English Edition
Dhivehi Edition

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ނެރުއްވާފައިވާ ސާކިއުލާ ގައިވާ ގޮތުގެ މަތިން ނެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އިން ނެރުއްވާފައިވާ ސަރކިއުލާ ގައިވާ ގޮތުގެ މަތިން، އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެ ހިދުމަތް ދެއްވަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ސައިހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭ އަދި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން މިޚިދުމަތް ދެއްވަން ބޭނުންފުޅު ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ކައުންސިލްގެ އިދާރާއަށެވެ.

“24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނަކަށްވުމާއި، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާންޖެހެއެވެ.” ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުން، ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލައިފައި ކަމަށް ފަހު އެވެ. އަދި އެކަން ކައުންސިލުން މިނިސްޓްރީ އަށް އެންގުމުން ހުއްދަ ހޯދަން 2،000 ރުފިޔާ ގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ކަމަށް އެކޮނޮމިކް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.