English Edition
Dhivehi Edition

“ތުޝާރު ބޭބެ”

މިއީ އަހަރެންގެ  7 އަހަރުގެ ދަރިފުޅުގެ ދުލުކުރީގައި އޮންނަ ނަމެވެ.  ކާއިލް  އަހަރެން މިގެންގުޅެނީ   އޭނާގެ ބައްޕަގެ ކުޑަވެސް އަޅާލުމެއް ނެތިއެވެ. އޭނާގެ ބައްޕަ އަހަރެން ވަރިކޮށްލީ ކާއިލްގެ  ކަންފަތަށް އަޑު ނީވޭކަން އެނގުނު ދުވަހު އެވެ. އަހަރެންގެ ކުށެއް އޮވެގެން ނެއް ނޫނެވެ. ކާއިލް އޭނާގެ ބައްޕަގެ މަތީން މިހާރު ހަނދާނެއް ވެސް ނުވެއެވެ. ހަނދާންވާނެ ފުރުސަތެއް އަހަރެން ނުވެސް ދެމެވެ.

އެކަނި ދަރިޔަކު ގޮވައިގެން މާލޭގައި ދިރިއުޅުމަކީ ކިހާވަރެއްގެ ދަތިކަމެއް ކަން އެންމެންނަކަށް އިހުސާސެއް ވެސް ނުވާނެއެވެ. އެކަމަށްޓަކައި އަހަރެން މިދަނީ ގޭނި ހުސްވަމުންނެވެ. ހިމޭނުން ހަމަޖެހިގެން އަރާމެއް ކުރާނެ ހަމަ އެއްވެސް ފުރުސަތެއް ނޯވެއެވެ. ކުޑަކުދީންގެ ހެދުން ފަހާފައި ވިއްކައިގެން ކިރިޔާ އުޅޭ ތަނުގެ ކުލި ދެއްކެނީއެވެ. ކައިބޮއި ހަދަނީ ކައިރި އަވަށްޓެރީންނަށް އެކިކަހަލަ މަސައްކަތް ކޮށްދީގެންނެވެ.

“ދަރިފުޅާ. މަންމަ ނުބުނަންތަ ނުދަންނަ މީހުންނާ ވާހަކަ ނުދައްކާށޭ.”

ދަރިފުޅަށް އަޑުލައި ގަދަ އަމުރު ކުރާކަށް އަހަންނަކަށް ކެތެއް ނުވެއެވެ. ކާއިލްއަކީ އެއުމުރުގެ ކުދީންނާ ބަލާފަ ނުހަނު ހިތް ބަލި ކުއްޖެކެވެ. އަމުދުން ނުކުޅެދޭ ކަމެއް ހުންނާތީ އޭނާގެ ހިތުގައި ޖައްސާކަށް އަމުދުން އަހަރެން ބޭނުމެއް ނުވެއެވެ. އޭނާގެ އަޑު ނީވޭ ކަންފަތުގައި ހިއަރިން އެއިޑެއް އެޅުވިފަހުން  އެހެން ކުދިންނެކޭ މާބޮޑު ތަފާތެއް ނުހުރެއެވެ. ބުނާ ހުރިހާއެއްޗެއްވެސް ހަމަ ރީއްޗަށް އިވޭކަހަލަ އެވެ. އެކަމަކު ވާހަކަ ދެއްކުމުގައި އުނިކަމެއް އަދިވެސް ހުރެއެވެ.

“މަންމާ އެއީ ނުދަންނަ މީހެއް ނޫން. އެއީ ތުޝާރު ބޭބެ.”

ކާއިލް އެހާވެސް މައުސޫމު އެވެ. އެހެންނަމަވެސް އަބަދަކު އޭނާގެ ކައިރިޔަކުވެސް ނުހުރެވޭނެއެވެ. ތިރީބައިގައި އޮންނަ ޕްލޭ ގުރައުންޑަށް އޭނާ އެކަނި ފޮނުވަނީވެސް އެތަނުގައި އެހެން އާއިލާގެ ކުދީންތަކާއި އަދި ގާޑުންވެސް ތިބޭތީއެވެ. އެއްވެސް ކުއްޖަކަށް ގޯތިން ބޭރަކަށް ނުކުމެއެއް ނުހެދޭނެއެވެ. އެއީ މުޅީންވެސް ފުލެޓްތަކުގައި އުޅޭ ކުދީންގެ ޕްލޭ ގުރައުންޑެއްވީމައެވެ.

