English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ބޮލޮނިއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕައޮލޯ ޑީބަލާ ޖެހި ގޯލުން މޮޅުވެ އިޓާލިއަން ލީގުގައި ޔުވެންޓަސް އެއްވަނާގައި ލީޑު ދަމަހައްޓައިފި އެވެ.

ރަށުން ބޭރުގައި ރޭ ބޮލޮނިއާއި ދެކޮޅަށް ޔުވެންޓާސް ކުޅުނު މިމެޗުން 1-0 ލަނޑުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ޔުވެންޓާސް އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކު އެވެ.

ލީގުގައި ބަލިނުވެ ކުޅެމުން އަންނަ ޔުވެންޓަސް އަށް 25 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އަދި ތާވަލުގެ ތިން ވަނައިގައި 47 ޕޮއިންޓާއެކު އޮތީ ރޭ ރަށުން ބޭރުގައި ފިއޮރެންޓީނާއާ ވާދަކުރި މެޗު 3-3 އިން އެއްވަރުވި އިންޓަ މިލާނެވެ. މި ހަފްތާގައި ހޯދި މުހިންމު މޮޅާއެކު އޭސީ މިލާން އޮތީ އިންޓަ ގެ ފަހަތުން ދެ ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

ރޭ ޔުވެންޓަސްއާ ދެކޮޅަށް ބޮލޮނިއާ އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ހަމައެކަނި ގޯލު ޑީބަލާ ޖެހީ އެޓީމުގެ ބްލައިސް މަޓުއީޑީ ނަގައިދިން ހުރަހެއް ބޮލޮނިއާގެ ކުޅުންތެރިންނަށް ސާފުކޮށްނުލެވުމުން ލިބުނު ފުރުސަތެއްގައެވެ. މިއީ ޑީބަލާ ލީގުގައި ޖެހި ހަތަރު ވަނަ ގޯލެވެ. މެޗުގެ އިތުރު ވަގުތުގައި ބޮލޮނިއާގެ ނިކޮލާ ސަންސޯނޭ 20 ޔާޑު ދުރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ގޯލެއް ޖެހިފައިނުވާއިރު މިއީ މިިދިޔަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ލީގުގައި ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ރޮނާލްޑޯ އަށް ގޯލެއް ނުޖެހުނު ފުރަތަމަ މެޗެވެ.