English Edition
Dhivehi Edition

މަންމަ ނުގުޅާނެ އިރެއް ނޯންނާނެއެވެ. މިހާރު އެހެރަ މެންދަމު ބާރަ ޖަހަނީއެވެ. ކޮލެޖްގައި އުޅެފައި ފުލެޓަށް އާދެވުނީ އަދި ކިރިޔާއެވެ. މިރޭ ފެރީ ތަންކޮޅެއް ލަސްވީއެވެ. އާންމުކޮށް އަހަރެން ދިހައެއް ޖަހާކާއިރަށް އަންނަމެވެ. އާދެވޭ އިރު ހުންނަނީ ވަރުބަލިވެ ބަނޑުހައިވެ ހާންތި ވެފައެވެ.

“ދަރިފުޅާ ކައިފިންތަ؟ ބޭރުން ތަންތަނުން ނުކާތި. ގެޔަށް އައިސް އަވަހަށް ރަނގަޅަށް ދޮރުލައްޕާތި. “

މަންމަގެ ލެކްޗަރު ނުނިމެނީސް ފޯނުގެ ބެޓްރީ ހިނގައްޖެއެވެ. އަވަހަށް ގޮސް ޗާޖް ކުރަން ޖަހާލިތަނުން އެދިޔައީ ކަރަންޓެވެ.

އަހަރެން އުޅެނީ ފްލެޓްގެ 3 ވަނަ ބުރީގައެވެ. ކަރަންޓް ނެތިއްޔާ ޖެހެނީ ބެލްކަންޏަށް ނުކުންނާށެވެ. ކިރިޔާވެސް ފިނިކަމެއް ވާނީ އެތަނުގައެވެ. މިތަނުގައި މިދުވަސްކޮޅު އަހަރެން އުޅެން ޖެހިފައި މިވަނީ އެކަންޏެވެ. މަންމަ ވީ އައްޑޫގައެވެ. މި ހަފްތާ އަހަރެން އުޅެން ޖެހޭނީ މިކަހަލަ ގޮތަކަށެވެ. އަހަރެންނާއެކު މިތަނުގައި މަންމަ އަންނަންދެން ހުރެދޭނެ މީހެއް ނުވިއެވެ. ތިމާގެ އެންމެން ތިބީ އައްޑޫގައެވެ. ރައްޓެހިން ތިބީ މާލޭގައެވެ. މިތަނަށް އަހަރެން ބަދަލުވިފަހަކުން މި އިމާރާތުގައި އުޅޭ މީހަކާ ރައްޓެހިވާނެ ފުރުސަތެއް ނުލިބެއެވެ. އެއްވެސް މީހަކު ނުވައްދާށޭ މަންމަ އޮންނަނީ ބުނެފައެވެ. މަންމަ ކިތަންމެ ދުރުގައި ހުއްޓަސް އަހަރެންނަކަށް މީހަކާ ވާހަކައެއް ދެއްކިޔަކަ ނުދޭނެއެވެ. ސިކުންތަކު ދެކޮޅު އެހާވަރަށް ގުޅާނެއެވެ. އަހަންނަށް ނިދޭނީވެސް މަންމަގެ ލެކްޗަރުގައި އޮތްވައެވެ.

އަހަރެން ބެލްކަންޏަށް ނުކުތްފަހުން ފަސް މިނިޓް ނުވާނެއެވެ. ކަރަންޓު ލިބުނުތާ އިރުކޮޅެއް ވެއްޖެކަން އަހަންނަށް އެނގުނެވެ. އެއީ ފޯނު ރިންގްވާން ފެށީމައެވެ. އެހެންވެ އަހަރެން އަވަހަށް އެތެރެއަށް ވަންނަން ދޮރުގައި ހިފައިފީމެވެ. އެކަމަކު ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ތަޅު ހުރީ އެތެރޭފަރާތުން ލޮކް ކުރެވިފައި ކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ދޮރަކީ ބެލްކަނީއާވީ ފަރާތުން މީހަކަށް ނުވަދެހޭނެހެން ވަރަށް ރައްކާތެރިކޮށް ހަދާފައި ހުރި ދޮރެއްވީމައެވެ.

