English Edition
Dhivehi Edition

މި ސިލްސިލާގައި މި ގެނެސްދެނީ މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ތަފާތު މައްސަަލަތަކާއި ދިރިއުޅުމުގައި ދިމާވެފައި ހުންނަ ހަގީގީ ވާހަކަތަކެވެ. މިވާހަކަތައް ހިއްސާކުރުމުގެ ބޭނުމަކީ ތިމާއަށް ދިމާވި ހާލަތު ދިމާވެފައިވާ އެހެން އަންހެނުން އެވާހަކަތަކުން އިބްރަތް ހާސިލްކޮށް އަމިއްލަ ދިރިއުޅުމާމެދު ފުންކޮށް ވިސްނުމަށެވެ.

އެގޮތުން މި ގެނެސްދެނީ ދިރިއުޅުމުގެ ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ ޒުވާން އަންހެންކުއްޖަކު ކިޔައިދީފައިވާ ހަގީގީ ވާހަކައެކެވެ. ހާދިސާ ހުށަހެޅުމުގައި ގެނެސްދީފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ.

“އަހަރެމެން ކައިވެނިކުރީ މީގެ 10 އަހަރު ކުރިންނެވެ. ލޯބިން ކުރެވުނު ކައިވެނި ރޫޅި، ފިރިމީހާ އަހަރެން ދޫކޮށް ދިޔައީ އަހަރެމެންނަށް 2 ކުދިންވެސް ލިބުނު ފަހުންނެވެ. އަހަރެން ދޫކޮށް ފިރިމީހާ އެހެން އަންހެނެއްގެ ފަހަތުން ހިނގައިދާނެ ކަމަކަށް އަހަރެން ފަހަރެއްގައި ވެސް ހިތަކަށް ވެސް ނާރައެވެ.. ދިރިއުޅުމުގައި އަހަރެން ކުރި ކުށެއް ނެތެވެ. ހައްތަހާވެސް މަސައްކަތް ކުރީ އާއިލާ އަށް ފަހި ކުރިމަގެއް ހޯދައިދެވޭތޯއެވެ. ނަމަވެސް އާޚިރު ނަތީޖާ އަކީ ހަމަ ސުމެކެވެ. އަހަންނާއި އަހަރެންގެ ދެދަރިން އެކަނިވީއެވެ. ފިރިމީހާ އެހެން އަންހެނެއްގެ ކަންހުޅީގެ ޖާދޫގައި ޖެހުނީއެވެ!

އަހަރެމެން ދެމީހުން ރައްޓެހިވީ ގްރޭޑް 10 ގައި ކިޔަވަމުން ދަނިކޮށެވެ. ރަމީޒް (އަސްލުނަމެއްނޫން) ކިޔަވަމުން ދިޔައީ ގްރޭޑް 12 ގައެވެ. ސޯޝަލް މީޑިއާގައި އުފެދުނު ލޯބީގެ މި ގުޅުން ވަރަށް އުފާވެރިމެއެވެ. އަހަރެމެންގެ ފޭސްބުކް ސްޓޭޓަސް ތައް ވަރަށް ވެސް ލޯބިވެތިއެވެ. ކޮންމެ ދުވަހަކު ހެނދުނު އަހަރެން ހޭލައިގެން ފުރަތަމަ ބަލަނީ ރަމީޒްގެ ވޯލްގައި އަހަންނަށްޓެގް ކޮށް ޝެއަރ ކޮށްފައި ހުންނަ ސްޓޭޓަސް ތަކަށެވެ. ތަފާތު އެކިކަހަލަ ލޯބީގެ މެސެޖް ދީ އަހަރެންދެކެ ހައްދެއްނެތް މިންވަރަށް ލޯބިވާކަން އޭނާ މުޅި ދުނިޔެއަށް އިއުލާން ކުރީ ޖެހިލުމެއް ނެތިއެވެ. އެ ސްޓޭޓަސް ތައް ފެނި ހަސަދަވެރިވާނެ އަންހެން ކުދިންތިބޭނެ ކަން އަހަންނަށް ވެސް އެނގެއެވެ. އެކަމާ އަހަރެން ފަޚުރުވެރިވެސް ވަމެވެ. ރަމީޒާ އަހަރެންގެ ގުޅުން އޮތީ އެހިސާބުގައެވެ. އެއީ ބަޔަކަށް ފޮރުވައިގެން ސިއްރުން ކުރިއަށް ގެންދިޔަ ގުޅުމެއް ނޫނެވެ.

