English Edition
Dhivehi Edition

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ނިއުޒީލެންޑްގެ ސިޓީއެއް ކަމަށްވާ ކްރައިސްޓް ޗާޗުގައި ދެ މިސްކިތަކެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދަށް ދިން ބަޑީގެ ހަމަލާގައި އެެއްވެސް ދިވެއްސަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަަދު ނިއުޒިލެންޑުގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާދީ 40 މީހަކު މަރާލާފައިވާއިރު، މި ހަަމަލާ ދީފައިވަނީ ހުކުރު ވަގުތުގައި ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ހާމަކޮށްފައިވެއެވެ. ހަމަލާ ދިންއިރު އެއް މިސްކިތުގައި ނަމާދުކުރަން 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށްވެސް ބޭރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި ރާއްޖޭގެ އެއްވެސް މީހަކު ހިމެނޭ ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށާއި އެހެންނަމަވެސް މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިހަމާލާގެ ސަބަބުން ހިތާމަކުރާ ކަމަށާއި މި ހިތާމައިގައި ނިއުޒިލެންޑުގެ ރައްޔިތުންނާއެކު ރާއްޖެއިންވެސް ބައިވެރިވާ ކަމަށް މިިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެއެވެ.

އެ ހާދިސާ ހިނގިއިރު ބަނގުލަދޭޝްގެ ކުރިކެޓް ޓީމްގެ ކުޅުންތެރިންވެސް ތިބީ ނަމާދަށް ގޮސްފައެވެ. ނަމަވެސް އެ ޓީމުގެ މެމެބަރުން ސަލާމަތުން ވަނީ އަނބުރާ ހޮޓަލަށް ގޮސްފައެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް މަންޒަރު ދުށް މީހަކު މައުލާމާތު ދެމުން ބުނީ އަލް ނޫރު މިސްކިތަކަށް މީހަކު ކަޅުހެދުން ލައިގެން ވަތް ކަމަށާއި އެއަށްފަހު ބަޑީގެ އަޑު އިވެން ފެށުމުން މީހުން ބިރުން ދުވަން ފެށި ކަމަށެވެ.

މިހާދިސާއާ ގުޅިގެން ސީއެންއެން އިން ބުނެފައިވަނީ ކްރައިސްޗާޗްގެ ދެ މިސްކިތަކަށް ދިން މިހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ޝައްކުކުރާ ކަމަށެވެ. އަދި މިއީ ގިނަ ރޭވުންތަކަކާއެކު ދީފައިވާ ހަމަލާއެއް ކަމަށް ޝައްކުކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ނުރައްކާތެރި ހަމަލާދޭ އާލާތްތަކެއް ހަރުކޮށްފައިވާ ދެ ކާރެއްވެސް މިހާރު ފެނިފައިވާ ކަމަށާއި މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ސީއެންއެން އިން ބުނެފައިވެއެވެ. އަދި ތުހުމަތުކުރެވޭ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.