އަހަރެން ހާސްވެ ބާރަށް މޭތެޅެން ފަށައިފިއެވެ. ގެޔަށް ވަދެވޭނެގޮތެއް ނެތީމައެވެ. މުޅިރޭ މިތާ ހޭދަކުރާނީ ކިހިނެއްހެއްޔެވެ؟ އެހާ މަދިރި ހަފައެވެ. އެހާ ބަނޑުހައިވެއެވެ. ފެންބޮވައެވެ. މި ދަންވަރު އެހީއެއް ވާނީ ކާކު ހެއްޔެވެ؟ އަހަންނަށް ގޮތް ހުސްވެގެން ރޮވެން ފަށައިފއެވެ. މަގުމަތީންވެސް މީހަކު ފެންނާކަށް ނެތެވެ. ފެނުނަސް ފެންނަނީ ކާރެއް ނުވަތަ ސައިކަލެއް ބޫން ކަނޑާފައި ދާތަނެވެ.

އަހަރެންނަށް ހަމަ ރަނގަޅަށްވެސް ގޮތް ހުސްވެއްޖެއެވެ. ފޯނު އޮތީ އެތެރޭގައެވެ. ދޭތެރެއަކުން ފޯން ރިންގުވެއެވެ. އެކަމަކު ނަގާނީ ކިހިނެއްހެއްޔެވެ؟ އެވާނީ އަނެއްކާވެސް މަންމަ ކަމަށެވެ. މަންމަ ނޫނަސް އަހަންނާ ގުޅަން ބައެއް ކުދީން މަސައްކަތް ކުރާނެއެވެ. މިރޭ އޮތީ ކުއްޖެއްގެ ދައުވަތެއް ވެސް ލިބިފައެވެ. ވިޔަސް މި ވެގެން އުޅޭ ގޮތެއް އެކަކަށްވެސް އަންގާނީ ކިހިނެއްހެއްޔެވެ؟ ދެ ފަހަރަކު ގުޅީމާ އަހަރެން ފޯން ނުނެގީމާ މަންމަ ހީކުރާނީ އަހަރެން ނިދީކަމަށެވެ. އެހެންވެ މިހާރަކު ގުޅާ އަޑެއް ނީވެއެވެ. ދެން ގުޅާނީ އަހަރެންނާ ރައްޓެހިވާ މަސައްކަތް ކުރާ ކުއްޖެކެވެ. އަހަރެންނަކަށް އޭނާ ކަމަކު ވެސް ނުދޭމެއެވެ. މަންމަ ގަބޫލެއް ވެސް ނުވާނެއެވެ.

އަހަރެން ހާސްވެ ތެޅިފޮޅެމުން ދިޔައިމެވެ. އެވަގުތު އެދިމާ މަތީބުރީން މީހަކު މަޑުމަޑުން ގިޓާ ކުޅޭ އަޑު އިވެން ފަށައިފިއެވެ. މިގަޑީގައި މިއެޕާޓްމެންޓްގައި ހޭލާ ހުރީ އަހަރެން އެކަނި ނޫންކަން އެނގުމުން އަހަންނަށް ހަމަޖެހުމެއް ލިބުނެވެ. އެއާއެކު އިޚްތިޔާރެއް ނެތި ހަޅޭއްލަވައިގަނެވުނެވެ.

“އޭ މީހަކު އެބަ އުޅޭތަ. “

އެއާ އެކު ގިޓާގެ އަޑު ކެނޑިގެން ދިޔައެވެ. އަދި އަހަރެން ހުރި ބެލްކަނީއާ ދިމާ މަތިން މީހަކު ބުނިއަޑު އިވުނެވެ.

“އޭ އަންހެން ކުއްޖާ! ކީއްވެ ހަޅޭއްލަވަނީ. މީހުން ތިބޭނީ ނިދާފަ. އެމީހުންނަށް އުނދަގޫވާނެ.”

އެއަޑު ހީވީ އަހަރެން ހުރި ޕޯޓިކޯއިން އައި އަޑެއްހެންނެވެ. އޭނާ ވާހަކަ ދެއްކީ އެހާ ބާރަކަށް ނޫނަސް ރޭނގަޑުގެ މިހިމޭން ވަގުތު ހީވީ އަހަރެންނާ ޖެހިގެން ހުރެ އޭނާ ވާހަކަ ދައްކާހެންނެވެ. އެއީ ޒުވާން އަޑެކެވެ.