ގްރޭޑް 10 އެއް ނިމުމަށްފަހު އިތުރަށް ކިޔަވަން އަހަރެން ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް ރަމީޒްގެ އަންބެއްގެ ގޮތުގައި އުފާވެރި އާއިލާއެއް ހޯދުމަށް އަހަރެން ބޭނުންވީއެވެ. އަހަރެންގެ ރަހުމަތްތެރި ގިނަ ކުދިން އޭލެވެލް އަދި ޔުނިވަރސިޓީ، ކޮލެޖް ތަކަށް ކިޔަވަން ދިޔައިރު އަހަރެން އަވަދިނެތި އުޅުނީ ރަމީޒްއާއެކީ ބުރުޖެހުމުގައެވެ. އުފާވެރި ވަގުތުތައް ހޭދަކުރުމުގައެވެ. ރަމީޒް ވަޒީފާ އަދާކުރަމުން ހޯދާ ފައިސާއިން އަހަރެމެންނަށް ފުދެއެވެ.

އަހަރެމެން ކައިވެނިކުރިއިރު އަހަންނަކީ ރައްޓެހިންގެ ނަމުންނަމަ “މޮޑެލް ” އެކެވެ. އެހާވެސް ލޫޅާފަތިއެވެ. ކުލަ ދޮނެވެ. ހެދުން އަޅަނީ ސްޓައިލިޝް ކޮށެވެ. މޭކަޕަކީ އަހަރެން ފަރުވާތެރިކަމާއެކު ކުރާ ކަމެކެވެ. ގޭތެރޭގައި އަމިއްލަ ކޮޓަރީގައި ހުންނައިރުވެސް އަހަރެން ހުންނަނީ ތަފާތު އެކި ގޮތްގޮތަށް އިސްތަށިގަނޑު ބައްޓަންކޮށް ރީތިވެގެންނެވެ. މިއީ ރަމީޒު އެންމެ އުފާވާ ކަންތަކެވެ. އޭނާ އަބަދުވެސް އަހަރެންގެ ރީތިކަމަށް ތާރީފުކުރެއެވެ. ކައިވެނީގެ ކުރީކޮޅު އަހަރެމެން ދެމީހުން ދާ ކޮންމެތަނަކަށް ރަމީޒް ދަނީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. އެހެން މީހަކު އަހަންނާ ދިމާއަށް ލޮލުގެ ހިމަކޮޅުން ވެސް ބެލުމަކީ ރަމީޒް ގަޔާވާ ކަމެއް ނޫނެވެ. މި ހުރިހާ ކަމަކަށް ޓަކައި އަހަރެން ފަޚުރުވެރިވެއެވެ. ރަމީޒްކަހަލަ ލޯބިވާ ،ސްމާޓް ފިރިއެއް ލިބުނީތީއެވެ.

ކައިވެންޏަށް2 އަހަރު ވީތަނާ އަހަރެން ބަލިވެއިނެވެ. އެއީ ނުހަނު އުފާވެރި ދުވަސްތަކެކެވެ. ނުހަނު ލޯބިވާ ފިރިމީހާގެ ލޮބުވެތި ފިރުމުންތަކާއި އަޅާލުން ލިބިގެން އަހަރެމެންގެ ލޯބީގެ ގަހުގައި އެޅި ފުރަތަމަ މާ ފަރިވީއެވެ. ރަމީޒް އާއި އަހަންނާ ދެމީހުންގެ ސިފަތައް އެކުވެގެން އުފެދިފައިވާ ކުޑަކުޑަ ފިރިހެން ދަރިފުޅު ނުހަނު ލޯތްބެވެ.

