English Edition
Dhivehi Edition

ރާއްޖޭގެ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީމަހު ކަސްޓަމްސް އިން ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު މިވަނީ 16 އިންސައްތަ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 228 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެ އެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ބޭރުރެކޮށްފައިވަނީ 264 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 16 އިންސައްތަ އިތުރުވުމެކެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު އެތެރެކޮށްފައިވަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 10 ޕަސެންޓް ދަށްވުމެކެވެ.

ކަސްޓަމުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކަސްޓަމް ޑިއުޓީގެ ގޮތުގައި ދައުލަތަށް ވަނީ 254 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ މަހު ލިބުނު 240 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ފަސް ޕަސެންޓް ދަށްވުމެކެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 18 ޕަސެންޓް ޔޫއޭއީ އިން އިމްޕޯޓްކޮށްފައިވެ އެވެ. ސިންގަޕޯ އިން 17 ޕަސެންޓް އަދި ޗައިނާ އިން 15 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެ އެވެ. އަދި އިންޑިޔާއިން 10 އިންސައްތަ މުދާ އެތެރެކޮށް ފައިވާއިރު މެލޭޝިޔާ އިން ވަނީ 6 އިންސައްތަ މުދާ ރާއްޖެއަށް އެތެރެ ކޮށްފައެވެ.

އެންމެ ގިނައިން މުދާ ބޭރުކުރެވުނީ ތައިލެންޑް އަށެވެ. އޮގޮތުން ތައިލެންޑް އަށް 45 އިންސައްތަ މުދާ ބޭރުކޮށްފައިވާއިރު ޖަރުމަންވިލާތަށް ވަނީ 11 އިންސައްތަ މުދާ ބޭރުކޮށްފައެވެ.