އަހަރެން އެދުވަހު އުޅުނީ ޒަހީނާ ދައްތަ ބުނެގެން ބަދިގޭގައި ކެއުމެއް ތައްޔާރު ކުރާށެވެ. އެއީ އެމީހުންގެ ދަރިފުޅު ތުޝާރު ކޯސް ނިންމާފައި އެނބުރި އަންނާތީއެވެ. އެދުވަހަށް ގޭތެރޭގައި ކުރަން ޖެހުނު މަސައްކަތް ގިނަކަމުން އަހަރެން ވަނީ ހަވީރުއްސުރެން ކާއިލް ކުޅެން ތިރިޔަށް ފޮނުވާފައެވެ. ތުޝާރު އައިތަނުން އޭނާއަށް ކާއިލްއާ ކޮންމެވެސް ގޮތަކުން ދިމާވީއެވެ.

ޒަހީނާދައްތަގެ ދުލުގައި ތުޝާރުގެ ނަން ނޯންނަ ވަގުތެއް ނާދެއެވެ. އެނަން އިވިއިވި އަހަރެންގެ ކަންފަތް ފުރިފައިވެއެވެ. އެއީ ކޮންފަދަ ތުޝާރެއްހޭ އޭރު އަހަރެންގެ ހިތަށް އަރައެވެ. އެހެންނަމަވެސް އަހަރެން އެއީ ކޮން ސިފައެއްގައި ހުރި މީހެއްތޯ ވެސް ބަލާކަށް ނޫޅެމެވެ. އެއްއިރެއްގައި އަހަރެންގެ ހަޔާތަށްވެސް އެކަހަލަ ތުޝާރެއް ވަނީ އައިސްފައެވެ. އެއީވެސް އެކަހަލަ ތުޝާރެކެވެ. ސައްތާރު އަހަންނާ އިނީ ދެމީހަކަށް ލޯބިވެވޭނެ އެންމެ މަތީ ދަރަޖައަކަށް ލޯބިން އުޅުމުގެ ފަހުންނެވެ.

“ތުޝާރު ބޭބެ ބުނި ހޯމްވޯކް ހަދައިދޭން އަންނާނަމޭ ވެސް.|”

“ނޫން ދަރިފުޅު ހޯމްވޯކް ހަދަން ވާނީ އަމިއްލަޔަށް. އޭރުން މީހެއްގެ އެހީއާ ނުލާ ހަދަން ދަސްވާނީ.”

“އެކަމަކު އެހެން ކުދީންވެސް ހަދަނީ ބައްޕަ ހެލްޕު ވެގެން.”

“ކާއިލްގާތު އެވާހަކަ ބުނީ ކާކު.”

“ކުލާސްކުދީން. އެމީހުން ބުނި ކާއިލްގެ ބައްޕައެއް ނުހުރެޔޭ.”

އެއީ އަހަރެންގެ ހިތުން ވިންދެއް މަދުވެގެން ދިޔަ ވަގުތުކޮޅެކެވެ. ކާއިލްއަށް ބައްޕައަކު ބޭނުންވާނެވަރު އަހަންނަށް ވިސްނުނީ އެވަގުތުއެވެ. އެއަކީ އަހަންނަށް ހައްލުކޮށް ދެވޭނެ ކަމެއް ވެސް ނޫންމެއެވެ.

އަހަރެން އެދުވަހު ޒަހީނާ ދައްތަގެ ގެޔަށް ދިޔައީ ކާއިލް ކުޅެން ބައިންދާފައެވެ. އެހެން ދުވަސްދުވަހު އަހަރެން ދާއިރު ދަނީ ގޮވައިގެންނެވެ. އެބުނާ ތުޝާރަކާ އޭނާ ގުޅުވަން އަހަރެން ބޭނުމެއް ނުވާތީއެވެ. ޚުދު އަހަރެންވެސް އެ ތުޝާރެއް ދެކޭކަށް ބޭނުމެއް ނުވެއެވެ.

