English Edition
Dhivehi Edition
އައިޖީއެމްއެޗްގައި މިއަދު ހުޅުވި މެންޓަލް ހެލްތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދެކުނުގެ ރަށްތަކުގައި މިއަހަރުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެެވެ.

އައިޖީއެމްއެޗްގައި މިއަދު ހުޅުވި “ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓް” ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަމާޒަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުން މިއަށްވުރެ ފުޅާކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސެންޓަރ ފޯ މެންޓަލް ހެލްތް ޑިޕާޓްމަންޓަކީ ހަމައެކަނި އައިޖީއެމްއެޗްގައި ގާއިމްކުރާ ކްލިނިކެއް ނޫންކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވުރެއް ހަގީގަތަކަށް ހެދުމަށްޓަކައި ކުރިއަށް އެރުނު ވަރަށް ބޮޑު ފިޔަވަޅެއްކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

“މިއީ މެންޓަލް ހެލްތް ޕްރޮގްރާމްގެ ބެލެެނިވެރިކަމުގެ ދަށުން ގާއިމްކުރެވޭ އިންތިޒާމީ ބޭސްފަރުވާގެ ނިޒާމެއް. މި ނިޒާމުގެ ދަށުން އަތޮޅު ތެރެެއަށް މި ޚިދުމަތް ފުޅާ ކުރެވިގެންދާނެ. މިޚިދުމަތް އިތުރަށް ފުޅާކުރެވި ރާއްޖޭގެ ހުރިހާ ރަައްޔިތުންނަށް މިޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން،” އަމީން ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި އެ މަރުކަޒު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުފުޅެކެވެ.