English Edition
Dhivehi Edition
މީގެ ކުރިން ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ހޯދާފައިވާ ބަނގުރާފުޅިތަކެއް

މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ، މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން ހިންގި ހާއްސަ އޮަޮޕަރޭޝަނެއްގައި މިއަދު 14:35 ގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، 18 އަހަރު ނުވާ ކުއްޖާއި، 23 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ދެ ފިރިހެނުންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ތިން ސައިކަލުގައި އަމީރުއަހުމަދު މަގު ސަރަހައްދުންނެވެ. މި ފަސް މީހުންގެ އަތުން، ހަތަރު ދަބަހުން ޖުމްލަ 28 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ ތިން ސައިކަލެއްގައި ދިޔަ މި ފަސްމީހުންގެ ތެރެއިން އެއް ސައިކަލުގައި ތިބި ދެ މީހުން ހުއްޓުވީ ހޮޓެލް ޖެން ސަރަހައްދުން ކަމަށެވެ. އެ ސައިކަލު ބަލާ ފާސްކުރިއިރު ސައިކަލުގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަމީރުއަހުމަދު މަގާއި ސޯސަންމަގު ގުޅޭހިސާބު ކަންމަތިން ދެވަނަ ސައިކަލެއް ހުޓުވައި ބަލާ ފާސްކުރިއިރު އެ ސައިކަލުގެ ފަހަތުގައި އިން މީހާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހެއްގެ ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެން ހުރި މީހާ ހައްޔަރުކޮށްފައި ވަނީ، އަމީީރް އަހުމަދު މަގުގައި ހުންނަ މޯލްޑިވްސް ކޮމާޝަލް ބޭންކް ކައިރިންނެވެ. ފުލުހުން ވިދާޅުވީ، އެ ސައިކަލު ދުއްވަން އިން މީހާ ފިލާފައިވާ ކަމަށެވެ. އަދި ފުލުހުން ހައްޔަރުކޮށްފައި ވަނީ ސައިކަލުގެ ފަހަތުގައި އިނދެފައި ފިލަން މަސައްކަތް ކުރި މީހާއެވެ.

އެ ސައިކަލުގެ ފަހަތުގައި އިން މީހާ މަގުމައްޗަށް ވައްޓާލި ދެ ދަބަސް ބަލާ ފާސްކުރިއިރު ކޮންމެ ދަބަހެއްގައި ހަތް ފުޅި ބަނގުރާ އޮތް ކަމަށާއި އޭގެ ތެރެއިން ދެ ފުޅި އޮތީ ތެޅިފައި ކަމަށް ފުލުހުން ބުންޏެވެ.