“ތިހެންވީ އިރު ކީއްވެ ކަލޭ ތިޔަ ގިޓާގަނޑެއް ތިކުޅެނީ. “ އަހަރެން ވާހަކަ ދެއްކީ އަހަރެންގެ އުމުރުގެ މީހަކާ ވާހަކަދައްކާނެ ފަދަ ރާގެއްގައެވެ. އެއީ މިވަގުތު އަހަރެންގެ ބައިވެރިޔަކަށް މިދުނިޔޭގައި ހުރި ހަމަ އެކަނި މީހާ ވީމައެވެ.

“އަހަރެންގެ ފުލެޓް މިހިރީ ތަޅުލެވިފަ. “ އަހަރެން އަވަހަށް އޭނާގެ އެހީ ހޯދަން އުޅެގަތީމެވެ. “އަހަރެން މިހިރީ މިތާ ޕޯޓިކޯގަ ތާށިވެފަ. އަޅެ މިތަން ހުޅުވާ ދީބަލަ.”

“އަހަރެން ތިފުލެޓް ހުޅުވާނީ ކިހިނެއް؟ އަހަރެންގެ އަތަށް ކޮންމެވެސް ގޮތަކަށް ބޭރުދޮރުގެ ތަޅުދަނޑި ދިއްކޮށްލަ ބަލަ.”

“ކިހިނެއް ތަޅުދަނޑި ނަގާނީ؟ އެވެސްވީ އެތެރޭ ފަރާތުން ދޮރުގައި ޖަހާފައި.”

“ތިހެންވީ އިރު އަމުދުން އަހަރެންނަކަށް ތިޔަ ތަޅެއް ހުޅުވައެއް ނުލެވޭނެ.”

އެއީ ތެދުވާހަކައެއް ކަމަށް އަހަންނަށް ވެސް ގަބޫލުކުރެވުނެވެ. އެކަމަކު އޭނާ ދަންނަ މީހަކު ހުރެދާނެއެވެ. އެހީ ދެވޭނެ ގޮތެއް އޭނައަށް ހޯދިދާނެއެވެ.

“އަޅެ ގުޅާބަލަ ކޮންމެވެސް މީހަކަށް. އަހަރެން ބަނޑުހައިގެންވެސް ހަލާކުވަނީ. ހެނދުނު ކޮލެޖަށް ވެސް ދާން ޖެހޭނެ. އަހަރެން ނިދާނީވެސް ކިހިނެއް؟”

އޭނާގެ އިރުކޮޅަކަށް އެތެރެއަށް ދިޔައީހެން ހީވެއެވެ. އަދި ކޮންމެވެސް މީހަކާ ވާހަކަ ދައްކާއަޑު ވެސް އިވެ އެވެ.

އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން މިތާ ސެކިއުރިޓީއާ ގުޅައިފިން. އެކަމަކު އޭނާގެ އަތުގައި އެއްވެސް ފުލެޓެއްގެ ތަޅުދަނޑިއެއް ނޯވޭ. އޭނާ ބުނީ ތަޅު ހުޅުވާލެވޭނީ ހެނދުނުން ތަންތަން ހުޅުވީމަ ކަމަށް.”

އަހަރެންނަށް ދެން މިޖެހުނީ މުޅިރޭ މިތާ ހޭލާ ހުންނަންހެއްޔެވެ؟ ހޫނެއް ނުވެއެވެ. އެކަމަކު ހައިހޫނެއް ނުފިލައެވެ. މުޅިރޭގަނޑު މިކަހަލަ ޖަލެއްގައި އަހަރެން ހޭދަ ކުރާނީ ކިހިނެއްހެއްޔެވެ؟ ތިރިޔަށް ފޭބޭކަށް ނެތެވެ. މައްޗަށް އެރޭކަށް ނެތެވެ.

“އަންހެން ކުއްޖާ!” މަތީގައި ހުރި މިހާ އަހަންނަށް ގޮވާލީ މިހެންނެވެ. އެކަމަކުވެސް އަހަރެންގެ ނަން ބުނާކަށް ބޭނުމެއް ނުވިއެވެ. “އެއްޗެއް ކާނަންތަ؟” އޭނާ މިހެން އެހި އިރުވެސް އަހަރެން ހުރީ ބަނޑުހައިގެންފައި ކަން އަހަރެން ވާނީ ބުނެފައެވެ.

