English Edition
Dhivehi Edition

އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ރާއްޖޭގައި އިންޑިޔާ ސިފައިންގެ އިތުރަށް އެ ދެ ހެލިކެޕްޓަރު އުފެއްދި ކުންފުނީގެ މީހުންވެސް ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އޮޕަރޭޝަންތަކާ ބެހޭގޮތުން މައުލޫމާތު ދޭން މިއަދު ކޯސްޓް ގާޑު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެޓް މުހައްމަދު ސަލީމް ވިދާޅުވީ، ދެ ހެލިކެޕްޓަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ހަމައެކަނި އިންޑިއާ ސިފައިން ނޫން ކަމަށާއި، ދެ ހެލިކެޕްޓަރު ބެލެހެއްޓުމުގެ ކަންކަމުގައި އެ ދެ ހެލިކެޕްޓަރު އުފެއްދި ކުންފުނީގެ މީހުންވެސް ހަރަކާތްތެރިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގައި އުދުއްސާ ދެ ހެލިކެޕްޓަރު ބެލެހެއްޓުމުގެ މަސައްކަތުގައި މިވަގުތު ތިބީ އިންޑިއާގެ 50 ސިފައިން ކަމަށާއި ހެލިކެޕްޓަރު ބެލެހެއްޓުމަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ބަދަލުވާ އުސޫލަކަށް ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ، އިންޑިއާ ސަރުކާރުން މިހާރުވެސް ހެލިކެޕްޓަރަށް ބޭނުންވާ ޕައިލެޓުން ތަމްރީނު ކުރުމުގެ ފުރުސަތު ހުށަހަޅާފައިވާ ކަމަށެވެ.