English Edition
Dhivehi Edition

ގަޑީގެ އެލާމުގެ އަޑު އިވުމުން އަލުން ބާލީސް ނަގާ ކަންފަތުގައި އަޅައި އެ އަޑަށް ފިލޭތޯ ބެލީމެވެ. ކުޑަމީހާގެ ކަންތައް ހުރިގޮތުން ރޭގައި ރަނގަޅަށް ހަމަނިންޖެއް ނުލިބެއެވެ. އިރުއިރުކޮޅާ ތެދުވެ ކުސްތަޅާތީ އަހަރެންވެސް ޖެހުނީ ތެދުވާށެވެ.. ކުރާނެ ކަމެއް ނެތެވެ. އަހަންނަކީ މަންމައެކެވެ. ޒިންމާގިނަ އަންހެނަކީމެވެ!

ކިތަންމެ ތެދުވާހިތް ނުވިޔަސް ތެދުވުމަކީ މަޖުބޫރުކަމެކެވެ. ހެނދުނު ސްކޫލަށް ފޮނުވަން ޖެހޭ ތިން ކުދިން ތިބެއެވެ. ފިރިމީހާ އޮފީހަށް ދިއުމުގެ ކުރިން އޭނަގެ ހުރިހާ ކަމެއް ހަމަޖައްސަން ޖެހެއެވެ. ގޭތެރެ ރަމަތަކޮށް ތަރުތީބު ކުރުމަށްފަހު މައިދައިތައަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސަން ޖެހެއެވެ. އަހަންނަށް އޮފީހަށް ދެވެނީ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމުމަށް ފަހުގައެވެ.

ގަދަކަމުން ދެފައި ދަމަމުން ފާޚާނާއާއި ދިމާއަށް ދިޔައީމެވެ. އޭރު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެމުންދިޔައެވެ. އަވަސްކޮށްލައިގެން ފާޚާނާއިން ނިކުމެ ނަމާދުކޮށްލީމެވެ. އެހާ ހިސާބުން ވެފައި ހުރި ލޮޑުކަން ފިލައިގެން ދިޔަ ކަހަލައެވެ. ކުރިމަތީގައި އޮންނަ އާ ދުވަހަށް އަހަރެން ހިތްވަރު ހޯދަނީ އަބަދުވެސް މިގޮތަށެވެ. ފަތިސް ނަމާދުން ސިކުނޑިއާއި ހަށިގަނޑު ތާޒާކޮށްދެއޭ ބުނާ ބުނުމަކީ ހަގީގަތެއްކަން ޚުދު އަހަރެންވެސް ގަބޫލު ކުރަމެވެ.

ނަމާދުން ނިމިގެން ދޮށީދަރިފުޅު ނަވާޒަށް ގޮވާލީމެވެ. 12 އަހަރުވިޔަސް އޭނާ އަކީ އަދިވެސް ހަމަ ޅަ ކުއްޖެކެވެ. ބުނެކިޔައިގެން ނޫނީ އެއްވެސް ކަމެއް ކުރާކަށް ނޫޅޭނެއެވެ. ހޭލަނީވެސް އެހާ އުނދަގުލުންނެވެ.  ފާޚާނާއަށް ވައްދާފައި އިރުއިރުކޮޅާ އަވަސް ކުރާށޭ ބުނަން ޖެހެއެވެ. ނޫނީ އެތަނުގައި އިނދެގެންވެސް ނިދާފާނެއެވެ. ކުދިންގެ ކޮޓަރީގައި ހުންނަ ފާޚާނާއިން 3 މީހުން ތައްޔާރުވާން ގިނަ ވަގުތު ބޭނުންވެއެވެ. އެއިން އެކަކުވެސް ގޭގެ އެހެން ފާޚާނާއަކަށް ނުވަންނާނެއެވެ. ކުދިންގެ މިކަހަަލަ އާދަތަކުން ބައެއްފަހަރު ބޯހަލާކުވާވަރު ވެއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ޖެހެނީ ކެތްކުރާށެވެ. އަންހެނުންގެ ދެވަނަ ނަމަކީ ކެތްތެރިކަމޭ މީހުން ކިޔައި އުޅެނީ މިހެންވެގެންނެވެ.

