English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އާއި ވިޔަރެއާލް ބައްދަލު ކުރި މެޗުން އެތުލެޓިކޯ މޮޅުވި އިރު ރެެއާލް މެޑްރިޑް އިން ރަށުން ބޭރުގައި ލެވަންޓޭ އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ލީގުގައި ރޭ އެތުލެޓިކޯ އާއި ވިޔަރެއާލް ބައްދަލު ކުރި މެޗު 2-0 ލަނޑުން އެތުލެޓިކޯ ކާމިޔާބުކުރި ރެއާލް މެޑްރިޑް ވަނީ ރަށުން ބޭރުގައި ލެވަންޓޭއާ ވާދަކޮށް 2-1 އިން މޮޅުވެފައެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ރެއާލް އޮތީ 25 މެޗުން 48 ޕޮއިންޓާ އެކު އެވެ.

ލެވަންޓޭ އާ ރެއާލް ވާދަކުރި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ ޖެހީ ކަރިމް ބެންޒެމާ އެވެ. މި ޕެނަލްޓީ ދިނީ އެޓީމުގެ ލޫކަ މޮޑްރިޗް ނަގައިދިން ހުރަހެއް ލެވަންޓޭގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ވީޑިއޯ ރީޕްލޭ ބެލުމަށްފަހު އެވެ. މެޗުގައި މޮޅު ކުޅުމެއްދެއްކި ލެވަންޓޭއިން އެއްވަރުކުރީ 60 ވަނަ މިނެޓުގައި ރޮޖާ މާޓީ ޖެހި ގޯލުންނެވެ. މި ގޯލަށްފަހު ރެއާލްގެ ގަރެތު ބޭލް ވަނީ ވީއޭއާރު އޮފިޝަލުންގެ އެހީތެރިކަމާއެކު ލިބުނު ޕެނަލްޓީއަކުން 78 ވަނަ މިނެޓުގައި މޮޅުވި ގޯލު ޖަހައިފައެވެ.

މެޗުން ރެއާލް މޮޅުވިއިރު 86 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ނަޗޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑުވެސް ދައްކައިފައެވެ. އަދި، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރެފްރީ ވަނީ ލެވަންޓޭގެ ބެންޗުގައި އިން ރުބެން ރޮޗީނާ އަށް ރަތްކާޑު ދައްކައިފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ރޮޗީނާ ބަދަލުކުރިއިރު އޭނާ އަށް ވަނީ އެއް ރީނދޫ ކާޑު ދައްކައިފައެވެ.

ރޭގެ މެޗުގައި ވިޔަރެއާލް ކޮޅަށް އެތުލެޓިކޯގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ އެވެ. ފިލިއްޕޭ ލުއިޒް ނަގައިދިން ބޯޅަ މޮރާޓާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ޗެލްސީން ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ މަހު އެތުލެޓިކޯ އަށް ބަދަލުވި މޮރާޓާ އަންނަނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖެހީ ސައުލް ނިގޭޒް އެވެ