English Edition
Dhivehi Edition

އައްޑޫވިމެން އެސޯސިއޭޝަން (އަވަ) އާއި އެމްޑަބްލިޔު ސީސީ އިން އިންތިޒާމުކޮށްގެން ރާއްޖޭގެ އަންހެނުންގެ ޖަމިއްޔާތަކަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ޖަމިއްޔާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އާންމު މެމްބަރުންނާއެކު ޖުމްލަ 53 ކަނބަލުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އައްޑޫވިމެންސް އެސޯސިއޭޝަން(އަވަ) ، މޯލްޑިވްސް ވުމެންސް ޗެމްބަރސް އޮފް ކޮމާރސް، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް،(ވިމް)  ހޯޕް ފޯ ވުމެން،  އެމްއޭސީސީއެސް(މެކްސް)  ފަތްމިނި އެސޯސިއޭޝަން ، ކްރިއޭޓިވް ޑިޒައިން، އެސޯސިއޭޝަން އޮފް ލޭޑީ އެންޓަޕްރެނަރސް ގެ ފަރާތުން މެެންބަރުން ވަނީ ބައިވެރިވެފައެވެ.

މި  ބައްދަލުވުމުގައި ވަނީ ޖައްމިއްޔާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންނަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދީ ޖިންސީ ހަމަހަމަކަމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. މީގެއިތުރުން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ދެނެގަނެ ތަފާތު އެކި ގޭމްތަކާއި ހުރިހާ ބައިވެރީން ޓީމްވޯކް ދައްކުވައިދޭ ޕްރޮގްރާމްތަކެއް ބައްދަލުވުމުގެ ތެރޭގައި ވަނީ ހިންގާފައެވެ.

މީގެ ިއތުރުން ޖަމިއްޔާތަކުގެ އިސްފަރާތްތަކުން ވަނީ އެބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން ކުރެވިދާނެ ކަންކަން އެހެން ބައިވެރިންގެމެދުގައި ހިއްސާކޮށް މަޝްވަރާކޮށްފައެވެ. ޖަމިއްޔާތަކުގެ އިސްފަރާތްތަކުން ވަނީ އެ ޖަމިއްޔާތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވެސް ވާހަކަދައްކާފައެވެ.

ރާއްޖޭގައި އަންހެނުންގެ ގިނަ ޖަމިއްޔާތަކެއް އުފެދި ހަރަކާތްތެރިވަމުން އަންނަ އިރު މި ފަދަ ގިނަ ޖަމިއްޔާތަކުން އަންހެނުން ބިނާކޮށް ކަނބަލުން ބާރުވެރިކުރުމަށް ތަފާތު މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.  ހަމަ އެއާއެކު ޖަމިއްޔާތައް ގުޅިގެން ކުރާ މިފަދަ މަސައްކަތްތަކުން އޭގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ކުރަމުން ދާތަން ވެސް ދަނީ ފެންނަމުންނެވެ.