ނަވާޒަށް ގޮވައި ނަގައި ފާޚާނާއަށް ވައްދާފައި އަވަހަށް ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. ބަދިގެ ތެރެއަށް ވަދެވުމުން ސިކުނޑިއަށް ކުޑަ ލުއިކަމެއް ލިބިގެން ދިޔައެވެ. ކިތަންމެ ދަންވިޔަސް ބަދިގެ އެއްކޮށް ސާފުކޮށް ވަސް މީރުކޮށްފައި ނޫނީ އަހަރެން ނުނިދަމެވެ. އެއީ ކުޑައިރުއްސުރެ މަންމަ ދަސްކޮށްދިން ރީތި އާދައެކެވެ. ބަދިގޭގެ އެއްކަނުގައި ހުންނަ ލެމަން ގްރާސް ގަހަކީ އަހަރެން ވަރަށް ލޯބިން ގެންގުޅޭ ގަހެކެވެ. އޭގެ ވަސް ބަދިގެ ތެރޭގައި ހުންނަ އެހެން ގަދަވަސް ކަނޑުވާލައި ތާޒާ ކޮށްދޭތީއެވެ. މިވެސް މަންމަ ދަސްކޮށްދިން ކަމެކެވެ.

ފެން ހޫނުކުރަން ޖައްސާލަމުން އަދި އެއްފަހަރު ނަވާޒުގެ ޚަބަރެއް ބަލާލުމަށް ކޮޓަރިއަށް ދިޔައީމެވެ. ދެތިން ފަހަރު ގޮވާލުމުން އޯއި އޭ ބުނެލި އަޑު އިވުނެވެ. އަވަސްކުރާށޭ ކިޔަމުން ނިހާދަށް ވެސް ގޮވީމެވެ. އޭނާއަށް އަދި މިވީ 9 އަހަރެވެ. ހިކި ތޮޅިއެއްހެން ހުއްޓަސް އޭނަ ވެސް އެހާ ކަންނެތްވާނެއެވެ. ގަދަކަމުން އެނދުން ވައްޓާލައިގެން ނޫނީ އެއްމެ ދުވަހަކުވެސް ހޭލާ ގޮތެއް ނުވެއެވެ. ސްކޫލަށް ދާ ކޮންމެ ދުވަހަކު މި ހަނގުރާމަ ކުރަން އަހަންނަށް އޮޮންނަނީ ޖެހިފައެވެ.

އަވަހަށް ތައްޔާރުވާން ބުނެފައި ބަދިގެއަށް ދުއްވައިގަތީމެވެ. ސްކޫލަށް ދިއުމުގެ ކުރިން ދޭ ނާސްތާ ތައްޔާރުކުރުމަށާއި އިންޓަވަލަށް ދޭން އެއްޗެއް ތައްޔާރުކުރުމަށެވެ. މި މަސައްކަތް ކުރަމުންދާއިރު ވެސް ދޭތެރެ ދޭތެރެއިން ކޮޓަރިއަށް ގޮސް ކުދިވެރިން ތައްޔާރުވާ ރޭޓު ބަލަން ޖެހެއެވެ. ކޮޓަރިއާއި ބަދިގެ އާއި ދޭތެރޭ ހިނގަން ޖެހޭވަރު ގިނަކަމުން ހެނދުނު އިތުރު ކަސްރަތެއް ނުކުރިއަސް މިހާވަރު އެންމެ ރަނގަޅޭ އަހަރެންގެ ހިތަށް އަރައެވެ.