އަހަރެން އައިސް ވަންތަނުން ޒަހީނާ ދައްތަ ގޮވާލިއެވެ. “ޝީޒާ އާދޭ ކަލޭ ވެސް މިކެއުމުގައި ބައިވެރިވާން.”

ދައްތަ ހުރީ އަހަރެންނަށް ތުޝާރު ތައާރަފުކޮށްދޭ ހިތުންނެވެ. އޭރު އޭނާ އިނީ އަހަރެންނަށް ފުރަގަސް ވާގޮތަށެވެ. އަހަރެން ފަހަތަށް ޖެހިލި ވަގުތު ތަޅުންގަނޑުމަތީގައި އޮތް ކޮންމެވެސް އެއްޗަކަށް އެރި އަހަރެން އަރިއަޅައިލިއެވެ. އެވަގުތު ހަމަ ކުއްލިއަކަށް ތުޝާރު އަހަރެން ވެއްޓުނަ ނުދީ ސަލާމަތް ކޮށްދީފިއެވެ. އެ ކުޑަ ހިނދުކޮޅު އޭނާގެ މޫނަށް އަހަންނަށް ބަލާލެވުނެވެ. އުނދަގޫވާހާ ކައިރިންނެވެ. އަހަރެން ރަކިވީވަރުން އަވަހަށް މޫނު ދުރަށް އަނބުރައިލީމެވެ. ވިޔަސް އޭނާގެ މޫނުން ފެނިގެންދިޔަ ޒުވާންކަމާއި ހިތްގައިމު ކަން އެމަދު ސިކުންތުގެ ތެރޭގައި އަހަރެންގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އަހަރެން ބާރަށް ގޮސް ބަދިގެއަށް ވަދެއްޖެއީމެވެ.

ސައްތާރު އަހަރެން ދޫކޮށް ދިޔަތާ 5 އަހަރު ވީއިރުވެސް އަހަރެން އޮޅުމަކުންވެސް އެހެން ފިރިހެނަކަށް ހިތެއް ނުދެމެވެ. އެފަދަ ޚިޔާލެއް ވެސް ނުކުރަމެވެ. ލޯތްބާ ވަފާތެރިކަން އަދި އިތުބާރު އެއީ އޮންނަ އެއްޗެއް ނޫންކަމަށް އަހަރެން ވަނީ ނިންމާފައެވެ.  އެހެންވެ އަހަރެންގެ ހިތުގެ މިއިހްސާސްތަކުގެ މައްޗަށް ބާރުފޯރުވަން ގަދައެޅީމެވެ.

އަހަރެން ގެޔަށް ދިޔައިއްސުރެން ކާއިލް ތުޝާރު ބޭބެގެ ވާހަކަ ހުއްޓައެއް ނުލިއެވެ.   އެނޫން ބޭބެއެއް  މިއޮތްހާ ދުވަހު އޭނާއަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟     ޒަހީނާދައްތަމެން ހުޅުމާލެއިން ލިބިފައި އޮތް ގޯތި ހަދާ ނިމެންދެން ތިބޭނީ މިބިލްޑިންގުގައެވެ. އަހަންނަކަށް އެހެންތަނެއް މިއަގަކަށް ނުލިބޭނެއެވެ. އެހެންކަމުން   އަހަރެމެން އުޅެން ޖެހިފައިވަނީ ޒަހީނާ ދައްތައާ މިހާ ކައިރީގައެވެ. އެކަން ބޮޑުކަމަކަށް ވާން މިޖެހުނީ ތުޝާރު އައި ފަހުންނެވެ. ތުޝާރު ނުފެންނަ ހިސާބަކަށް އަހަންނަކަށް ދެވޭކަށް ނެތެވެ. އަދި ކާއިލްއަކަށް ވެސް އޭނާ ފޮރުވައެއް ނުލެވޭނެއެވެ. މިއަދު އަހަންނަށް އެންމެ ބޮޑުވީ މިކަންތަކެވެ.

