English Edition
Dhivehi Edition

މީގެ އަހަރުތަކެއް ކުރިން ފެށިގެން ރާއްޖޭގައި އަންހެނުންގެ ދުވަސް ވަކި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ފަށާފައި ވެއެވެ. ނަމަވެސް ދުނިޔޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަހެއް ފާހަގަ ކޮށްފައި ވަނީ 1909 ވަނަ އަހަރު އެމެރިކާގައެވެ. އޭގެ ސަބަބުން އަންހެން ކަނބަލުންނަށް ގިނަ ފުރުސަތުތަކެއް ލިބި ގިނަ ކަންކަމުގައި ބަސް ބުނަން ފަށާފައި ވެއެވެ.

ދުނިޔޭގައި އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ ވަކި މަގުސަދެއްގައެވެ. އެހެންނަމަވެސް މިކަން ރާއްޖޭގައި ކުރަނީ މިގޮތަށް ބާވައެވެ. ތިންވަނަ ދުނިޔޭގައި އަންހެނުން ކުރާ މަސައްކަތްތަކަށް ހިއްވަރުދީ، އެކަނބަލުންގެ އެމަސައްކަތް ބަލައިގަންނަ ދުވަހެއްގެ ގޮތުގައި 8 މާރިޗް ހާއްސަ ކޮށްފައި ވެއެވެ. އަދި އެދުވަހަކީ އެކަނބަލުނަށް އިތުރު ހިތްވަރުދީ ލަނޑުދަނޑިތައް ކަނޑައެޅޭ ދުވަހަކަށް ވެއެވެ. އެހެންނަމަވެސް ބައެއް މުޖުތަމައުތަކުގައި ކަން ހިނގަނީ މިގޮތަކަށް ނޫނެވެ. ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ކުޅިވަރު ކުޅުމުން ދުވަސް ނިންމާލުމުން އެކުރެވެނީ އެކަނބަލުންނަށް ޖެއްސުން ނޫން ކޮންކަމެއް ބާވައެވެ.

އަންހެނުންނަށް ވަކި ޙާއްސަ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރެވޭ ސަބަބުތަކުގެ ތެރޭގައި ދެ ޖިންސު ހަމަހަމަ ކުރުން ހިމެނެއެވެ. މީގެ މާނައަކީ ފިރިހެނުނާއި އެއްސަފެއްގައި އަންހެނުން ފައިތިލަ ސާބިތުކޮށްގެން ތިބުމާއި، ކަންކަމުގައި ބަސްބުނާ ހިސާބަށް އެކަނބަލުން ގެންގޮސް ދިނުމެވެ. ނަމަވެސް މިއީ އަދި ވިސްނާލަން ޖެހޭ ކަމެކެވެ. ފިރިހެނުންނާއި އަންހެނުންނަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ބެލި ކަމުގައި ވިޔަސް ތަފާތުތަކެއް ހުރި ބައެކެވެ. ބުއްދީގެ ގޮތުން ބެލިނަމަވެސް ފެންނަނީ ހަމަ އެއްހަމައެވެ. އެއީ އިންސާނުން ހެއްދެވި އިލާހުގެ މިންވަރުފުޅެވެ. ވީހިނދު އެކަންކަމަށް އިންސާނާ އަމިއްލައަށް ގޮންޖެހުމަކީ ވާނެ ކަމެއް ނޫނެވެ. އިސްލާމްދީނުގައި އަންހެނުންނަކީ ބެލެހެއްޓުމުގެ ދަށުގައި ވާން ޖެހޭ ބައެއްކަމަށް ވީހިނދު ފިރިހެނުންނަށް ބަސްބުނާ ބަޔަކަށް ވުމެއް ނެތެވެ. މިފަދަކަންކަން މިގޮތަށް ހުރި ހިނދު އަންހެނުންނަށް ވަކި ދުވަހެއް ކަނޑައަޅައި އެކަނބުލުން ބާރުވެރިކުރުމަށް ގޮވާލުމީ ދެޖިންސު ހަމަހަމަ ކުރުންތޯ ކަމާއި މެދު ސުވާލު އުފެދެއެވެ. އަދި އެއީ އެކަބަލުންނަށް ދެއްވާފައިވާ އިއްޒަތާއި މަތިވެރިކަމަށް އަރައިގަތުންތޯވެސް ވިސްނާލަން ޖެހެއެވެ.

އަންހެނުންނަށް ވަކި ދުވަހެއް ކަނޑައެޅިފައި އޮންނަ ބީދައިން 19 ނޮވެމްބަރަކީ ފިރިހެނުންނަށް ހާއްސަ ކުރެވިފައިވާ ދުވަހެވެ. ނަމަވެސް ފިރިހެނުންގެ ދުވަހަކީ ގިނަ މުޖުތަމަޢުތަކުގައި އިހްމާލުވެފައިވާ ދުވަހެކެވެ. ސަބަބަކީ ކޮބާހެއްޔެވެ؟ ފިރިހެނުން މުޖުތަމަޢު އަށް ކޮށްދޭ މަސައްކަތް ބަލައި ނުގަންނަނީ ތޯއެވެ؟ ނުވަތަ އެކަށީގެންވާ ހިދުމަތްތަކެއް ނުކޮށްދެވެނީ ތޯއެވެ؟