ނަވާޒާއި ނިހާދު ތައްޔާރުވެ ނިމޭއިރަށް ކުޑަކުޑަ ނަމްސާއަށް ހޭލައްވަން ޖެހެއެވެ. 7 އަހަރުގެ ނަމްސާ އެހެންމީހުންނަށް ވުރެ ކަންތައް ބޮޑެވެ. އޭނާއާއި ދިމާއަށް މީހަކު ބަލާލިއަސް ހީވާނީ އެހެންކަމެއްހެންނެވެ. އަޑުގައި ނެތްތަނަށް މަންމައަށް ގޮވާއިރު ތަނެއްގައި ރޯވެގެން ވެސް މީހަކު ނުވާހާ ވަރުވާނެއެވެ. ދެންތިބެނީ ދެފިރިހެން ކުދިންނަށް ވުމުން ނަމްސާ ރުޅިއަރުވާލެވުމަކީ އެމީހުންނަށް ބޮޑު މަޖާގަނޑަކަށް އޮންނަނީ ވެފައެވެ. ހުރިހާ ކަމެއް މަސަލަސް ކުރަން ދެކޮޅަށް ދުވަން ޖެހެނީ އަހަރެން ފަކީރަށެވެ. ކުރާނީ ކީއްހެއްޔެވެ. އަހަންނަކީ މަންމައަކީމެވެ. ބައެއްފަހަރު ހިތަށް އަރައެވެ. ގޭތެރޭގައި އުޅޭއިރު ފުރޮޅި ލައްވާފައި ހުންނަ ބޫޓަކަށް އަރަންވީއެވެ!

3 މީހުން ތައްޔާރުކޮށް ހެނދުނުގެ ނާސްތާ ދީ އެމީހުންގޮވައިގެން ސްކޫލަށް ގޮސް ނިމޭއިރު އަހަރެން ހުންނަނީ ވަރުބަލިވެ މާނޭވާ ލެވިފައެވެ. ހަށިގަނޑަށް އަރާމެއް ހޯދާލަން ތަނެއްގައި ޖައްސާލާނަމޭ ހިތަށް އެރިޔަސް އެކަމެއް ކުރެވެން ނޯންނާނެކަން ހިތަށް އެރުމުން ވެފައި ހުންނަ ވަރުބަލި ހަނދާން ނައްތާލަނީއެވެ. އަވަސް ވެގަންނަނީ އޮފީހަށް ދިއުމުގެ ކުރިން މެންދުރަށް ކާނެ އެއްޗެއް ތައްޔާރުކޮށް މައިދައިތައާއި ފިރިމީހާއަށް ނާސްތާ ތައްޔާރުކުރުމަށެވެ. ހަފްތާގެ ބަންދުދުވަހު ހުރިހާ އެންމެންގެ ހެދުން އިސްތިރިކޮށްފައި ހުއްޓަސް ފިރިމީހާ ސަމީރު ގެ ގޮތެއް ނޭނގޭނެއެވެ. ހެނދުނު ހޭލާއިރު މޫޑު ހުންނަ ގޮތަކުން ތައްޔާރުކޮށްފައި ހުންނަ ހެދުން ނޫން ހެދުމެއް ބޭނުން ވެދާނެއެވެ.  މަސައްކަތުގައި ކިތަންމެ އަވަދިނެތި އަހަރެން ހުއްޓަސް އަދި ރުޅިގަދަ ވިޔަސް އެބުނާ ކަމެއް ކުރަން ޖެހެއެވެ. ފިރިމީހާ ވީމައެވެ. އަހަންނަކީ އަންބަކަށް ވީމައެވެ!

އަހަންނަކީ ސާފުތާހިރުކަމަށް ލޯބި ކުރާމީހަކީމެވެ. ގޭތެރެ ތަރުތީބު ކޮށް ރީތިކުރުމާއި މީރުވަސް ދުވާ މަލުން ޒީނަތްތެރިކޮށް ބެހެއްޓުަމީ ގޭގައި ދިރިއުޅޭ މީހުންނަށް އުފާވެރިކަން ލިބޭނެ ކަމެއްކަމުގައި މަންމަ އަބަދުވެސް ކިޔައިދެއެވެ. މަންމަ އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ.