ޒަހީނާ ދައްތަ ތުޝާރު މީހަކާ ކާވެނި ކުރުވަން ބާރުއަޅަމުން ގެންދާވާހަކަ އަހަރެންގެ ގާތު ބުންޏެވެ. އެކަމަކު އޭނާ އެކަމާ އުޅޭކަށް އަދި ބޭނުމެއް ނުވެއެވެ. ކިޔަވަން ދިއުމުގެ ބަހަނާގައެވެ. ތުޝާރު ހަމަ ކިޔަވަންވީއެވެ. އެމީހުންގެ ތަނަވަސްކަން އެވަރަށް އެބަހުއްޓެވެ.  އާސިފުބެވެސް އެހުންނަނީ ވަޒީފާއަކަށް ނުގޮސް ގޭގައެވެ. އެއީ ތުޝާރުގެ ދޮންބައްޕައެވެ.  ޒަހީނާ ދައްތަގެ ބޮޑު ގޯއްޗެއް އެވަނީ ކުއްޔަށްދީ ފިހާރަބަރިއެއް އަޅާފައެވެ. ލާރި ލިބޭ މިންވަރެއްވެސް އެމީހުންނަކަށް ނޭނގެއެވެ. ދަރިޔަކަށް ހުރީ ތުޝާރު އެކަންޏެވެ. އޭނާ މިހާތަނަށް ވެސް އުޅެމުން ދިޔައީ ބޭރުގައެވެ. ކިޔަވަމުން ދަނީ ކޮމްޕިއުޓަރާއި ސައެންސްއާއި އެނޫންވެސް އެތައް ރޮނގަކުންނެވެ. މިފަހަރު ޗުއްޓީ ނިމްމާފައި ދާނީ އެމެރިކާއަށެވެ. އެކަމަކު ޒަހީނާ ދައްތަ ބޭނުންވަނީ  އޭނާ ފުރުމުގެ ކުރީގައި ކާވެންޏެއް ކުރުމަށެވެ. ލަސްނުކޮށް މާމަ ދަރިއެއް ހޯދުމަށެވެ.

“މަންމަ ކީއްވެތަ ތުޝާރުބެ ނުގެންނަނީ.” ކާއިލް ހުއްޓާނުލާ އޭނާ ގެންނަން ބާރުއަޅައެވެ. ތުޝާރުއާ ދިމާ ވެއްޖެއްޔާ “ކާއިލް ނުގެނައީ ކީއްވެތަ؟” މިކަހަލަ ކޮންމެވެސް އެއްޗެއް އަހާނެއެވެ. އަހަރެން ބިރުގަންނަނީ އެކަމާއެވެ. ކާއިލްއަށް މަދުވެފައިވާ ބައްޕައެއްގެ ލޯބި ތުޝާރުގެ ކިބަން ލިބެން ފަށާފާނެތީއެވެ. އެޔަކީ ދާއިމީ ކަމެއް ނޫނެވެ. މާދަމާވެސް ޒަހީނާ ދައްތަ ބާރުއަޅައިގެން އޭނާ މީހަކާ ކާވެނި ކުރުވާފާނެއެވެ. ކާއިލްއަށް ތުޝާރުގެ ލޯބި ގެއްލުނީމާ އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ.

ތުޝާރު އައިސް އަހަރެމެންގެ އެޕާޓްމަންޓްގެ ދޮރުމަތީ ހުރިތަން ފެނުމުން އަހަރެންގެ މޭތެޅިގަތީ އަމަށަކު ބާރަކަށް ނޫނެވެ. ޒަހީނާ ދައްތައަށް އެނގިއްޖެއްޔާޔޯއެވެ؟ އޭނާ ފެނުމާއެކު ކާއިލް ދުވެފަ ގޮސް ބައްދައިގަތެވެ. އެއީ އަހަރެން ބިރުގަތް އަނެއް ކަންތަކެވެ. އެކަމަކު އަހަރެން ތުޝާރު ފޮނުވާލާނި ކިހިނެއްހެއްޔެވެ؟ ކާއިލް އެހާ އުފަލުން ހުރި ތަނެއް މިއިން ދުވަހަކު ފެނިފައެއް ނުވެއެވެ. އޭނާ ތުޝާރު ގޮވައިގެން އެތެރެއަށް ވައްދާ އޭނާގެ ފޮތްތަކާއި ފިލާވަޅުތައް ދައްކަން ފަށައިފިއެވެ. ތުޝާރު އޭނާއަށް އެތައް ކަމެއް އޮޅުން ފިލުވާދީ ދަސްކޮށްދެމުން ދިޔައެވެ.

