އައްޑޫ ސިޓީގެ މީދޫގެ ޒުވާނުންނަކީ އިޖުތިމާއީ ގުޅުމުގެ ނަމޫނާ މިސާލެއް ކަމަށް ބުނުމަކީ ސިޓީގެ އެހެންރަށްތަކުގެ ޒުވާނުންނަށް ދެވޭ ދެރަބަހެއް ނޫނެވެ. އެހެން ރަށްތަކުން ނުފެންނަ ފަދަ މަންޒަރުތައް މީދޫން ފެނުމަކީ މިކަމަށް އޮތް ސާފު ހެއްކެކެވެ. ސަރުކާރުން ކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބުމުގެ ބަދަލުގައި ޒުވާނުން އިސްނަގައިގެން ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ކުރާ މަސައްކަތް ގިނަ ގުނައެވެ. މަގުތައް ހެދުމާއި ރަށަށް އަންނަ މެޙްމާނުން ޝައުގުވެރިވާ ތަނަކަށް މީދޫ ހެދުމަށް ރަށުގެ ޒުވާނުން ދަނީ ރެއާ ދުވާލު ހެބޯނާރާތިބެ މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ! މީދޫގައި މައިޒާންތައް ގިނަވެ، ރައްޔިތުންގެ އެކުވެރިކަން ބަދަހިވެ ރަށްވަންތަ ލޯބި ދަނީ އިތުރުވަމުންނެވެ. މިހާރު މީދޫން ފެންނަމުންދަނީ މިއަށް ވުރެންވެސް އާދަޔާ ޚިލާފު މަންޒަރެވެ. މީދޫ ކޯގަންނަ ސަރަހައްދުގައި އޮތް ރާފަޅާ ތަރައްގީކުރަމުންގެންދާ ތަނެވެ. މީހުން މޫދަށް އެރުމަށާއި މުނިއަވަސް ފިލުވުމަށް އައިސް ތިބޭނެ ޚާއްޞަ ތަނެއް އެ ސަރަހައްދުގައި ތަރައްގީކުރުމުގެ ބުރަ މަސައްކަތް ކުރެވެމުންދާ ތަނެވެ! މުޅީންވެސް ތަފާތު ކޮންސެޕްޓަކާއެކުގައެވެ!
މީދޫ ގެ ޒުވާނެއް ކަމުގައިވާ އަޙްމަދު ސިޔާދުގެ ހުވަފެންތައް ވަރަށް ފޮންޏެވެ. ކުރެވޭ އުއްމީދުތައް ގުޅުވާލާފައިވަނީ އަމިއްލަ ރަށާއެވެ. ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުނު ސިޔާ މިހާރު އަމިއްލަ ވަޒަނަށް އައިސް ދެކެން ބޭނުންވި ދުވަހަކީ އަދި މި ރާއްޖޭގައިވެސް ނެތް ފެންވަރުގެ ރީތި މައިޒާނެއް މީދޫގައި ހެދުމެވެ. އަމިއްލަ ޖީބުން ޚަރަދުކޮށްގެން ނަމަވެސް މި ހުވަފެން ހަގީގަތަކަށް ހެދުމެވެ. މި އަޒުމުގައި ސިޔާ ފެށި މަސައްކަތުގައި މީދޫގެ ޒުވާނުން ނާއި ހަރު މީހުން ބައިވެރިވީ ހިތުން ރުހުމުން އުފަލާއެކުގައެވެ. އަމިއްލަ ރަށަށް ލިބޭ ކޮންމެ ރީތި ނަމަކީ ތިމާމެންގެ އަމިލަ ނަފްސަށް ލިބޭ ރީތި ނަމަކާއި ޝަރަފެއް ކަމުގައި ދެކިގެންނެވެ.
” މިރަށުގައި ބަޔަކު މޫދަށް އެރިލާ ހަދާނެ ތަނެއް ނެތް. މޫދަށް އެރެން އެންމެންވެސް މިދަނީ ހުޅުދޫ ކޮޅުގައި އޮންނަ ޗެނެލަށް. އެއީ އެހާ ރައްކާތެރި ސަރަހައްދެއްނޫނެ. އޮއިވަރު ގަދަ ތަނެއް އެއީ. މިހާރުވެސް ގެނބިގެން މަރުވުންފަދަ ނުރައްކާތެރި ހާދިސާތައް އެތަނުގައި ހިނގާފައި އެބަހުރި. އެހެންވެ ހިތަށް އެރީ މީދޫގެ ކުޑަކުދިންނާއި އަންހެނުން އަދި ހުރިހާ އެންމެންނަށް ވެސް ހިތްހަމަޖެހުމާއެކު މޫދަށް އެރިލާ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ ސަރަހައްދެއް ހެދުމަށް” އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ސިޔާ ބުންޏެވެ.