“ގެއެއް އެއީ އުފާވެރި ސުވަރުގެއަކަށް ހަދަނީ އެގެއެއްގައި ދިިރިއުޅޭ އަންހެން މީހާ.  އޭނާއަކީ ފާޑުވެރިކަމެއްނެތް އަންހެނަކަށް ވެއްޖެއްޔާ އެގެއަކުން މާބޮޑު އުފަލެއް ހިތްހަަމަ ޖެހުމެއް ނުލިބޭނެ” މިއީ މަންމަ ދިން ފިލާވަޅުތަކުގެ ތެރެއިން އަހަރެން އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓާ ފިލާވަޅެވެ. އެކަމަކު އަހަރެންގެ ފިރިމީހާ ސަމީރަށް ފެންނާނީ އަހަންނަށް ހަނދާން ނެތިގެންވެސް ނުކުރެވި ހުންނަ ކުޑަކުޑަ ކަންކަމެވެ. އަހަރެން ކުރާ ރަނގަޅު އެއްވެސް ކަމެއް އޭނާއަށް ފެންނަ ކަމަކަށް ނުވެއެވެ. ހިތަށް އަރައެވެ. ތައުރީފު ކުރުމުގައި ފިރިހެނުން އެހާ ދަހިވެތީ ކީއްވެބާވައެވެ. އަންހެނުންނަކީ ތައުރީފު ކުރުމާއި އުފާވާކަހަލަ ބަސްތައް އިވުމަށް ބޭނުން ބައެއްކަން އެމީހުންނަށް ނުވިސްނެނީ ކީއްވެ ބާވައެވެ. އެފަދަ އެންމެ ލަފުޒަކުން ވެސް ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސް ނުވަނީ ކީއްވެ ބާވައެވެ….ކުރާނެ ކަމެއް ނެތެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިއީ އަންހެނުން ކުރަން ޖެހޭ މަޖުބޫރު ކަންތައްތަކެވެ!

ކުދިވެރިންނެކޭ އެއްފަދައިން ސަމީރުވެސް ހޭލާނީ އަހަރެން ގޮވީމައެވެ. އަހަންނަކީ އެންމެންގެ އެލާމު ގަޑިއެވެ. ބަލިވެގެން އަހަންނަށް ނުތެދުވެވޭ ދުވަސްދުވަހު މުޅި ގޭތެރެ އޮންނަނީ ހުއްޓިފައެވެ. ގަޑީގެ މައިކަށި ހުއްޓުމުން އެހެން ކަށިތައް މަސައްކަތް ނުކުރާ ބީދައިންނެވެ.

ސަމީރަށް ގޮވައި ހޭލެއްވުމަށްފަހު މައިދައިތަގެ ޚަބަރެއް ބަލާލުމަށް އެކޮޓަރިއަށް ބޯދިއްކޮށްލީމެވެ. ނަސީބަކުން މައިދައިތަ އިނީ ހޭލައިގެން ފޮތެއް ކިޔާށެވެ. އެއީ މަދުން ފެންނަ މަންޒަރެކެވެ. މައިދައިތަ އަކީ ޝަކުވާ ގިނަ މީހެކެވެ. އަހަރެން ދެކެ މައިދައިތަ ލޯބި ނުވެއެކޭ ނުބުނާނަމެވެ. ނަމަވެސް އަހަންނަށް ނުކުރެވި ހުންނަ ގިނަ ކަންކަން ސަމީރަށް އަންގައިދޭން މައިދައިތަ ވަރަށް ހުޝިޔާރުވާނެއެވެ.

“މަންމަ އަށް ސައި ތައްޔާރުކުރަން ވީތަ” އަހަރެން އަހާލީމެވެ.

“ހުންނާނެ ދޮންނަން ޖެހޭ ބައެެއްހެދުން. މިއަދު އޮފީހަށް ދިއުމުގެ ކުރިން އެހެދުން ދޮވެލަބަލަ” އަހަރެންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މައިދައިތަ ހަވާލުކުރީ އިތުރު މަސައްކަތެކެވެ. ގޭގައި ހުންނަނީ އޮޓޯ މެޝިނެއް ކަމުން އެއާ ކުޅެން މައިދައިތައަކަށް ނޭނގެއެވެ. އަމުދަކުން މެޝިނަށް މައިދައިތަގެ ހެދުން އަޅާކަށް އެއްބަހެއްވެސް ނުވާނެއެވެ. އެހެދުންތައް ދޮންނަން ޖެހޭނީ އަތުންނެވެ. މެޝިނަށް އެޅީމާ ހެދުން ހަލާކުވާލެއް އަވަސްވާނެ ކަމަށް މައިދައިތަ ދެކެއެވެ.

އާނކޭ ބުނެ އެ ސާމާނުތައް ނަގަމުން އަހަރެން އައީމެވެ. އޭރު އަހަރެން ވެސް އޮފީހަށް ދާ ގަޑި ކައިރިވަނީއެވެ. އެހެންކަމުން މެންދުރުގެ ކެއުމަށް އެއްޗެއް ތައްޔާރުކޮށްލުމުގައި އަވަސް ވެގަތީމެވެ. އަހަރެން އޮފީހަށް ދަނީ ސަމީރު އާ އެކީގައި ކަމުން ސަމީރު ތައްޔާރުވާން ވާއިރަށް އަހަންނަށް ތައްޔާރު ނުވެވިއްޖެނަމަ ކަންތައް ބޮޑުވާނެކަން އެނގެއެވެ. ސަމީރު ހޭލައިގެން ކަސްރަތުކޮށް ނިމި ފެންވަރައިގެން އަންނަން ވާއިރަށް އަހަރެން ކުރަން ޖެހޭ ހުރިހާ ކަމަކުން ނިމި ތައްޔާރުވާންޖެހެއެވެ. ސަމީރު އޮފީހަށް ދާ ގޮތަށް ހަމަޖެހިލައިގެން އަރާމުގައި ހުރެ އަހަންނަށް ވެސް ދެވޭނެ ނަމައޭ ހިތަށް އަރައެވެ. އެކަމަކު އޮފީހަށް ދިއުމުގެ ކުރިން ގޭގެ އޮފީސް ހިންގަން އަހަންނަށް ޖެހެއެވެ. އެ މަސައްކަތުން ނިމިގެން ތައްޔާރުވެގެން ވަޒީފާ އަދާކުރާތަނަށް ދެވޭ އިރު އަހަރެން ހުންނަނީ ވަރުބަލިވެ ނިމިފައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މިއީ ވަޒީފާއަށް ދާން އަންހެނުންގެ ހާލެވެ!

ހުރިހާކަމެއް ނިންމާލުމަށް ފަހު ފެންވަރައި ތައްޔާރުވެގެން އަހަންނަށް ގަޑިއަށް ނިކުމެވުނީ ހަމަ ކިރިޔާއެވެ.  އޮފީހަށް ދާން ކާރަށް އަރަމުން ވެސް ސަމީރުކުރީ ޝަކުވާއެވެ. އަހަރެން ލަސްކަމުންނެވެ. ރީތިވާން ގިނައިރު ނަގާވާހަކައެވެ. މިއަށް ވުރެ އަވަހަށް ތައްޔާރުވެގެން ގެއިން ނިކުންނަށް ނޭނގޭ ވާހަކައެވެ. ބައެއްފަހަރު ހިތަށް އަރައެވެ.  އަހަންނަކީވެސް ފިރިހެނެއް ނަމައެވެ!