ކާއިލްއަކީ އަހަރެންގެ ފުރާނައެވެ. އޭނާއަށް ލިބޭ ކޮންމެ މޮޅަކީ އަހަންނަށް ވެސް ލިބޭނެ މޮޅެކެވެ. ތުޝާރު އޭނާއަށް ރީއްޗަށް ވާހަކަ ދައްކަން ދަސްކޮށް ދެމުން ދިޔައެވެ. ހިސާބު ކިޔަވާ ދެމުން ދިޔައެވެ. ކުރިޔަށް އޮތީ އޭނާގެ ޓެސްޓްގެ ދުވަސްވަރެވެ. ކާއިލް ފާސްވުމަށް ވުރެން ބޮޑަށް އަހަރެން ހިތް އެދޭނެ ކަމެއް ނެތެވެ.

ތުޝާރު އަހަންނަށް ފުރަތަމަ ނަޒަރުން ފެށިގެންވެސް ޚާއްސަ ގޮތަކަށް ބަލާކަން އަހަންނަށް އެނގެއެވެ. ބުނަން ބޭނުން އެއްޗެއް ނުބުނެވިފައިވާ ފަދައަކުންނެވެ. ވިޔަސް ސީދާ އަހަންނާ އެފަދަ ވާހަކައެއް ދެއްކުމުގެ ހިތްވަރެއް އޭނާގެ ކިބޔަކުނެތެވެ. އޭނާއަކީ   އަހަންނަށް ވުރެން ހަތަރު އަހަރު ހަގު ކުއްޖެކެވެ. ބަލާބެލުމަށް ހަށިގަނޑު ބޮޑު މީހެއް ހެން ހީވިޔަސް އަދި ކިރިޔާ ފުރުނީ އެކާވީސް އަހަރެވެ. އޭނާ ފުރަތަމަ ފެނުނު ވަގުތު އަހަރެންގެ ހިތުގައި  ހިނގަން ފެށި އާދަޔާ ޚިލާފު ކަރަންޓެއްގެ އޮއިވަރު ހުއްޓުވާ ނުލެވުނު ކަމީ އަހަރެން ހައިރާންވި ކަމެއްމެއެވެ.     އަހަރެން ހީކުރީ އެކަންތައް ހިތުން ފިލުވާލާކަށް އުނދަގުލެއް ނުވާނެ ކަމަށެވެ.

ކާއިލް ވަރަށް ގަޔާވެގެން އިނދެ ތުޝާރުގެ ގާތުން ފިލާވަޅު ނަގަމުން ގެންދިޔައެވެ. ފުރަތަމަފަހަރަށް ސްކޫލުގައި ވާހަކަ ދެއްކުމުގެ އިވެންޓެއްގައި އޭނާ ބައިވެރިވާތީ އަހަރެން އުފާވާވަރު ބުނަންވެސް ނޭނގެއެވެ. ކާއިލް އަބަދުވެސް އުޅޭނީ ވާހަކަ ދެއްކުމުގެ އެއްވެސް ކަމެއް ނުކުރަން ވެގެންނެވެ. އެހެންކަމުން އެރޮނގުން އޭނާ އަބަދުވެސް ދަށެވެ. ކާއިލްއަށް މިހާ ބޮޑަށް އަޅާލައި ހިތްވަރެއް ދޭނެ މީހަކު މީގެ ކުރީގައި އޭނާއަކާ ދިމާވެފައެއް ނުވެއެވެ.  އޭނާ ދެކެނީ ތުޝާރަކީ ރައްޓެއްސެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ބައެއްފަހަރު އޭނާއަށް ތުޝާރު ފެންނަނީ އޭނާގެ ބައްޕަގެ މަގާމުން ކަމަށް ހީވާފަހަރު އާދެއެވެ.