ރާއްޖެފަދަ ގައުމުތަކުގައި އަންހެނުން ބާރުވެރިކުރުމަށް ގޮވާލައި، އެކަނބަލުންނަށް ގިނަ ފުރުސަތުތަކެއް ދެވޭހިނދު އެއާއި އެއްމިންވަރަށް ފިރިހެނުންނަށް ފުރުސަތު ދިނުމަށް ގޮވާލެވޭ ހެއްޔެވެ. އަދި ހަމަ މިއާއި އެކު އަންހެނުންނަށް ދެވޭ ފުރުސަތުގެ ބޭނުން ބައެއް ފަރާތްތަކުން ނުހިފާ އިހުމާލުވަމުން ދެއެވެ. ކިޔެވުމާއި، މަސައްކަތުގެ މައިދާނުގައި ދެޖިންސައްވެސް ފުރުސަތު ހުޅުވިފައި އެބަހުއްޓެވެ. ނަމަވެސް އާހިރުގައި ފިރިހެނުން މިކަންކަމުގައި ކުރިހޯދަނީ އަންހެނުން ފަރުވާ ކުޑަވީމަ ނޫންތޯ އެވެ. އަންހެނުންނަށް ހުރަސްތަކެއް ހުރި ބީދައިން ފިރިހެނުންނަށްވެސް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އަދި އަންހެނުންނަށް ހިތްވަރުދީ ކުރިއަށް ނެރެން ބަޔަކު މަސައްކަތް ކުރާއިރުވެސް އެކަނބަލުން ފަހަތު ފަޔަށް ބުރަވަނީ ކީއްވެގެން ހެއްޔެވެ. ސަރުކާރާއި، އަމިއްލަފަރާތްތަކުން އެކަނބަލުން ކުރިއެރުވުމަށް ގިނަ ހޭދަ ކުރާއިރު އެފުރުސަތުތަކަށް ދޫކޮށްލުމީ އިސްރާފަކަށް ނޫނީ ނުވޭތޯ އެވެ. މީގެ ސަބަބުން ތަރައްގީގެ ދުވެލި މަޑުޖެހެމުން ނުދޭތޯއެވެ. ކަންމިހެން އޮތް އިރު ފޫނެއް ފަޔަށް ފެންފުރުމަކީ ދިވެހި ހަރުބަހެއްކަން އަދިވެސް ދިވެރިންނަށް ގަބޫލު ނުކުރެވެނީ ތޯއެވެ.

މިފަދަ ދުވަހެއް އަޑުހަރުކޮށް ފާހަގަކޮށް ގުގުމަމުން ދާއިރު އަންހެނުންނަށް ކުރާ އަނިޔާގެ ވާހަކަ ކޮންމެ މީހަކުވެސް ދައްކާލައެވެ. އަދި ނިސްބަތުން ބަލާއިރު ރާއްޖޭގެ އަންހެނުންގެ ތެރެއިން ކޮންމެ 3 މީހަކުން 1 އަށް އަނިޔާލިބޭކަމަށް އަޑު އުފުލި އެކަނބަލުން މިކަމުން ސަލާމަތް ކުރުމަށް ގޮވާލެވެއެވެ. ނަމަވެސް ހިތާމައަކީ މިކަމުގައިވެސް ފިރިހެނުން އެކަހެރިކޮށްލާފައި އޮތުމެވެ. ރާއްޖޭގައި ފިރިހެނުންނަށް ކުރާ އަނިޔާގެ ދިރާސާއެއް ހެދިފައި ނެތުމަކީ އެފަރާތްތަކަށް އަނިޔާނުކުރުމެއް ނުވުމެއް ނޫނެވެ. އަންހެނުންނާއި ދާދި އެއްމިންވަރަކަށް މިމުޖުތަމައުގައި ފިރިހެނުންނަށް ވެސް އަނިޔާލިބެމުން ދާއިރު އިންސާފު ލިބެން ޖެހެއެވެ. އަންހެނުނަށް ވަކި ގިންތިއަކުން މިނެކިރުމުގެ ބަދަލުގައި ފިރިހެނުން ވެސް ހަމަހަމަ ކުރުމަށް ގޮވާލަން ޖެހެއެވެ. ޖުމުތަމަޢުގައި ދެ ޖިންސަށް ފުރުސަތު ލިބެން ޖެހޭކަމަށް ބުނެ ސުރުހީ އަޅާލެވޭއިރު އެއްބަޔަކަށް އިހްމާލުވުމުން އެލަނޑުދަނޑި ހާސިލް ނުވާނެކަން ދަންނަން ޖެހެއެވެ.

އަންހެން ކަނބަލުންނަކީ މުޖުތަމަޢުގައި ގަދަރު ދެވިފައިވާ ބަޔަކަށްވީ ހިނދު އެކަބަލުންނަށް ވަކި ހާއްސަ ދުވަހެއް ކަނޑައަޅާއި ފާހަގަ ކުރުމަކީ ހަގީގަތުގައި އެކަނބަލުންނަށް ވެވޭ ބޭއިންސާފެކެވެ. އެހެނީ އެކަނބަލުންގެ މަސައްކަތަކީ އެފަދަ އެއްދުވަހުން ނިންމާލެވޭނެ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން އަންހެނުންގެ މަސައްކަތަށް ތަރުހީބުދޭނަމަ ވަކި ދުވަހެއް ކަނޑައެޅުމުގެ ބަދަލުގައި ދުވަހުގެ ކޮންމެވެސް ވަގުތެއް މިކަމަށް ހުސްކޮށްލުން ކީއްތޯ އެވެ. އޭގެ ސަބަބުން ފިރިހެނުން އުފެދޭ ހަސަދައަށް ވެސް ލުއެއް ލިބުނީސް ތާއެވެ.