އެހާ ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ދަރިފުޅަށްޓަކައި ވަގުފު ކުރީމެވެ. ދަރިފުޅަށް އެއްވެސް ކަމެއް އުނިވިޔަ ނުދިނުމަށެވެ. އެންމެ ފުރިހަމަ ގޮތުގައި ލޯބި ދިނުމަށެވެ. އޭރު އަހަރެމެން ދިރިއުޅެމުން ދިޔައީ ވަކިން ގެއެއްގައެވެ. ރަމީޒްގެ މަންމަގެ ފަރާތުން ލިބިފައިވާ އެ ގޭގައި ކުޑަކުޑަ ދަރިފުޅާ އަދި ފިރިމީހާއާއެކު އުޅެމުން ދިޔަ ނަމަވެސް ފަހަކަށް އައިސް ރަމީޒަށް ގޭގައި އުޅެން ލިބޭ ވަގުތު މަދުވާން ފެށިއެވެ. އަހަރެމެން ދިމާވާ ވަގުތުވެސް މަދުވާން ފެށީއެވެ. ދުވާލުދާ ހަތަރުދަމު ކުޑަމީހާގެ ކަންތަކާ އުޅެން ހަދައިގެން ރޭގަނޑު އިރު އޮއްސޭޮއިރު އަހަރެން ހުންނަނީ ވަރުބަލިވެ ގުނބުހިލިފައެވެ. ދަރިފުޅު އެހާމެ ސިޔާސައެވެ. ކާންދޭންވެސް ދެތިން ގަޑިއިރު ހޭދަވެއެވެ. އަހަންނަށް ކުރެވޭހާ ވެސް ކަމަކީ އެއްފަހަރު ކާންދިނުމަށްފަހު ދެވަނަ ފަހަރަކަށް ކާންދޭނެ އެއްޗެއް ތައްޔާރުކުރެވެނީއެވެ. ގޭތެރެ ސާފުކޮށް ރީތިކުރުމުގެ އިތުރުން އަހަރެންގެ އަމިއްލަ ހަށިގަނޑާ މެދު ވިސްނާނެ ފުރުސަތެއް ވެސް ނުލިބެއެވެ. އިސާހިތަކު އަހަރެންގެ ހަށިގަނޑުގައި މަސް ޖަހާ ފަލަވާން ފެށިއެވެ. މޫނު ވަށްވެ ހަންގަނޑުގެ އޮމާންކަން ގެއްލެން ފެށިއެވެ. އެކަނިމާއެކަނި ހުރިހާ ކަމެއްކޮށް ވަރުބަލި ފިލުވާނެ ވަގުތެއް ނުލިބޭތީ ރުޅިގަދަވާން ފެށިއެވެ. ރަމީޒް މާ ލަހުން ގެއަށް އަންނާތީވެ ގެއަށް އަންނަ ކޮންމެ ފަހަރަކު ޝަކުވާކޮށް ޒުވާބަށް ދާން ފެށިއެވެ. ވެފައި ހުންނަ ފޫއްސަކާއި ލޮޑުކަމެއްގެ ސަބަބުން ރަމީޒް ކިތަންމެ ވަރަކަށް ބުންޏަސް ބޭރަށް ދާހިތް ކުޑަވާން ފެށިއެވެ. ވަކިން ބޮޑަށް އެކަނި އުޅެމުން ކުޑަމީހާ ބާއްވާފައި ދާން ފުރުސަތުވެސް ނުލިބެނީއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ރަމީޒް މައްސަލައެއް ނުޖައްސައެވެ. ގޭގައި ހުންނަ މަދު ވަގުތުތަކުގައި އޭނައަށް ކުރެވޭ ކަހަލަ މަސައްކަތް ކޮށް އަތްގާތްކޮށްލަދެއެވެ.

ކުރީގައި ސޯޝަލް މީޑިއާއާއި ދޯޅު މީހަކަށް އަހަރެން ވިޔަސް މަސައްކަތް ތަކާ ހެދި އެކަންވެސް ހަނދާންނައްތާލީމެވެ. ދަރިފުޅުގެ ރީތިފޮޓޯއެއް ނެގިއްޖެއްޔާ ދޭތެރެއަކުން ފޭސްބުކަށް ފޮޓޯ ވައްޓާލިޔަސް އެ ވެސް ބޭނުންކުރުން ގޮތަކަށް ހުއްޓާލީމެވެ. އެ ހާލެއްގައި ދިރިއުޅެމުން ދަނިކޮށް ދެވަނަ ދަރިއަކަށް އަހަރެން ބަލިވެއިނެވެ. އޭރު ފުރަތަމަ ދަރިފުޅަށް 5 އަހަރެވެ. ދެވަނަ ދަރިފުޅު އުފަންވީވެސް މިހަކަލަ ދިރިއުޅުމެއް އުޅެމުން ދަނިކޮށެވެ. އޭރު އިތުރު ޒިންމާއެއްވެސް އޮތީކުރިމަތިވެފައެވެ. ދޮށީ ދަރިފުޅު ސްކޫލަށް ގެންދިއުމާއި ސްކޫލުގެ މީޓިން ތަކަށް ދިއުމެވެ. ދަރިފުޅު މޮޅުކުއްޖަކަށް ވެވޭނީ ގިނަ މަސައްކަތްތަކެއް މަންމަ ކޮށްގެން ކަން އަހަންނަށް އެނގެއެވެ. އެހެންކަމުން ކިތަންމެ ކުޑަ ވަގުތުކޮޅެއް ހުސްކޮށް ލިބުނަސް އެވަގުތެއް އަހަރެން ހޭދަކުރަނީ އިންޓަނެޓުން ބަލައިގެން ދަރިފުޅަށް ކިޔަވައިދޭނެ ގޮތްތައް ދަސްކުރުމަށެވެ.

ކުޑަކުޑަ ދެކުދިން ނާއެކު އަހަރެންގެ ދިރިއުޅުން އުފާވެރިއެކޭ އޭރު ނުބުނެވޭނެއެވެ. އޮތީ ހުސް މަސައްކަތެވެ. “ލޯބި” އެއީ އިރެއްގައި ވީ އެއްޗަކަށް ވެއްޖެއެވެ. ކުރީގައި އަހަރެން ލާން ގެންގުޅުނު ހެދުންތައް ފޮށްޓަކަށް އަޅާފައި އެނދު ތަންދޮށަށް ލީތާ ކިތަންމެ ދުވަހެކެވެ. ގޭތެރޭގައި މަސައްކަތުގައި އުޅޭއިރު އެންމެ ފަސޭހައީ އާދައިގެ ޓީޝާޓަކާއި ގަޔަށް ދޫ ހަރުވާޅެއްގައި ކަމުން އެއީ މުޅި ދުވަހު ހަތަރު ދަމު އަހަރެން ހުންނަ ސިފައަށް ވެ ނިމިއްޖެއެވެ. ދަރިފުޅުބަލާ ސްކޫލްދޮށަށް ދާ އިރު ލެވޭނެ މާކަގިނަ ރީތި ހެދުންތަކެއް ނެތުމުން ގަޔަށް ދޫ ޓީޝާޓް ލާން އަހަރެން ފެއްޓީ އެކިދިމަދިމާލުން ނިކުމެފައި ހުރި މަސްތައް ފޮރުވުމަށެވެ. ގިނަ ފަހަރަށް އަޅާ ބުރުގާވެސް ބޮލުގައި އޮތީމާ އަހަންނަށް ނިމުނީއެވެ. ރަމީޒް އަހަންނަށް އޭގެ އަހަރެއް ކުރިން ގަނެދިން ސެންޓްފުޅި ޖަހާލާނެ ވަގުތެއް ނުލިބޭތީ އެ ފުޅިވެސް ހުރި އަލަމާރިތެރޭގައެވެ. މިހުރިހާ ބަދަލެއް އައީ ހަމައެކަނި އަހަންނަށެވެ. 10 އަހަރު ވޭތުވެދިޔަ އިރުވެސް ރަމީޒް ހުރީ ހަމަ އޭނާގެ ގޮތުގައެވެ. ސްމާޓްކޮށް ރީތިކޮށެވެ.

