English Edition
Dhivehi Edition

ޤައުމުގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަން ބިނާވެފައި އޮންނާނީ، އެ ޤައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ކަމުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ޤައުމުގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަން ބިނާވެފައި އޮންނާނީ، އެ ޤައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް. ދިވެހި ފުލުހުންނަކީ، އަބަދުވެސް ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތާ، ޤާނޫނީ އިމުގެ ތެރޭގައި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދޭ ބަޔަކަށް ހެދުމަކީ، އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާ އިޞްލާޙްކުރުމުގެ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ ދުވަހާއެކު ފަށައިފައިވާކަމަށާއި ވެރިކަމުގެ މަސައްކަތު 100 ދުވަހުގެ ތެރޭގައި، ފުލުހުންނާ ގުޅޭގޮތުން ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއް، ފުރިހަމަކުރެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހުރިހާ ފުލުހުން ޢަޒުމް ކަނޑައަޅަންވީ ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްކަމަށާއި، ފުލުހުންނާ ބައްދަލުކުރާއިރު، ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވުމަށްކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ތަރައްޤީ ހަލުވިވެ އިޤްތިޞާދު ކުރިއަރައި ދިޔުމަށް ވެސް، ބޭނުންވާ އެންމެ މުހިންމު ކަމަކީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުން މަސައްކަތްކުރަންވީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށްކަމުގައެވެ.