English Edition
Dhivehi Edition

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ފޭދޫން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފޭދުއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ފޭދުއަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، މާރިޗް 27ވަނަ ދުވަހުގެ 16:00 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، އެ ބޯޓު ފޭދުއާއި ގާތްކުރިވަގުތު ފުލުހުން އެބޯޓަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރުގަނޑު މިދެމީހުން ތިބި ބެންޗުން ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް އައްޑޫސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.