އަަހަރެމެންގެ ދިރިއުޅުމަށް ތޫފާނެއް އަންނަ ކަމުގެ ސިގްނަލް އަހަންނަށް ލިބުނީ މިހުރިހާ ހާސްކަމެއްގެ ތެރޭގައި ތެޅިތެޅި އުޅެނިކޮށް ހަމަ ކުއްލިއަކަށެވެ.

އެއްރޭ އަހަރެން ކުޑަމީހާ ނިންދަވާލުމަށްފަހު ބޭރަށް ނިކުތް އިރު ރަމީޒް ސޯފާގައި އޮށޯވެގެން ފޯނާ ކުޅެން އޮތެވެ. ފޯނަށް ބަލަހައްޓައިގެން ހިނިތުންވެފައި އޮތުމުން ދިމާކޮށްލާނަމޭ ހިތާ ރަމީޒްގެ ފުރަގަހުން ސޯފާގެ ކައިރީގައި ހުއްޓިލީމެވެ. އެވަގުތު ރަމީޒްގެ ފޯނަށް އައި މެސެޖް ފެނުނެވެ. އައިލަވްޔޫ ޖަހާފައި ރީތި ހިތަކާއެކު ކުއްޖަކު ފޮނުވާލި މެސެޖަށް ރަމީޒް ވެސް ހަމައެފަދައިން ޖަވާބުދިންތަން ފެނުނެވެ.

އެވަގުތު އަހަރެން ރުޅިގަދަވިއެވެ. ކުރަނީ ކީއްހޭ އަހައި ހަޅޭލަވައިގަނެވިއްޖެއެވެ. އަހަރެންގެ އަޑަށް ރަމީޒް ސިހުނު ނަމަވެސް އޭނާ ހަމަޖެހިލިއެވެ. އަދި އަހަންނާ ދިމާއަށް ބަލާލިއެވެ. އެ ބެލުމުގައި ގާތް ކަމެއްނެތެވެ، އެއީ އަސަރެއްނެތް ހުސްބެލުމެއްކަމާއި ރަމީޒް އަހަރެން ދެކެ ފޫހިވާކަން އަހަންނަށް އިހްސާސް ކުރެވުނީ އެހިސާބުން ފެށިގެންނެވެ.

ރަމީޒް އަހަންނަކަށް ދޮގެއް ނަހަދައެވެ. އެއީ އޭނަގެ ގާލްފްރެންޑެއް ކަމަށާއި އޮފީސް ކުއްޖެއް ކަމަށް ބުންޏެވެ.

