English Edition
Dhivehi Edition

ފިޖެޓް ސްޕިނާ އަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އެއްޗަކަށް ވަނީ ވެފައެވެ. އެގޮތުން އެއިގެ މަޤްބޫލުކަން އިތުރުވާން ފެށީ މި ހިނގަމުންދާ 2017 ވަނަ އަހަރުގައެވެ. 1993 ވަނަ އަހަރުވެސް މިފަދަ ސްޕިނާއެއް އީޖާދު ކުރެވުނު ނަމަވެސް އެއިރު އެއަށް އެކަށީގެން ވާވަރުގެ ތަރުހީބެއް ލިބިފައި ނުވެއެވެ.

ސްޕިނާ އަކީ ކުޅޭ އެއްޗެއްގެ ގޮތުގައި ބޭނުކުރެވޭ އެއްޗެކެވެ. އެގޮތުން މެދުގައި ބެއަރިންއެއް ހުރެފައި ކުޑަ މަސައްކަތުކުން އެނބުރޭ 3 ފިޔަގަނޑާއި އެކު ހަދާފައިވާ އެއްޗެކެވެ. އާއްމުކޮށް ކުޑަކުދިންނާއި ޒުވާން ފުރައިގެ ކުދިންގެ މެދުގައި މި ކުޅޭ އެތި މަޤްބޫލު ވެފައިވީނަމަވެސް ބައެއްް ސަކޫލްތަކާއި ތަންތަނުގައި މި ބޭނުންކުރުން މަނާކޮށްފައި ވެއެވެ. އެހެންނަމަވެސް ސްޕިނާ އަށް އޮތް ތާއީދު ދައްވެފައި ނުވާކަމަށް ބެލެވެއެވެ.

ސްޕިނާ ބޭނުންކޮށްގެން ތަފާތު އެކި ކުޅިވަރުތައް ކުޅޭއިރު ރައްޓެހިންގެ މެދުގައި އެކަކަށްވުރެ ބާރަށް ސްޕިން ކުރުމާއި، އެއްް ސްޕިނާ މަތީގައި އިތުރު ސްޕިނާ ބަހައްޓައިގެން ޓަވަރު ހެދުން ހިމެނެއެވެ. މީގެ އިތުރުން ސްޕިނާ މައްޗައް އެއަލާލުމަށްފަހު ހިފުންވެސް މިއީ މަޖާކަމެކެވެ.

މިހާހިސާބުން ވިސްނާލަންޖެހެނީ މިއީ ކޮންބޭނުމެއްގައި އުފައްދާފައިވާ އެއްްޗެއްތޯއެވެ. ސްޕިނާގެ ބޭނުމަކީ ހަމަ އެކަނި މިދެންނެވި ކުޅިވަރުތައް ކުޅުންކަމަށްވަނީނަމަ އިސާހިތަކު ޒުވާނުންގެ މެދުގައި ސްޕިނާގެ މަޤްބޫލުކަން ކުޑަވުމަކީ ގާތްކަމެކެވެ.

ސްޕިނާ އަކީ 3 އަހަރުން ދަށުގެ ކުދިން ކުޅުމަށް އެކުދިންނަށް ދިނުން ރަނގަޅު އެއްޗެކޭ ބުނެވޭކަށްނެތެވެ. ސަބަބަކީ އެއަކީ ސައިޒުން ކުދި އެތިކޮޅުތަކެއް ބޭނުންކޮށްގެން ހަދާފައިވާ އެއްޗަކަށް ވެފައި ކުޑަކުދިން އަނގަޔަށް ލައިގެން އުޅޭނެތީ އެވެ. އަދި އެގޮތަށް އުޅޭ އުޅުމުގައި އެއިން އެތިކޮޅެއް އެކުދިންގެ އަރުތެރެއަށް ދިޔުމީ އެކަށީގެންވާ ކަމެކެވެ.

ފިޖެޓް ސްޕިނާ އާއްމުން ބޭނުންކުރުން އިތުރުކުރުމަށް އެއިގެ އިޝްތިހާރު ކުރިފަރާތުން ތަފާތު ހުނަރުތައް ބޭނުންކޮށްފައި ވެއެވެ. އެގޮތުން ނަފްސާނީ ގޮތުން އެކި ކަހަލަ ބަލީގެ ޝިކާރައަށް ވެފައިވާ ކުދިންނާއި އޯޓިޒަމް ކުދިން ސްޕިނާ ގެންގުޅުމުން އެކުދިން ކަންކަމަށް ބަހައްޓާ ޝަޢުޤުވެރިކަން އިތުރުވެގެން ދާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މިކަން ސާބިތު ކޮށްދިނުމަށް ސައިންޓިފިކް އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައި ނުވާއިރު، ސްޕިނާ ގެންގުޅޭ ކުދިންނަކީ އޯޓިޒަމް ކުދިންގެ ގޮތުގައި މުޖުތަމަޢުގައި ލޭބަލް ކުރެވިފައިވެއެވެ.

ސަމާނުއްސުރެ މުސްލިމުންނާއި އެކި ގޮތްގޮތުން ހަނގުރާމަ ކުރުމަކީ އިސްލާމްނޫން ފަރާތްތަކުން ކުރަމުން އަންނަކަމެކެވެ. އަދި މިއަދުވެސް އެކަން އެގޮތަށް ކުރަމުންދާއިރު، މިހަނގުރާމަ ފިކުރީ ހަނގުރާމައަކަށް ބަދަލުކޮށްފައިވެއެވެ. އެގޮތުން ސްޕިނާ އަކީ ވެސް މިހަނގުރާމައަށް އަލަށް ގެނެވުނު ހަތިޔާރެކޭ ބުނާ މީހުންވެސް މަދެއް ނޫނެވެ. މުސްލިމުންނަކީ ޒިކުރުކުރުމާއި، ތަސްބީހަ ގެންގުޅުމުގެ ރީތި އާދަތައް ގެންގުޅެމުން އައި ބަޔެކެވެ. އެހެންނަމަވެސް ތަސްބީހައިގެ ބަދަލުގައި މިއަދު ކޮންމެ ކުއްޖެއްްގެ އިނގިލިކޮޅުގައި އޮންނަނީ ފިޖެޓް ސްޕިނާއެކެވެ. މިސްކިތަށް ގޮސް ހުކުރު ހުތުބާ އަޑުއެހުމުގެ ބަދަލުގައި ސްޕިނާ އަބުރަން ތިބެވުމެވެ. މިއީ އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް ކުރެވޭ ވަރަށް ދެރަ ކަމެކެވެ.

ފިޖެޓް ސްޕިނާ އަކީ ނިސްބަތުން ކުޑަ އެއްޗަކަށް ވީނަމަވެސް އެއިގެ ސަބަބުން އަޅުގަނޑުމެންގެ ޅަކުދިންގެ ސިކުނޑިތައް ނުބައި ގޮތަކަށް ހޭނެމުން ދެއެވެ. އެހެންވީއިރު ލޯބިވާ ދަރިފުޅަށް ސްޕިނާއެއް ދިނުމުގެ ކުރިން އެއިން ނުކުންނާނެ ނަތީޖާއަކާއިމެދު ވިސްނާލަމާތޯއެވެ.