އަހަރެން ޒަހީނާ ދައްތަ ގެޔަށް ދިޔައީ ސާގު ބޮނޑިބަތް ކައްކައިގެންނެވެ.  އަހަރެން ކައްކާ ބޮނޑިބަތް މީރުވެން އެމީހުން އުޅޭތީއެވެ. ޚާއްސަކޮށް އެއީ ތުޝާރަށް ޓަކައި އަހަރެން ތައްޔާރު ކުރި އެއްޗެކެވެ. އަހަރެން ގޮސް ކާމޭޒުމަތީގައި އެތަށިތައް ބެހެއްޓުމުން ޒަހީނާ ދައްތަގެ ފަރާތުން އެރޭ ފެނުނީ އަހަރެން ހައިރާންވާ ކަހަލަ ގޮތްތަކެކެވެ. މީގެ ކުރިޔަކުން ޒަހީނާ ދައްތަ އަހަރެން ދެކެ އެއްވެސް ކަމަކާ އެހާ ނުރުހިފައި ހުރިތަން އަހަންނަަކަށް ފެނިފައެއްނެތެވެ.

“ކަލޭ މިހާރު ތިޔަ އުޅެނީ ތުޝާރު ކަލޭގެ ޖާދޫގައި ޖައްސަންކަން އަހަންނަށް އެނގިއްޖެ. “ ޒަހީނާ ދައްތަގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ބަސްތައް އަލިފާން ހާ ހޫނެވެ. “ޝީޒާ ލަދުގަންނަން ޖެހޭނެއެއްނު؟ އޭނާއަކީ އަދި ކުޑަކުއްޖެއް. ކަލޭ ކޮޓަރިޔަށް އޭނާ ދިޔަކަން މީހެއްގެ ފަރާތުން އަހަންނަށް އެނގިއްޖެ.”

އަހަންނަށް ނޭވައެއް ލާކަށް ވެސް  ނޭނގުނެވެ. “ތުޝާރު ދިޔައީ ކާއިލްއާއެކު އޭނާއަށް ފިލާވަޅެއް ހަދާދޭން.” އަހަރެން އެންމެ ފަހުން ބުނެވުނެވެ. އެކަމަކު ޒަހީނާ ދައްތަގެ ރުޅި މަޑެއް ނުވިއެވެ. “އެއީ ކާއިލް ދައްކައިގެން   ކަލޭ ރޭވި ރޭވުމެއް ނު؟”

އަހަރެން އަވަހަށް އެތަނުން ދާން ހިނގައިގަތީމެވެ. “މީގެ ފަހުން ތުޝާރުއާ އެއްވެސް ގުޅުމެއް ކަލޭ ބާއްވައިގެން ނުވާނެ.”

އަހަރެން ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް މިހާރަކަށް އައިސް އެއްގޮތަކަށް ވެސް ނުރޮމެވެ. ސައްތާރު އަހަރެމެން ދެމައިން ދޫކޮށްލާފައި ދިޔަފަހުން އަހަރެންގެ ހިތް ހިލަގަނޑަކަށް ހެދީމެވެ. އަމުދުން ކާއިލްއަށް އަހަރެންގެ ފަރާތުން ބަލިކަށި ކަމެއް ދައްކަން ބޭނުންނުވާތީއެވެ. އެކަމަކު އެރޭ އަހަރެން ބަޑިފަޅައިގެން ދިޔައެވެ. މިހާބޮޑަށް އަހަރެން ހިތުގައި ޖެހުނު އެއްވެސް ދުވަހެއް މުޅި ހަޔާތުގައި އައިސްފައެއް ނުވެއެވެ.

އަހަރެން އެންމެ ދެރަވީ ކާއިލްގެ ވާހަކަ ދެއްކުން އޮންނަ ދުވަހު އޭނާ ތުޝާރަށް އިންތިޒާރު ކުރާނެތިއެވެ. ތުޝާރުވަނީ އެދުވަހު އޭނާ ދާނެ ވާހަކަ ކާއިލް ގާތު ބުނެފައެވެ. އޭނާގެ ބައްޕައެއް ހުރިތަން ފެނުމުން ކުލާހުގައި އޭނާއަށް ބުލީ ކުރާ ކުދީންގެ އުނދަގޫ ހުއްޓި ދާނެތީވެސް މެއެވެ.  ތުޝާރު އޮތީ ކާއިލް ގާތު ކުދީން ބުލީކުރާ ވާހަކަ ބުނެފައެވެ. އެހެންވެ ކޮންމެހެންވެސް ދާނަމޭ ބުންޏެވެ. “ކާއިލްގެ ބައްޕައެއް ނެތޭ އެކަކަށްވެސް ބުނެވުނަކަ ނުދޭނަން. “ ތުޝާރު އޭނާ ގާތު ބުންޏެވެ.

