English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން “ވާނުވާ” ގައި ޖަލުގައި ނުބަހައްޓަވައި މިނިވަން ކުރެއްވުމަށް ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ޤާސިމް މިކަމަށް ގޮވާލެއްވީ ހެންވޭރު އުތުރު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ ރައީސް ޔާމީނަށް ” ވާނުވާ ” ޖަހާފައި ނުބޭންދޭނެ ކަމަށާއި، އެހެންކަމުން މިހާރުން މިހާރަށް އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ. ވާނުވާ ޖެހުމަކީ ޝަރީއަތް ނިމެންދެން ޖަލުބަންދުގައި ހައްޔަރުކޮށްފައި ބަހައްޓާތީ ޤާނޫނީ ބޭފުޅުން ބޭނުންކޮށް އުޅޭ ބަހެކެވެ.

ޤާސިމް ވިދާޅުވީ އަނިޔާވެރި ނުވާނެކަމަށްބުނެ ވެރިކަމަށް އައިސް އަނެއްކާވެސް މީގެ ކުުރިން ސަރުކާރުން އަމަލުކުރަމުން އައިގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދުލު އިންސާފު އެންމެންގެ މައްޗަށްވެސް ހަމަހަމަވާން ޖެހޭނެ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކޯޓުތަކުންވެސް މީހުން ހައްޔަރުކޮށްފައި ބެހެއްޓުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.