English Edition
Dhivehi Edition

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން، މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފި އެވެ.

މިއަދު ހަވީރު 4:45 ހާއިރު ރައީސް ޔާމީން އައިޖީމްއެޗް އަށް ގެންގޮސްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އައިޖީއެމްއެޗުން ވަނީ ރައީސް ޔާމީން އެޑްމިޓް ކޮށްފައިވަނީ 24 ގަޑިއިރަށް ކަމަށް ހާމަކޮށްފައެވެ. ނަމަވެސް އެޑްމިޓް ކުރީ ކީއްވެގެން ކަމެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ޓްވިޓާގައި ވިދާޅުވީ ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައީ ރޫޓިން ޗެކަޕެއް ހަދަން ކަމަށް ކަރެކްޝަންސް އިން ބުނާ ކަމަށެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުމާއެކު، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން އައިޖީއެމްއެޗަށް އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ފުލުހުން ވަނީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއަކް ސެންޓަރުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސުޕްރޭ ޖަހަފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ދައުވާ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެމަނިކުފާނު ޖަލު ބަންދެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.