ކިތަންމެ ވަރުބަލިވެފައި ހުރިނަމަވެސް އޮފީހުގައި ދައްކަން ޖެހެނީ އުފާވެރި މޫނެވެ. ބައްދަލުކުރަން ޖެހޭ މީހުންނަށް ދައްކަން ޖެހެނީ ހިނިތުން ވުމެވެ. ކުރެވޭ މަސައްކަތާ މެދު ބޮސް ރުޅިއައިސްގެން ދައްކާ ހުރިހާ ވާހަކަތައް އަޑުއަހަން ޖެހެނީ ކެތްތެރިކަމާއެކުގައެވެ.

ބުރަ ދުވަހަކަށް ފަހު އޮފީސް ނިމިގެން ސަމީރުގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްގެން ހުރީމެވެ. ބަނޑުގައި ވެގެންނާއި ސިކުނޑިއަށް ލިބިފައި ހުރި ލޮޑުކަމެއްގެ ސަބަބުން އަހަންނަށް ހުރެވުނީ ސަމީރު އަންނަލެއް ލަސްވެގެން ރުޅިގަދަ ވެފައެވެ. 15 މިނެޓްގެ އިންތިޒާރަކަށް ފަހު ސަމީރުގެ ކާރު ފެނުނެވެ.

“މިއަދަކީ އަންހެނުންގެ ދުވަހެއްނު. އެހެންވެސް އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުން ނަށް ތައްޔާރުކުރި ޕާޓީއެއްގައި އުޅެފައި އަންނަން ވީމާ ލަސްވީ. އަހަރެންގެ މޫނަށް ބަލަމުން ސަމީރު ބުންޏެވެ” އެ އަޑު އިވުމުން އަހަރެންގެ ރުޅި އިތުރަށް ގަދަވިއެވެ. ވެފައިވާ ބަނޑުހައިކަން އިތުރުވިއެވެ. އޮފީހުގައި އުޅޭ އަންހެނުންނަށް ޚާއްޞަކޮށްގެން އަންހެނުންގެ ދުވަސް ފާހަގަކޮށް މަޖާ ނެގި އިރު އަމިއްލަ އަނބިމީހާ ގެ މަތިން އެއްފަހަރުވެސް ހަނދާކޮށްނުލީރީ ރުޅިގަދަވިއެވެ. ތުންފިއްތައިގެން ގެއަށް ދާ މަގު ބަލަން އަހަރެން އިނީ އިތުރު އެއްޗެއް ކިޔަން ބޭނުން ނުވީމައެވެ.

ގޭ ދޮށަށް ކާރު މަޑުކޮށްލުމާއެކު އަވަސް އަވަހަށް ގެއަށް ވަނީމެވެ. ބާރު ހިނގުމެއްގައި ކޮޓަރިއަށް ވަދެ ދަބަސް އެނދުމަތީގައި ބަހައްޓާފައި އެނބުރިވަގުތު ކުރިމަތީގައި ހުރި ސަމީރު ފެނިފައި ސިހުނެވެ.

” އުފާވެރި އަންހެނުންގެ ދުވަހެއް! އައިޝާއަކީ ނަމޫނާ އަންހެނެއް. ނަމޫނާ މަންމައެއް. ނަމޫނާ އަންބެއް. އައިޝާއަށްޓަކައި އަހަރެން ފަޚުރުވެރިވަން” އަތުގައި އޮތް ރަތް ފިނިފެންމާ އަހަންނަށް ދިއްކޮށްލަމުން ސަމީރު ބުނެލިއެވެ.

ފިރިމީހާގެ ދުލުން އޮހިގެން ދިޔަ ތައުރީފުގެ އެ ބަސްތަކުން އަހަރެންގެ ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދިޔައެވެ.  ރަތްކުަލައިގެ ފިނިފެންމަލުގެ ވަސް ބަލާލަމުން ސަމީރުގެ ހަށިގަނޑުގައި ބާރަށް ބައްދާލެވުނީ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރާ އެފަދަ ފިރިއަކު ކޮންމެ އަންހެނަކަށް ވެސް ލިބުން އެދި ދުއާކުރަމުންނެވެ!