English Edition
Dhivehi Edition

ލިޔުނީ: އާމިނަތު ޒީނާ

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ނިހާދަށް ކެމްޕެއިން ކުރެއްވުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ނިހާދުގެ ކެމްޕެއިން ޓީމުން އިންތިޒާމް ކުރި ފުޓްބޯޅަ މެޗް މިއަދު ހަވީރު ފޭދޫ ރަސްމީ ބޯޅަދަނޑުގައި ކިކް އޮފް ކޮށްދެއްވެވީ ނިހާދު އާއި ރައީސް ޞޯލިހްއެވެ. ގާތްގަނޑަކަށް ވިހި މިނެޓަށް ކުޅެވުނު މިމެޗް ނިމުމުން ފޭދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ޞާލިޙް ވިދާޅުވީ ފޭދޫއަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ރަންތާރީޚެއް އޮތް ރަށެއްކަމަށެވެ. ކުރިންވެސް އަދި މިހާރުވެސް ފުޓްބޯޅަ ކުޅުމުގައި އަދި ކުޅިވަރުގެ ތަފާތު އިސް މަޤާމުތަކުގައި ފޭދޫގެ ދަރިން ތިބިކަމީ ފޭދޫ އަށް ލިބިގެންދާ ޚާއްޞަ ފަޚުރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކައިރި މުސްތަޤްބަލެއްގައި ފޭދޫގެދަނޑުގައި ޓާފް އެޅި،އިންޑޯ ވޮލީކޯޓާއި،އާޓިފިޝަލް ބީޗަކާއި އެކު ސްވިމިންގ ޓްރެކް ފޭދޫގައި އެޅިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ފޭދޫގެ ރައްޔިތުންނަށް ރައީސް ދެއްވެވިއެވެ. އަދި ފޭދޫގައި ފުޓްބޯޅަ ދަނޑު ތަރައްޤީވެގެންދާއިރު ސްޓޭޑިއަމްވެސް އެޅިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ކުޅެވުނު ފުޓްބޯޅަ މެޗް ކުޅެފައިވަނީ ފޭދޫގެ ޒުވާނުންގެ ޓީމަކާއި، 1970،1972 ގެ ފުޓްބޯޅަ ޗެމްޕިއަން ”ވެޓަރަންސް” ޓީމްގެ މަޝްހޫރު ކުޅުންތެރިންނާއި ޤައުމީ ފެންވަރުގައި ނަން ވިދާލާފައިވާ ފޭދޫގެ ފުޓްބޯޅަ ތަރިން ހިމެނޭ ޓީމަކާއެވެ. މީގެ ތެރޭގައި، މަޝްހޫރު ނަމުންނަމަ،ސިލާޗީ އަލީ،ބެންޖޯ،ހަންޑާ،އަދި އުދުހޭ މުފީދު،މިސްރާބް ސަޢީދު،ލަބީބް ފަދަ ބޭފުޅުން ހިމެނެއެވެ. މިމެޗަށްފަހު ނިހާދުގެ ކެންޑިޑޭޓް ނަންބަރ 2 ޖަހާފައޮތް ޖާރޒީއެއް ވިޓަރެންސްޓީމްގެ ފަރާތުން ރައީސަށް އެރުވިއެވެ.

ނިހާދުގެ ކެމްޕެއިން އިވެންޓް ނިންމެވުމަށްފަހު ރައީސް މުޙައްމަދު ޞޯލިޙް ހިތަދޫ ފެނަކައިގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްފަހު މިރޭ އެނބުރި މާލެ ފުރާވަޑައިގަންނަވާނެއެވެ. ރައީސްގެ މިދަތުރުފުޅުގައި ފޭދޫސްކޫލަށް ޒިޔާރަތްކޮށް ބެލެނެވެރިންނާއި،ދަރިވަރުން އަދި ސްކޫލްގެ މެނޭޖްމަންޓާއި ބައްދަލުކުރެއްވެވިއެވެ. އަދި ފޭދޫގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ ދަތިތަކުގެ ވާހަކަވެސް އަޑުއެއްސެވިއެވެ.

ރައީސް މުޙައްމަދު ޞޯލިޙްވަނީ މީގެ ކުރިންވެސް ރައީސް ނަޝީދާއި އެކު އެމްޑީޕީ ކެމްޕެއިނަށް އައްޑޫސިޓީއަށް ވަޑައިގަންނަވާފައެވެ.