިޔަ ކެމްޕެއިން އޮފީސްތަކުން މިހާރު ތިޔަދެއްވާ ފަރިއްކޮޅުތައް ހުރިހާ ރައްޔިތުންނަށް އަބަދުވެސް ލިބޭނެ ގޮތެއް ހަމަޖައްސަމާތޯއެވެ.