“ބޭނުން. އެކަމަކު ބޭނުންހާ ކަމެއް ވޭތަ؟” އަހަރެން ފޫހިގޮތަކަށް ބުނެލީމެވެ. “އަހަރެން ބޭނުން މި ދޮރު ވައްޓާލާފައިވެސް އެތެރެއަށް ވަންނަން.”

“މިތާ ބެލްކަނީގައިވެސް ހުންނަނީ ތިޔަ ކަހަލަ ދޮރެއް.” އޭނާ ވިސްނާދިނެވެ. “މިދޮރު އެހާ ފަސޭހައިން ހަލާކުކޮށްލެވޭކަށްނެތް. އަދި ތަޅުވެސް ނުހުޅުވޭނެ އެއްވެސް ގޮތަކަށް. “

“ އެއްޗެއް ކާން ބޭނުންނަމަ އަހަރެން ތިރިޔަށް މިބާލާ ވަށިގަނޑު އަތުޖެހޭތޯ ބަލާބަލަ.”

އެއީ އޭނާ ވަރަށް މޮޅަށް ބަނދެފައިވާ ވަށިގަނޑެކެވެ. އެއްޗެހި ހިއްކަން އަޅާ ކަހަލަ ރޯނެއްގައި ޖަހާފައި އޭނާ ތިރި ކުރިއެވެ. އޭގައި އޭނާ ހުރީ ހުރަހަށް ބްރޫމް ދަނޑިއެއްވެސް ބަނދެފައެވެ. އެހެންވެ ވަރަށް ފަސޭހައިން އަހަންނަށް އޭގައި ހިފާ ދަމައިގަނެވުނެވެ.

އަހަރެން ބެލިއިރު އެވަށިގަނޑުގައި އޮތީ ޕިއްޒާއަކާ ފެންފުޅިއަކާ މޮސްކިޓޯ ރެޕެލެންޓް ފާޑުގެ ފުޅިއެކެވެ.

“ ޗިކަން ޕިއްޒާ މީރުތަ؟” އޭނާ އެހިއެވެ.

“މޮޔަވާހާ މީރު އެއްޗެއް އަހަންނަށް.” އަހަރެން އޭގައި ހުރި އަލަނާސިކޮޅުތައް ނައްޓަމުން ބުނީމެވެ. “މިއަލަނާސި ނެތްނަމަ އަދި މާމީރުވީސް. “

“އެހެންވެ އަހަރެން ތިޔަ ނުކެއީވެސް.” އޭނާ ބުނެލިއެވެ.

އެވަގުތު އޭނަ ފެންނަ ހިސާބުގައި ހުރިނަމަ އެޕިއްޒާއިން އޭނާގެ މޫނުމަތީގައި ޖަހާހާވަރަށް އަހަރެން ގާތަށް ރުޅިއައެވެ. އަހަންނަށް ދޭން ޖެހޭނީ އޭނާއަށް ކަމުނުދާ ޕިއްޒާ އެއްހެއްޔެވެ؟
“މިފަހަރު މީތި އަހަރެން ޖެހޭނީ ކާން. “ އަހަރެން ބުނެލީމެވެ. ދެން ފަހަރަކުން ތިމީހާއަށް ކަމުނުގޮސްގެން ނުކެވި އޮތް އެއްޗެއް މަށަށް ދޭން ނޫޅޭތި.” އަހަރެން އިންޒާރު ކުރީމެވެ. އެކަމަކު ދެން ފަހަރެއް އަންނާނެހެއްޔެވެ؟ އެއީ އަހަރެން ނުވެސް ދަންނަ މީހެކެވެ. މީހަކާ ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅޭ މީހަކަށް ވެސް ވެދާނެއެވެ. ނޫނީ މުސްކުޅިއަކަށް ވެސް ވެދާނެއެވެ.

އަހަރެން އެޕިއްޒާ ކެއީ ތިން ދުވަސްވަންދެން ކާއެއްޗެއް ނުލިބި ހުރި މީހަކު އެއްޗެއް ކާނެހާ އަވަސް އަރައިގެންނެވެ. އަދި ފެންފުޅިވެސް އެއްކޮށް ބޮއި ހުސްކޮށްލައިފީމެވެ.