“އައިޝާ (އަސްލުނަމެއްނޫން) މުސްކުޅިވިޔަކަސް އެހެން މީހުން މުސްކުޅިވާކަށް ނުޖެހެއޭ. ބަލާބަލަ އަމިއްލަ ސިފައަށް. މީހަކު އައިޝާއަށް ހިތް ކިޔާނެ އެއްވެސް ސިފައެއް މިހާރު ނެތް. ދުވާލު ހަތަރުދަމު ބޮޑު ޓީޝާޓެއްގެ ތެރެއަށް އެރިގެން ފެންނުވަރައި ރީތި ނުވެ މަސައްކަތުގައި ހޭދަކުރާއިރު ތިމާއާއި މެދު އެހެން މީހުން ދެކޭނެ ގޮތެއް އައިޝާއަކަށް ނުވިސްނެއެއްނު. ކޮންމެ މީހަކުވެސް ރީތި އެއްޗެއްސަށާއި ރީތި ތަންތަނަށް ހިތްކިޔާނެ. އުފާވެރި މީހުންނާ ވާހަކަ ދައްކާ އުފާވާން ބޭނުންވާނެ. މިގެއިން ލިބެނީ ކޮންއެއްޗެއް. އަހަރެން އެހެން މީހަކާ އިންނަން ބޭނުން. ކިޔަވައިގެން ހުރި މޮޑެން ކުއްޖަކާ އިންނަން މި އުޅެނީ. އަހަރެން އަދި މުސްކުޅިވާކަށް ބޭނުމެއް ނޫން” ރަމީޒް ބުނަން ބޭނުންހުރިހާ ވާހަކަތަކެއް އެއް ނޭވާއިން ބުނެ ނިންމާލާފައި ބޭރަށް ދިޔައެވެ.

ބުނާނެ އެއްޗެއް އަދި ހަދާނެ ގޮތެއް ވެސް އަހަންނަކަށް ނުވިސްނުނެވެ. ދެފައި ދަމަމުން އަހަރެން ދިޔައީ ކޮޓަރިއަށެވެ. އެތަނުގައި ހުރި އިސްކޮޅާ އެއްވަރުގެ ލޯގަނޑެއްގެ ކުރިމަތީގައި އަހަރެން ހުއްޓިލީމެވެ. އަދި އަހަރެންގެ އަމިއްލަ ސިފައަށް ބަލާލީމެވެ. ހީވާގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް މިގޮތަށް އަމިއްލަ ސިފައަށް އަހަންނަށް ބެލިފައެއްނެތެވެ.

ރަމީޒް ބުނީ ހަމަތެދެކެވެ. މިއީ ރަމިޒް ލޯބިވީ މޮޑެލް އައިޝާއެއް ނޫނެވެ. މިއީ ބޮޑު މުސްކުޅިއެކެވެ. ހަށިގަނޑުގެ ބައްޓަމެއް ނެތެވެ. މޫނުމަތީގައި އަސަރެއް ނެތެވެ. އިސްތަށިގަނޑުގައި އޮފްކަމެއް ނެތެވެ. ހުރިހާ އިސްތަށި އެއްކޮށް ހުޅިއެއް ޖަހާފައި ހުރިއިރު މިއިން ޒަމާނެއްގައި ވެސް އިސްތަށިގަނޑަށް އަޅާލުމެއް ދެވުނު ކަމެއް ނޭނގެއެވެ. ފާޑެއްގެ ދޫ ޓީޝާޓަކާއި ހަރުވާޅަކާއެކު ހުރި އައިޝާ މިއީ ކާކުކަމާ މެދު އަހަރެންވެސް ވިސްނާލީމެވެ. ދަރިންގެ ކަންތަކާއި ދިރިއުޅުމުގެ ކަންތަކާ އަވަދިނެތި އުޅެން ހަދައިގެން އަމިއްލަ ނަފްސުގެ މަތިން ހަނދާން ނައްތާލެވުނީތީ ދެރަވިއެވެ.

އަހަރެން އާދޭސް ކުރީމެވެ. ރަމީޒްގެ ދެދަރިންނަށްޓަކައެވެ. އަހަރެން ކުރީގެ ދިރިއުޅުމަށް ބަދަލުވާނެ ކަމަށް ބުނީމެވެ. ކަސްރަތުކޮށް ހިކޭނެ ކަމަށް ބުނީމެވެ. އަދި ރަމީޒް ގެ އަސްލު އައިޝާ އަލުން އެނބުރި ގެންނާނެ ކަމަށް ބުނީމެވެ. އެކަމަކު ރަމީޒް އޭރު ބަދަލުވެ ނިމިއްޖެއެވެ. ދިރިއުޅުމުގައި އަހަރެން ވެސް ބަދަލުވިފަދައިންނެވެ.

