English Edition
Dhivehi Edition

ވިކްޓްރީ ސްޕޯޓްސް ކްލަބުގައި މިދިޔަ އަހަރު ރަނގަޅު ކުޅުމެއް ދެެއްކި ސ.ހިތަދޫ އަހުމަދު ނާޝިދު (ނައްޓޭ) ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑް ވިކްޓްރީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ނައްޓޭ ވިދާލީ 2007 ވަނަ އަހަރު ޒޯން މުބާރާތުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. މީގެ ހަތަރު އަހަރު ކުރިން މާޒިޔާ އަށް ބަދަލުވެ ނައްޓޭ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ބަދަލުވެ ލާޒްލޯ ކިސްގެ އިރުޝާދުގެ ދަށުން އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް މާލީ ގޮތުން އަޑިއަޅާލައި ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ނައްޓޭ ގިނަ މެޗުތަކެއްގައި ނުކުޅެ އެެވެ.

ނައްޓޭވަނީ 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ އިތުރުން 2016 ވަނަ އަހަރު ސާފް ގޭމްސްގައި ކުޅުނު 23 އަހަރުން ދަށުގެ ޓީމަށް ސީނިއާ ކުޅުންތެރިޔެއްގެ ގޮތުގައި ގައުމީ ޖާރޒީގައި ކުޅެ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ނައްޓޭ ވަނީ “ހަވީރު” ނޫހުން ހޮވި ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަަގާމްވެސް ހޯދާފައެވެ.

އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީއިން ވަނީ ނައްޓޭ އާއެކު މިދިޔަ ސީޒަނުގައި ވިކްޓްރީއަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު ވިސާމް (ޖެރާޑް) ގެ ސޮއިވެސް ހޯދާފައެވެ. އަދި މިދިޔަ އަހަރު އެޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) އާއި މިޑްފީލްޑަރ ނާވީ މުހައްމަދު ވަނީ ޔޫވީ އާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ.