English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ހަރުގެއެއްގެ ތެރޭގައި ހުސެންސިމާދު މަރުވި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ހަރުގެ ބަލަހައްޓާ މީހާ ގެ ބަޔާން، ފުލުހުން ނަގައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ބަޔާން ނަގާފައިވަނީ ހަރުގެ ބަލެހެއްޓުމުގެ ހުރިހާ ޒިންމާ އަކާ ހަވާލުވެ ހުރި ސައީދު ހަސަން ނަމަކަށް ކިޔާމީހެއްގެ އެވެ. ސިމާދު މަރުވެފައި އޮތްވާ ފެނުނީވެސް ސައީދަށެވެ. އަދި ފުލުހުންނަށް އެކަން އެންގީވެސް އޭނައެވެ.

ސިމާދުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރިއިރު، އޭނާ މަރުވި މައްސަލައިގައި މިހާތަނަށް ފުލުހުން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ހަމައެކަނި ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރާކަމަށެވެ. އެކަމަކު ރަށުގެ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ކަރަންޓު ދަންތުރައެއްގައި ޖައްސައި ސިމާދު މަރާލީ އެވެ.

ވިލިނގިލީ މީހުން ބުނެފައި ވަނީ ސިމާދަކީ އެ ރަށުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެ ގްރޫޕްގެ މީހުން ވަރަށް ގިނަ އިން ހަރުގެއަށް ގޮސް ވައްކަންކޮށް ހަދާތީ، ހަރުގެ ބަލަހައްޓާ މީހާ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށެވެ.

ސ. ހިތަދު ހިޔާލީގެ ސިމާދު 36، ވިލިނގިލި މީހަކާ ކައިވެނިކޮށްގެން ރަށުގައި އުޅޭތާ 12 އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ސިމާދު މަރުވި މައްސަލައިގައި އެކިފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައިވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަރަންޓު ދަންތުރައެއްގައި ޖެހި ސިމާދު މަރުވީ ކަމަށް ލަފާކުރެވޭ ކަމަށް އެރަށު ބައެއް މީހުން ބުނުމުން އެކަމާ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ކަމާއި ބެހޭ ފަރާތް ތަކަށް އެ ދަންތުރަ ހެދި މީހާ ހައްޔަރު ކުރުމަށް ވެސް ގޮވާލައިފައެވެ. އެއްބަޔަކު ބުނާގޮތުގައި ވައްކަން ކުރުމުގެ އަދަބަކީ މެރުމެއްނޫނެވެ. އަދި ކަރަންޓް ދަންތުރައެއް ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ދަންތުރަ ހުރި ކަމުގެ އިންޒާރުގެ ލިޔުމެއް ޖަހަން ޖެހޭނެ ކަމަށް ވެސް އެއް ބަޔަކު ބުނެފައިވެއެވެ.