English Edition
Dhivehi Edition
ހިރާ ސްކޫލްގެ މުަވައްޒަފު އޮފީހުގައި ދަރިފުޅު ނިންދވައިގެން މަސައްކަތުގައި

އަންހެނުން ބާރުވެރި ކުރުމުގެ ވާހަކައަކީ، މިހާރަކަށް އައިސް މުޅި ދުނިޔޭގެ ހަފަރާތުގައި ރަނގަބީލު ޖެހެމުންދާ ވާހަކައެކެވެ. މިވާހަކަތަކަށް އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވެސް ޚާއްޞަ ކަނެއް ދެވިފައި ވެއެވެ. ނަތިޖާއެއްގެ ގޮތުން ތަފާތު ޙާލަތްތަކުގައި އެކިއެކި ޕޯޑިއަމްތަކުން ފެށިގެން ރަށްރަށުގެ އައްސޭރިފަށުގައިވާ ހޮޅުއަށީގައި ބަޙުޘް ވެވޭ މައްސަލައަކަށް މިމައްސަލަވަނީ ވެފައެވެ. ގޯޅިގޯޅި ކަންމަތިގައި ބޭއްވޭ ބައްދަލުވުންތަކާއި ޖޯލިފަތީގައި އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކަށް މިވާހަކަވަނީ ވެފައެވެ.

ނަމަވެސް ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާތަނަށް ދެކެވެމުންއައި މިވާހަކަތަކަކީ ހުސް ވާހަކަތަކެއް ކަމެވެ. ނާތީޖާއެއް ޙާޞިލުވެފައިވާ ވާހަކަތަކެއް ނޫންކަމެވެ. ހަމައެހެންމެ ގިނަ އަންހެނުން ވިދާޅުވާ ގޮތުގައި މމިވާހަކަ ތަކުން މިހާތަނަށް އުފަލެއް އިޙުސާސްކުރެވިފައެއް ނުވެއެވެ. އަދި ބައެއް އަންހެނުންނަށް މިކަން މާނަކުރެވެނީ ހިތުގައި ބާރަށް ވިކައިގަންނަ ރިހުންގަދަ ވިކައިގަތުމެއް ކަމުގައެވެ.

ކަންމިހެން އޮތް ނަމަވެސް ހަމަގައިމުވެސް މިއަދު މުޅިރާއްޖެއަށް ފެތުރިގެންދިޔަ އެންމެ ހޫނު ޚަބަރާއެކު ދިވެހި އަންހެނުންނަށް ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ. ހެޔޮ ގޮތުގައި ކުދީން ބަލައިދޭނެ ފަރާތެއް ނެތި ވަޡީފާ ދޫކޮށްލަންޖެހޭ ހިސާބުގައިވާ، ނުވަތަ އެދަތިތައް ތަޙައްމަލު ކުރަމުންދާ މައިންނަށް އުފާވެރި އުއްމީދެއް ލިބިގެން ދާނެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކ.މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމުހޫރިއްޔާ މުޅި މިދީބުގެ އަންހެނުންނަށް ދެއްވީ ހަމަގައިމުވެސް މައިންތަކަކަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. އޮފީސްތަކުގައި ވަޡީފާ އަދާކުރައްވާ މުއައްޒަފުންނަށް ކުދީން ގޮވައިގެން އޮފީހަށް ގޮސް ކުދީން އެމައިންގެ ލޯމަތީގައި ބައިތިއްބައިގެން އާމްދަނީ ހޯދަން މަސައްކަތްކުރާނެ ފުރުޞަތު ލިބިގެން ދިއުމަކީ ކުޑަ ކަމެއްނޫނެވެ. މި ޚަބަރަކީ އެކަމަށްޓަކައި ހިތްތައް ޝުކުރުން ފުރިބަންޑުންވެ އެކަމަށް މުޅިޤައުމު މަރުޙަބާ ކިޔާނެކަމެކެވެ.

ރައީސްގެ މިވާހަކަފުޅާއެކު ” އޭއޯ ނިއުސް” އަށް ޚަބަރު ލިބިގެންދިޔައީ އައްޑޫސިޓީގެ ހިތަދޫގައި ހިންގާ ޙިރާ ސްކޫލުގެ އޮފިސް މުއައްޒަފުންނަށް މިހާރުވެސް މިޚިދުމަތް ފޯރުކޮށްދޭކަމެވެ. އަޅުގަނޑުމެން އެސްކޫލަށް ގުޅުމުން ސްކޫލުގެ މެނޭޖުމެންޓުގެ ބޭފުޅަކު ވިދާޅުވީ  ފެބުރުއަރީ މަހުން ފެށިގެން އެސްކޫލުގެ އޮފީސް މުވައްޒަފަކަށް މިޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. ވިހެއުމުގެ ޗުއްޓީއަށް ފަހު ތުއްތު ދަރިފުޅާއެކު ނިކުތް މުއައްޒަފު، އޮފީސްގަޑި ނިންމާލާފައި ގެއަށް ދިއުމާހަމައަށް ދަރިފުޅު އޮންނަނީ މަންމަގެ ބެލެހެއްޓުމުގެ ދަށުގައެވެ. އެއްވެސް ދަތިކަމެއްނަތި ހިތްހަމަޖެހިގެން ވަޒީފާ އަދާކުރެވެއެވެ.

ޙިރާ ސްކޫލުން ހާމަކުރައްވާ ގޮތުގައި އެބޭފުޅުންގެ އުއްމީދަކީ ޓީޗަރުންނަށްވެސް މިމަގު ތަނަވަސް ވުމެވެ. ޙިރާ އިސްކޫލުގެ ޓީޗަރުންގެ ގާތްގަނޑަކަށް 95 އިންސައްތަ ޓީޗަރުންނަކީ އަންހެން ބޭފުޅުން ނެވެ. އެންކަމުން ޓިޗަރުންނަށް މި ފުރުޞަތު ފަހިކޮށް ދެއްވިއްޖެނަމަ މިހާރު އިސްކޫލުގައި ކިޔަވައިދެމުން މިދާ ފޭޑިއަށް ކިޔަވައި ދިނުމުގެ ކަންތައްތަކަށް ލިބިގެންދާނެ ހިތްވަރެއް ކަމަށްވެސް ޙިރާއިން ވިދާޅުވެއެވެ.

ކޮންމެއަކަސް ޙިރާ ސްކޫލުން މިކަން ތަންފީޒުކުރަމުން މިދާ ދިއުމަކީ މިކަމަކީ ކުރެވިދާނެކަމެއްކަމުގެ އަލިގަދަ ދަލިލެކެވެ. އެހެންކަމުން މިއަދު ވަޒީފާ އަދާކުރައްވާ މައިން އެތިބީ އެބޭފުޅުންގެ ތުއްތު ކުދީންނާއެކު ވަޒީފާއަށް ނިކުތުމެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.