English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީއިން ‘ހަވާސް’ގެ ނަމުގައި ސުވާލު މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 މާރިޗް 2019 އިން ފެށިގެން 03 އެޕްރީލް 2019 ގެ ނިޔަލަށެވެ. މި މުބާރާތާއި ބެހޭ ގޮތުން’ އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން ކޮމަޓީގެ ރައީސާ އައިޝަތު ނަދާ ވިދާޅުވީ މި މުބާރާތުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރައްޔަތުންގެ މަޖިލީސް އިންތިހާބާއި ދިމާކޮށް ރައްޔަތުން ޤާނޫން އަސާސީއަށް އަހުލުވެރިކޮށް ހޭލުންތެރިކުރުވުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތާރީހާއިބެހޭ މައުލޫމާތުތައް ރައްޔަތުންނަށް ފޯރުކޮށްދިނުމަކީވެސް މި މުބާރާތް ކުރިއަށް ގެންދިއުމުގެ އެއް މަގްސަދުކަމަށް ނަދާ ވިދާޅުވިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. މި ސުވާލު މުބާރާތުގައި ކޮންމެ ދުވަހަކު ހެނދުނު، ފޭސްބުކް ޕޭޖުގައި ސުވާލެއް ޕޯސްޓުކުރެވިގެންދާނެކަމަށް ކޮމަޓީއިން ވަނީ ބުނެފައެވެ. އަދި އެ ސުވާލުގެ ޖަވާބު ދިނުމުގެ ސުންގަޑި، އެ ދުވަހެއްގެ ރޭގަނޑު :0012 ޖެހުމާއި ހަމައަށް ކަނޑައެޅިފައިވާ އިރުގަޑިއަށް ވުރެ ފަހުން ފޮނުވާ ޖަވާބުތައް ބަލައި ނުގެނެވޭނެކަމަށް އެ ކޮމަޓީއިންވަނީ ބުނެފައެވެ. ސުވާލުތަކުގެ ޖަވާބު ފޮނުވާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެންނެވެ.މި ސުވާލު މުބާރާތުގައި ދިވެހި ކޮންމެ ރައްޔަތަކަށްވެސް ބައިވެރިވެވޭނެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 13 އެޕްރީލް 2019 ވަނަ ދުވަހު ބާއްވާ ‘ ދިޔަގެ ހެވި’ ފެސްޓިވަލްގައެވެ. މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށްދާ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވާއިރު، އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފިނަމަ ވަނަތައް ހޮވާނީ އެފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް ކޮމަޓީ އިންވަނީ ބުނެފައެވެ.

ނޯޓް:އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީގެ ރަސްމީ ޕޭޖް(https://web.facebook.com/WDC-Addu-City-988993061148180/)