މި މަސައްކަތަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން ބިޔަ ޖަންގައްޔެއް ހެން އޮތް ސަރަހައްދު ސާފުކޮށް ރޭގަނޑުވެސް މަސައްކަތް ކުރެވޭގޮތަށް އަމިއްލައަށް މަގު ބައްތިއެއް ހަރުކޮށް އެ ސަރަހައްދު ދިއްލާލިއެވެ. އަދި އެމްއާރުޑީސީގެ ވެހިކަލް ތަކުގެ އެހީގައި، ބޭނުންވާ ސަރަހައްދު ކޮނުމުގެ މަސައްކަތް ފެށިއެވެ. ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ފަތާ ސަރަހައްދެއްގެ ގޮތުގައި ވަކި ތަނެއް މޫދުގައި ހަދަމުން ދާއިރު އެސަހައްދުގެ ހިމާޔަތަށް ތޮށިގަނޑެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަތިރިމަތީގައި ތަފާތު އެކިވައްތަރުގެ އެކިސިފަސިފައަށް ގޮނޑިއާއި މޭޒު ހަދައި ތައްޔާރުކުރަމުން ދާއިރު މި މަސައްކަތުގައި ސިޔާއަށް އެހީތެރިވެދެނީ މީދޫގެ ޒުވާނުންނެވެ. އަންހެންވެރިން ކޮފީ އާއި ސައިފަދަ ތަކެތިން އެހީތެރިކަން ފޯރުކޮށްދީ އެ ސަރަހައްދުގެ ކުނި ނަގާ ސާފުކުރަމުން ގެންދާއިރު އެމަންޒަރުން ސިފަވެގެންދަނީ މީގެ ކުރީގައި ކާބަފައިންގެ ދިރިއުޅުމެވެ. ދެކޮޅުވެރިކަމެއް ސިޔާސީ ފިކުރެއް ނެތި އެކުއެކީގައި ރަށުގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރަމުންގެންދާ ތަނެވެ.
“ހަމަ އެކަނި ފެތުމަށް ހާއްސަ ކުރާ ސަރަހައްދު ހެދުމަށްވެސް ގާތްގަނޑަކަށް 3 ލައްކައެއްހައި ފައިސާ އެބަ ބޭނުންވޭ. މީދޫ އަކީ ފައިސާވެރިންގިނަ ތަނެއް. ރައްޔިތުންގެ މިފަދަ ކަމަކަށް ހޭދަކޮށްލަން އެންމެންވެސް ތިބޭނީ ތައްޔާރަށް. ގިނަ މީހުން ވެއްޖެއްޔާ 3 ލައްކަ އަކީ މާ ބޮޑު އަދަދެއް ނޫން. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ދަނީ އެހީތެރިވެދެމުން” ސިޔާ ބުންޏެވެ.
މޫދު ގައި ތައްޔާރުކުރާ ތަނުގެ އިތުރަށް އެސަރަހައްދުގެ އަތިރިމަތީގައި ޗޭންޖިން ރޫމަކާއި އަދި މޫދަށް އެރޭއިރު ގެންގުޅޭ ފޯނާއި އެހެނިހެން ތަކެތި ރައްކާކުރެވޭނެ ގޮތަށް ތަނެއް ހެދުމަށްވެސް ދަނީ ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން އިހުގެ ތާރީޚު ދައްކުވައިދޭފަދަ ގޮނޑިއާއި މޭޒު އަދި ހިފައިގެންގުޅޭ ސާމާނުފަދަ ތަކެތި ވެސް އެސަރަހައްދުގައި ދަނީ ހަދަމުންނެވެ.
ރޯދައަށް މިތަން އެއްކޮށް ނިންމާލެވޭތޯ ހިތްވަރާއެކު މަސައްކަތް ކުރަމުންދާއިރު ކޮންމެ ދުވަހަކު ހަވީރު އެ ސަރަހައްދު ބަލާލުމަށް އެތަނަށް ދާ މިހުންގެ އަދަދުވެސް ގިނައެވެ. ތާރީޚީ ތަފާތު އެތަކެއް ހާދިސާތަކަކާއި ގުޅިފައިވާ މި ސަރަހައްދު ނިމުމުން ސަރަހައްދަށް ކިޔާނީ “ރާފަޅާ” ކަމަށް ސިޔާ ބުންޏެވެ. މީދޫގައި ހުރި އެންމެ ދުވަސްވީ ތަރިކަ ކަމަށްވާ ކޯގަންނު އާއި އިންވެގެން ހުރި މި ސަރަހައްދުގެ ސަބަބުން ކޯގަންނުވެސް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ސިޔާ ގަބޫލުކުރެއެވެ.
މިހާރުވެސް “އީދިގަމޫލުގެ” ނަމުގައި މީދޫގައި މައިޒާނެއް ތަރައްގީކޮށް އެތަނުގެ އުފާ ގިނަ ބަޔަކު ހޯދަމުންދާއިރު ކޯގަންނާއި ދިމާއިން އަތިރިމަތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް “ނަލަފެހިމީދޫ” ޖަމިއްޔާއިން ދަނީ ކުރަމުންނެވެ. މި ހުރިހާ ކަމަކަށް ރަށުގެ ހުރިހާ ރައްޔިތުން ދަނީ އެމީހަކަށް ވެދެވެން އޮތް ގޮތަކަށް އެހީތެރިވަމުންނެވެ. އަމިއްލަ ރަށް ދެކެ ތިމާ ވީ ލޯތްބެއް އެހެން ބަޔަކު ނުވާނެކަން ގަބޫލުކުރަމުންނެވެ!