ރަމީޒް އެހެން މީހަކާ ކައިވެނިކުރީ އަހަރެން ވަރިކޮށްފައެވެ. ކުދިންގެ ކަންތައްތަކަށް ބޭނުންވާ ޚަރަދު ދިންނަމަވެސް އަހަރެންގެ ކަންކަން ކުރާނެ ފައިސާ އެއް އަހަންނަކަށް ނުލިބުނެވެ. އަހަންނަކީ އެހާ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނުވުމުން ވަޒީފާ ގަނޑެއްވެސް ނުލިބުނެވެ. 10 އަހަރު ފާއިތު ވީ މީހަކަށް ބަރޯސާވެގެން އަހަރެންގެ ވުޖޫދު ހަނދާންނައްތާލާފައިކަން އެނގުނީ މާފަހުންނެވެ. ސްކޫލް ނިންމި ގޮތަށް ކޯސްގަނޑެއް ނަމަވެސް ހަދައިގެން ވަޒީފާ އަދާކުރި ނަމަ މިއަދު މައިންބަފައިންނަށް ބުރައަކަށް ވެގެން އެމީހުންގެ ފައިބުޑަށް ދާން ނުޖެހުނީހޭ ހިތަށް އަރައެވެ. ލޯބިވެތި ދިރިއުޅުމެއް ލިބުމުން ކަންފަސޭހަކޮށް އަމިއްލަ ނަފްސަށް އަޅާނުލައި ނޫޅެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ ހިތަށް އަރައެވެ.

ހަމަ ގައިމުވެސް ދެން އެއްވެސް މީހަކު އަހަރެން ދެކެ ލޯބިން އަހަންނަކާ ކައިވެންޏެއް ނުކުރާނެއެވެ. އެފަދަ ދިރިއުޅުމެއް ބޭނުންނަމަ އަހަރެން އަދި ވަރަށް ގިނަ ގުރުބާނީ ވާން ޖެހޭނެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި މީހަކާ ކައިވެނި ކުރިކަމުގައި ވިޔަސް ތިމާގެ ގޮތް އަބަދުވެސް ހިފަހައްޓަން ޖެހޭނެއެވެ. ދަރިން ލިބުމަކީ މުސްކުޅިވާން ޖެހޭނެ ކަމެއް ކަމަށް ބަލައިގެން ނުވާނެއެވެ. ގޭތެރޭގައި އަބަދު ދަރިންނާއެކު ގޭގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ފިރިމީހާ އަށް އަޅާނުލެވޭނަމަ އަޅާލުން ލިބޭ ދިމާއަކަށް ފިރިމީހާ ހިނގައި ދާނެ ކަން ވިސްނަން ޖެހޭނީ އަނބިންނެވެ. އަހަންނަށް ވިސްނުނީ މާފަހުންނެވެ!

ނޯޓް: މި ސިލްސިލާއަށް ވާހަކައެއް ހިއްސާ ކުރަން ބޭނުންފުޅުނަމަ އޭއޯނިއުސްގެ ފޭސް ބުކް ޕޭޖަށް މެސެޖް ކޮށް ދެއްވުން އެދެމެވެ.

 

2 ކޮމެންޓް
މުސްލިމް މީހާ
ފެބުރުއަރީ 20, 2019
soalih firin hoadhumuge badhalugai thimaage hashigandu dheke loabi vi firiyeh hoadheem thihurihaa kamevves thi v .
1828
ފެބުރުއަރީ 20, 2019
16 dharin things inaane firihenun vaane.