ދެން ޖެހުނީ އަނެއް ބޮޑު މަސްއަލައެވެ.

“އޭ މީހާ!” އަހަރެން ގޮވާލީ އެގޮތަށެވެ. “ ކަލޭ ދެން ގިޓާ ކުޅެން ދޭބަލަ. ބެލްކަނީގައި ނުހުރެ.”

އަހަރެން މިހެން ބުނީ އޭނާ އެތަނުން ފޮނުވާލަން އަހަރެން އުޅޭ ސަބަބު ނުވިސްނޭނެ ކަމަށެވެ.

“ތިތާ ފުޅިއެއް ކަހަލަ އެއްޗެއް އެބަ ހުރިތަ؟” އޭނާއަށް އެވަރު ވިސްނިއްޖެ ކަން އެނގުމުން އަހަރެން ދެން ސިއްރެއް ނުކުރީމެވެ. “ގަސް މުށިގަނޑެއް އެބަހުރި.”

“އަަންހެނަކަސް ފިރިހެނަކަސް ކުރަން ޖެހޭނެ ޒަރޫރީ ކަންތައް އަހަންނަށް ވެސް އެނގޭނެއެއްނު؟”

މިހެން ބުނެފައި އޭނާ ގޮސް ކުޅެން ފެށީ އަހަރެން ހީނުކުރާކަހަލަ ރާގެކެވެ. އެއީ ހިންދީ މުސްކުޅި ރާގެކެވެ. އެކަމަކު އޭގެ މާނަ އަހަންނަށް އަބަދުވެސް ރީއްޗެވެ.

‘މި އެކަނިވެރި ރޭ ކަލޭ އަހަންނަށް ނުގޮވަ ބަލާށެވެ. ކަލޭގެ އަޑު ނީއްވަ ބަލާށެވެ. އަހަރެންގެ ހިތަށް އިތުރަށް ތަދު ނުކޮށް ބަލާށެވެ. ‘

އަހަންނަށް ހުރެވުނީ އެރާގު ރީތިކަމުން އަޑުއަހާށެވެ. ރާގު ކުޅެ ނިންމާލާފައި އޭނާ އެއްސެވެ. “ މިހާރު އޯކޭ ވެއްޖެ ތަ؟”

“މިވަގުތަށް އޯކޭ. އެކަމަކު އަހަރެން މިތާ ތަޅުންމަތީ ނިދާނީ ކިހިނެއް؟”

އޭނާ ކުރީ މުޅީން އެހެން ސުވާލެކެވެ. “އަންހެން ކުއްޖަކު އެންމެ ބޮޑަށް ބޭނުންވާނީ ކޮންކަހަލަ ހަދިޔާއެއް؟”

“އެއީ ރޭގަނޑުގެ ކެއުމަކާއި ޗޮކްލެޓެއް.”

އެއީ އަހަރެން ހީކުރިވަރަށް ވުރެން އެހީތެރި މީހެކެވެ. އޭރު އޭނާ އަނެއްކާވެސް ވާގަނޑުގައިލާފައި ރަޖާގަނޑަކާއި ބާލީހެއް ތިރި ކޮށްފިއެވެ. އޭގެ ތެރެއަށްލާފައި ފިނިއެއްޗެއް ވެސް އޮތެވެ. އަހަރެން ބަލާލިއިރު އެއީ ޓޮބްލެރޯން ޗޮކްލެޓެކެވެ. އަހަރެން މިވަގުތު އެމީހަކަށް ދަރާފައިވާ މިންވަރު ވިސްނުނީ އަދި ކިރިޔާއެވެ. “ޝުކުރިއްޔާ.” އަހަރެން ބުނެލީމެވެ. “ނިދާލާނެ ތަންމައްޗެއްވެސް ބޭނުންވާނެ. “

އޭނާ އެކޮށްދިން ކަންތަކަށް އަހަރެން ހަގީގަތުގައި ޝުކުރު އަދާ ކުރާނީ ކިހިނެއްހެއްޔެވެ؟ ފިރިހެން ކުއްޖެއްގެ ކިބައިން އަންހެން ކުއްޖަކު އެންމެ ބޭނުންވާނެ ހުރިހާ އެއްޗެއްހެން އޭނާ އަހަންނަށް މިރޭ ދީފިއެވެ. އެކަމަށް އަހަރެން ޝުކުރު އަދާކުރަން ޖެހޭނީ ދުލުކުރީން އެކަންޏެއް ނޫނެވެ.

