English Edition
Dhivehi Edition

“ސެންޓަރ ފޮރ މެންޓަލް ހެލްތް” ނުވަތަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ހުޅުވައި ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ވެސް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހިމަނާފައިވެ އެވެ.

މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ހުޅުވިގެންދިޔަ މި ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އައިޖީއެމްއެޗްއިން ބުނީ އެ ސެންޓަރު މެދުވެރިކޮށް އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ދޭ ފަރުވާތައް ދޭނެ ކަމަށެވެ. އަދި ބަލި ދެނެގަނެ ބޭސް ދީގެން ބަލިތައް ރަނގަޅު ކުރުމާއި ކައުންސިލިންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. މީގެ އިތުރުން، އެ ސެންޓަރު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް އެ ސެންޓަރުން ކުރާނެ އެވެ.

މި ރަސްމިއްޔާގަތުއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިއަދު މިހުޅުވި “ސެންޓަރ ފޮރ މެންޓަލް ހެލްތު”ގެ އެންމެ ބޮޑު ބޭނުމަކީ، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ޤައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.