English Edition
Dhivehi Edition

އަހަރުތަކަކަށްފަހު ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން ރާއްޖެއަށް އާކޮށްދީފިއެވެ. ހިލައާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އާ ނުކޮށްދީ އޮންނަތާ މިހާރު ދެ އަހަރު ވެފައިވާއިރު މި ކޯޓާ އާކޮށްދެއްވާ މިކަން އިއުލާން ކުރެއްވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖެވެ.

ހިލަ އާއި ހިލަވެލީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް އެތެކުރާ އަސާސީ ތަކެއްޗަކީ އަލުވި، ފިޔާ އަދި މުގެވެ. މީގެ ތެރެއިން ހިލަ އާއި ހިލަވެލި ފިޔަވައި އެހެން ތަކެތި އެތެރެކުރުމުގެ ކޯޓާ މީގެ ކުރިން ކޮންމެ އަހަރަކު އާކުރަން ޖެހެ އެވެ. މިއީ މިތަކެތި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ އެއް ގައުމެވެ.

އަސާސީ ތަކެތީގެ ކޯޓާ އިތުރުކޮށްދިނުމުގެ އިތުރުން އެކި ދާއިރާތަކުން އިންޑިއާގެ އެެހީތެރިވާނެކަން ސުޝްމާ ހާމަ ކުރެއްވި ކަމަށް ދެ ގައުމުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައި ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރަން އިންޑިއާ އިން މެދު ނުކެނޑި އެހީތެރިވާނެކަން ސުޝްމާ ހާމަ ކުރެއްވި ކަމަށެވެ. ސިއްހީ ދާއިރާ ތަރައްގީކުރަން އެހީތެރިވުމުގެ ގޮތުން އެ ގައުމުން ކޮށްދޭނެ ކަމަކީ މީހުން ބިނާކުރުމާއި އިކުއިޕްމެންޓް ފޯރުކޮށްދިނުމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ވެރިކަން އައިފަހުން ރާއްޖެއަށް އެންމެ ގިނައިން އެހީފޯރުކޮށްދޭ އެއް ގައުމަކީ އިންޑިއާ އެވެ.