ކާއިލްއަށް އަހަރެން ވިސްނާން ދޭން ކުރި މަސައްކަތް ވީ ބޭކާރެވެ. އެދުވަހު އޭނާ އެއްގޮތަކަށްވެސް   ވާހަކަ ދައްކަން ސްޓޭޖަށް އަރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ދޮރާ ދިމާއަށް ބަލަމުން ގެންދިޔައެވެ. “ދަރިފުޅާ. ތުޝާރުބޭބެއަކަށް ނާދެވޭނެ. އެހެންނޫނަސް މިހިރީ ދަރިފުޅުގެ މަންމައެއްނު؟ މަންމަ އަޑުއަހަން އިންނާނަން. ދޭ ގޮސް ވާހަކަ ދައްކަން އަރާ. މަންމަ އައިސްކްރީމްވެސް ގަނެދޭނަން. “

އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް އޭނާ ހެއްލޭނެ ގޮތެއް ނުވިއެވެ. އޭނާގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. މިއީ އަހަރެންނަށް ކިހިނެއް ކެތްކުރެވޭނެ ކަމެއް ހެއްޔެވެ؟ އަހަރެން ބިރުން ހުރީވެސް މިފަދަ ގޮތެއް ދިމާވެދާނެކަން އެނގޭތީއެވެ.

“ދަރިފުޅާ. ދޭ  އަވަހަށް ސްޓޭޖަށް އަރަން ދޭ. “ އަހަރެން މިހެން ބުނެ ނުނިމެނީސް ކާއިލް ސްޓޭޖަށް އަރަން ދުއްވައިގަތެވެ. އޭނާ އެހާ ބާރަށް ސްޓޭޖަށް އެރި ސަބަބު އެނގޭކަށް ލަހެއްނުވިއެވެ. އޭރު އަހަރެންގެ ފުރަގަހުން ތުޝާރު އައިސް އަރާ ހަމަ ކުރީއެވެ.

ކާއިލްގެ ވާހަކަ ދެއްކުން ހީނުކުރާހާ މޮޅެވެ. ޓީޗަރުންނާއި ހޯލްގައި ތިބި އެންމެން ވެސް ތާރީފުކޮށް އަތްތިލަ ބަޑި ޖެހިއެވެ. އޭނާއަށް އެދުވަހު ޚާއްސަ އިނާމެއް ވެސް ލިބުނެވެ. އަހަރެންނަށް ވެސް އެވަގުތު އެލިބުނު އުފާ ބަޔާންވެސް ނުކުރެވުނެވެ. ހީވަނީ ހިތް ފުރިގެން ބަންޑުން ވެގަތް ހެންނެވެ.

ކާއިލް ގޮވައިގެން އަހަރެން ގެޔަށް ދިއުމަށް ހިނގައިގަތްތަނުން ތުޝާރު އަހަންނަށް ގޮވާލިއެވެ. ފުރަތަމަ ފަހަރު އަހަރެންގެ ނަމުން އޭނާ ގޮވާލީ އެވަގުތުއެވެ.
“ޝީޒާ. މަޑުކޮށްބަލަ. “ އަހަރެން ހައިރާން ކަމާއެކު އެނބުރިލުމުން އޭނާ އަހަރެންގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވެއްޖެއެވެ. “ޝީޒާ އަހަންނާ މެރީކޮށްފާނަންތަ؟”

އަހަރެން ހުރީ ތުޝާރުގެ ފަރާތުން މިފަދަ ހަރަކާތެއް ފެނިދާނެ ކަމަކަށް ނޫނެވެ. އަދި އެއީ ވަށައިގެން މީހުން ހިނގަހިގާ ތިބި ތަނެކެވެ. އެއާއެކު މީހުން އެތަނަށް ބޮނޑިވާންވެސް ފަށައިފިއެވެ. އަހަރެންނަށް ލިބުނު ޝޮކުންނާއި ހައިރާން ކަމުން އަހަރެން ހުރީ ބަސް ހުއްޓިފައެވެ. އެވަތު ކާއިލް އައިސް އަހަރެންގެ އަތުގައި ހިފާ ތުޝާރުއާ ދިމާއަށް ދިއްކޮށްލިއެވެ. “މަންމާ. އާނ އެކޭ ބުނޭ.”