އަހަންނަށް ހޭލެވުނީ އިރުއެރިތާވެސް ކިތަންމެ އިރެއް ފަހުންނެވެ. އެހާ ލަހުން ހޭލެވުނީ އެއީ ބަނަ ދުވަހެއް ވީމާ ކަމަށް ވެދާނެއެވެ. އަހަރެން އަވަހަށް ތެދުވެ މޯޅިއަކަށް ދެމިލައި ނިދިން ހޭލެވޭތޯ ބެލީމެވެ. ރޭގައި ކަންތައް ވީގޮތް ހަނދާންވުމުން އަވަހަށް އެމީހާއަށް ގޮވާލަން ބޭނުންވިއެވެ. އޭރު ފްލެޓްގެ ބޭރުން ބަޔަކު ވާހަކަ ދައްކައި ކަންތަކެއް ކުރާ އަޑު އަހަންނަށް އިވެމުން ދިޔައެވެ. އިސާހިތަކު އެބަޔަކު އަހަރެންގެ ކޮޓަރީގެ ބޭރުދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ. އަހަރެން ތަޅުލެވިފައި ހުރި ބެލްކަނީ ހުޅުވައި ދިނީ ޒުވާނެކެވެ.

ތަޅު ހުޅުވައިދިންމީހާއަށް އަގުދޭން އުޅުމުން އޭނާ އެޒުވާނާއަށް އިޝާރާތް ކުރިއެވެ. “އަގު ލިބިއްޖެ.”

އެމީހުން އެނބުރި ހިނގައިގަތުމުން އަހަރެން އެ ޒުވާނާއަށް ގޮވާލީމެވެ. “އޭ މީހާ!”

“އަހަރެން މީ އިކްރާމް. “ އޭނާ ބުނެލިއެވެ.

“އަހަރެން މީ ޝިޔާދާ.” އަހަރެންވެސް ބުނެލީމެވެ.

އެއީ އަކީ ފިލްމުސްޓާރެއްގެ ސިފައިގައި ހުރި މީހެއް ނޫނެވެ. އެކަމަކު އެއީ ހިތްގައިމު އުފާވެރި މިޒާޖެއްގެ ޒުވާނެކެވެ. އަހަންނަށް ބޭނުން ޖެހުނު ހިނދު އެންމެ ބޮޑު އެހީތެރި ކަމެއް ވެދިން މީހާއެވެ.

“ފިރިހެނަކަށް އެންމެ ބޭނުންވާނީ ހެނދުނުގެ ބްރެކްފާސްޓަކާ އައިސް ކްރީމެއް ނޫންތަ؟” އަހަރެން އަހާލީމެވެ.

އެއީ އަހަރެންގެ އޭނާއަށް އަދާ ކުރި ޝުކުރިއްޔާއެވެ. އެދުވަހު އަހަރެމެން ބްރެކްފާސްޓް ނެގީ އެކުއެކީގައެވެ.

އޭނާ ބުނި ގޮތުން އަހަންނަކީ އޭނާގެ ފުރަތަމަ ގަރލްއެވެ. އަހަރެންގެ ދެވަނަ ބޮއީ އެއް ނެތްކަމަށްވެސް އަހަރެން ބުނީމެވެ.

ކިތަންމެ ކުޑަ ހިނދުކޮޅަކުންވެސް ލޯބީގެ ހުޅު ރޯވެ މުޅި ހަޔާތުގައި އެލޯބީގެ އަލިފާން ހިފާފާނެކަން އަހަންނަށް އެނގުނީ އެދުވަހު އެވެ. އޭގެ ފަހުން އަހަރެމެންނަކަށް އެކަނިވެރި ރެއެއް ނާދެއެވެ. އަދި އަލަނާސި ހުރި ޕިއްޒާއެއް ކާކަށް ވެސް ނުޖެހެއެވެ.

ނިމުނީ.