English Edition
Dhivehi Edition

ލިޔުނީ: އާމިނަތު ޒީނާ

އައްޑޫ ސިޓީ ފޭދޫ ފްރެންޑްސް ކްލަބް އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސެލް މުބާރާތް، ހައިޑްރޯފުޓްސެލް ކަޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ10 ޓީމުން ބައިވެރިވެއްޖެއެވެ.

މުބާރާތަކީ ފްރެންޑްސް ކްލަބްގެ ފަރާތުން އައްޑޫ ފުޓްސެލް ކޮމިއުނިޓީގެ ތެރެއިން 10 ޓީމަކަށް ދައުވަތުދީގެން ކުރިއަށް ގެންދާ ފުޓްސެލް މުބާރަތެކެވެ. އެގޮތުން ދިހަޓީމަށް ބައިވެރިވާން ފުރުޞަތު ހުޅުވާލީ އޮންލައިންކޮށްނެވެ. އައްޑޫސިޓީގެ ވަކިޓީމްތަކަށް ހުޅުވާލި މިފުރުޞަތުގެ މުއްދަތު ހަމަވެފައިވަނީ2019 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަދުވަހެވެ.

ފޭދޫ ފްރެންޑްސް ކްލަބުން ބުނީ އެ މުއްދަތު ހަމަވެފައި ވީއިރު ބައިވެރިވެފައިވާ 10 ޓީމްގެ ތެރޭގައި ހިމެނެނީ، ފޭދޫ 04ޓީމް،ހިތަދޫ 04ޓީމް،މަރަދޫ އަދި މަރަދޫ ފޭދޫ އިން 01 ޓީމެވެ. ހުޅުދޫމީދޫއިން އެއްވެސް ޓީމެއް ބައިވެރި ވެފައި ނުވެއެވެ.

އަންނަ އެޕްރީލްމަހުގެ 10 އިން 30 އަށް ބާއްވާ މި މުބާރާތް ކުރިއަށް ގެންދާނީ ފޭދޫ ރަސްމީފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގެ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަމުގެ ޒުވާނުންގެ މަރުކަޒުގައި އޭޕްރީލް5 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކަށް،ޖާރޒީ އާއި ބޯފެން ފޯރުކޮށްދޭނީ ކްލަބްގެ ފަރާތުން ކަމަށް ކްލަބްގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު އިހްތިޝާމް ނަޖީބް ވިދާޅުވިއެވެ. މުބާރާތަށް ނަންދީފައިވަނީ މިމުބާރާތުގެ މެއިން ސްޕޮންސަރ ކަމަށްވާ ހައިޑްރޯ ހޯމް އާއި ގުޅުވައިގެންނެވެ. ހައިޑްރޯ ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް -/20،000ރ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް -/8000 ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޭދޫ ފްރެންޑްސް ކްލަބަކީ 2015 އިން ފެށިގެން, 12 ބޯރޑް މެމްބަރުންގެ މައްޗަށް އެކުލެވިގެން ހިންގާ ކްލަބަކެވެ. މިކްލަބުން މިހާތަނަށް ތަފާތު ފުޓްބޯޅަ މުބާރާތް ތަކުގައި ބައިވެރިވެ ރަންވަނަ ތަކެއްވަނީ ޙާޞިލްކޮށްފައެވެ. ނަމަވެސް މިމުބާރާތަކީ މިކްލަބުން އަލަށް އިންތިޒާމްކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތަކެވެ.މިކްލަބްގެ މިހާރުގެ ރައީސަކީ މުޙައްމަދު އަޠްފާން ޚާލިދު/ ދޮންވެލި ސ.މަރަދޫ އެވެ.

މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅަން ޖެހެނީ 9992003 ނަމްބަރަށެވެ.