“އާނއެކޭ ބުނޭ.” ބަލަން ތިބި އެންމެން ވެސް އެއް އަޑަކުން މިހެން ކިޔަން ފަށައިފިއެވެ.

އަހަރެން ނޫނެކޭ ބުނާނީ ކިހިނެއްހެއްޔެވެ؟ އެއަކަށް ވުރެން އަހަރެން ހިތް އެދޭނެ އެހެން ކަމެއް އޮންނާނެހެއްޔެވެ؟ ކާއިލްއަށް ޓަކައި ނޫނަސް އަހަންނަށްޓަކައި ވެސް ތުޝާރު އަހަރެން ބޭނުން ވަނީ އިންތިހާއަށެވެ. އެކަން އަހަންނަށް އެނގުނީ ހަމަ ކުއްލިއަކަށެވެ. އެތައް ދުވަހެއްވަންދެން ހިތުގައި ރޯވެފައިވާ އިޝްގުގެ އަލިފާންގަނޑު މަތަނުވާވަރަށް ހުޅު ރޯވެ އަނދައިގެންފިއެވެ. އަހަންނަށް “އާނއެކޭ” ބުނެވުނު ކަން އެނގުނީ ކާއިލް އައިސް އަހަރެންގެ ގައިގައި އޮޅުލައިގެންފައި “ތޭންކްޔޫ މަންމާ.” އޭ ބުނީމައެވެ. މުޅިތަނަށް އެއްވެ ތިބިމީހުން އަތްލިބަޑި ޖަހައި ސާބަސް ދޭން ފަށައިފިއެވެ. މަރުހަބާގެ ބަސްތައް އެތައް ބަޔަކު ބުނަން ފަށައިފިއެވެ. އަހަރެންގެ ހިތުގެ ވިންދު އެވަގުތު ހުއްޓުނު ކަހަލައެވެ.

ޒަހީނާ ދައްތަ އެކަމާ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް އާސިފުބެ ހަމަ ވަގުތުން ކާވެންޏަށް ރުހިއްޖެއެވެ. އަދި ޒަހީނާ ދައްތައަށް ވިސްނައިދިނެވެ. “އަހަރެންވެސް ޒަހީނާއަށް ވުރެން ހަގެއްނު؟ އާސިފުބެ ހަނދާންކޮށްދިނެވެ. “އަހަރެން ޒަހީނާއާ އިނީވެސް ކަލޭގެ ދަރިޔަކު ހުއްޓައެއްނު؟”

“ ލޯތްބަކީ ރޯވެއްޖެ ނަމަ ނިވުމެއް ނުވާ އަލިފާނެއް. އެއީ އެކެއްގެ ވެސް އިޚްތިޔާރެއްގައި ވާކަމެއް ނޫން.” އެކަމަށް މުޅި ދުނިޔެ އެކު އެކީ ހުރަސް އެޅިޔަސް އެއަކީ ހުއްޓުވޭ ވަރަށް ވުރެން ގަދަ ބާރެއް.” އާސިފުބޭބެގެ ފަލްސަފާގެ ކުރިމަތީގައި ޒަހީނާދައްތަ ހަތިޔާރު ބެހެއްޓިއެވެ.

އެންމެ ފަހުން ޒަހީނާދައްތަ އަހަރެމެންގެ ކާވެނި  ބޮޑު ހަފްލާއެއް ބާއްވައި ކުރުވައިދިނެވެ.

އަސްލު ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން އަހަންނަށް ދަސްވީ އަދި ކިރިޔާއެވެ.

ނިމުނީ.

1 ކޮމެންޓް
1828
މާޗް 12, 2019
salhi